ގައުމީ ފުޓްބޯޅަ ޓީމު ފިލިޕީންސްގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު 2-2އިން އެއްވަރުވެއްޖެ އެވެ.
ފިލިޕީންސްގެ ފުރަތަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ސްޓެލިއޮން އެފްސީއާ ބައްދަލުކުރި މި މެޗުގައި ގޯލު ޖަހައިދިނީ މުހައްމަދު އުމޭރާއި އަހުމަދު އިމާޒް (އާއްކޮ) އެވެ. މި މެޗުގައި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ މުހައްމަދު އާރިފް (ބަކާ) އެވެ. އެއީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މި ވަގުތު ކުޑަ ޗުއްޓީއެއްގައި މާލޭގައި ހުރުމުންނެވެ.
ނަމަވެސް މެލޭޝިޔާ ލީގު ނިންމާފައި މިދިޔަ ހަފުތާގައި މާލެ އައި ފޯވަޑް އަންނަ މަހުގެ ތިން ވަނަ ދުވަހު ފިލިޕީންސްގެ ގައުމީ ޓީމާއެކު ރާއްޖެ ކުޅޭ މެޗުގެ ކުރިން ޓީމާ ގުޅޭނެ އެވެ.
ޕިލިޕީންސްގައި ރާއްޖެ ކޭމްޕްކުރީ ސެޕްޓެމްބަރު އަށެއްގައި ޗައިނާއާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗަށް ތައްޔާރުވުމަށެވެ. މި މެޗަށް ގައުމީ ޓީމަށް އިރުޝާދުދެނީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އެވެ. ގައުމީ ޓީމުގައި މި ވަގުތު ކޯޗަކު ނެތެވެ.