ކެފޭ ރެސްޓޯރެންޓް

ކްރޮސްރޯޑުގައި ޖަޕަނީޒް ރެސްޓޯރެންޓެއް ހުޅުވައިފި

ސޫޝީގެ އެކި ބާވަތްތަކަށް ހާއްސަ ޖަޕަނީޒް ރެސްޓޯރަންޓެއް ކަމަށްވާ "ނިހޮންބާޝީ ބްލޫ ރެސްޓޯރަންޓް" ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުޅުވައިފި އެވެ.

މި ރެސްޓޯރެންޓު ހުޅުވައި ދެއްވީ ޖަޕާނުން ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ޔަނައި ކައިކޯ އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ކްރޮސްރޯޑުގެ އިސް އޮފިޝަލުންގެ އިތުރުން ރެސްޓޯރަންޓުގެ އިސް ފަރާތްތަކެވެ.

ވޭތުވެ ދިޔަ ހައެއްކަ އަހަރު އޭޝިއާގެ އެންމެ މޮޅު ރެސްޓޯރަންޓްތަކުގައި ހިމެނެނު ނިހޮންބާޝީ ރެސްޓޯރަންޓަކީ މީގެ 25 އަހަރު ކުރިން ފެށިގެން ސްރީލަންކާގައި ހުޅުވި ސޫޝީގެ އެކި ބާވަތްތަކަށް ހާއްސަ ޖަޕަނީޒް ރެސްޓޯރެންޓެކެވެ.

ނިހޯންބާޝީގެ އިސްވެރިޔަކު ވިދާޅުވީ މި ރެސްޓޯރެންޓުން ތައްޔާރުކުރާ އެންމެ ހާއްސަ ޑިޝްއަކީ "ވާގިޔު ބީފް" ކަމަށެވެ. މިއީ ޖަޕާނުގައި ހާއްސަ ބީފް ޑިޝްއެކެވެ. މީގެ އިތުރުން ވެސް ވަޅޯ މަހާއި ސީފުޑާއި ތާޒާ މަހުގެ ބާވަތްތަށް ވެސް މި ރެސްޓޯރެންޓުގައި ތައްޔާރު ކުރާނެ އެވެ.

ކްރޮސްރޯޑުގައި ހުޅުވި މި ރެަސްޓޯރެންޓުން ފަތުރުވެރިންނާއި އެއް އަގެއްގައި ދިވެހިންނަށް ވެސް ކޮލިޓީ ރަނގަޅު ސޫޝީގެ ބާވަތްތައް ލިބެން ހުންނައިރު މި ރެސްޓޯރަންޓުގައި 15 މުވައްޒަފުން މަސައްކަތް ކުރާނެ އެވެ.