"އަހަންނަކަށް ނޭނގެ. ޔަގީންވާ ކަމަކީ އޭނާ ބަނޑުބޮޑުވިކަން،" މުހުސިނުގެ ވާހަކަތައް އަހަރެންގެ ހިތުގައި ތަކުރާރުވަމުން ދިޔައެވެ. "ނޭނގެ ކާކަށް ކަމެއް. އަހަންނަށް ވެސް ޝައްކު. އޭނާ މާލެ ގެނައީ އަހަރެން. އަންހެނުން ނިޔާވުމުން ދަރިފުޅު ބަލަން އޭނާއަށް ހަވާލުކުރިން. އަހަރެން ގޭގައި ނެތް ވަގުތު ބަލައިފަ އޭނާ ފިލީ. މާލެއިން އަހަންނަކަށް އޭނާއެއް ނުފެނުނު. ވަރަށް ހޯދިން."
އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަވަސް އަވަހަށް ޖެހިގެން އޮތް ގަނޑު އެއްލީމެވެ. އެއްވެސް އެއްޗެއް ނެތެވެ. ބާކީ ހުރި ގަނޑުތައް އުކީމެވެ. އެއްވެސް އެއްޗެއް ނެތެވެ. ގަޑިއަށް ބަލައިލެވުނެވެ. އޭރު ހަތަރެއް ޖަހަން އުޅެނީއެވެ. ދެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. ސިޓީ އުރައިގެ ތެރެއަށް ފޮތް ލުމަށްފަހު ސޯފާ ކުރިމަތީ ހުރި މޭޒުގެ ތިރީގައި ބާއްވާލީމެވެ.
ޖެހިގެން އައީ އޮފީހުގައި އަވަދި ނެތި އުޅެން ޖެހުނު ދުވަހެކެވެ. އެރޭ ވެސް އުޅެން ޖެހުނީ އޮފީހުގައެވެ. އޮފީހުގައި އޮތް ހާއްސަ ހަރަކާތަކަށް ދަރުބާރުގޭ ތައްޔާރު ކުރުމުގައެވެ. ދެފަހަރަކު ޝިފާން ގުޅިއެވެ. ޖަވާބު ދިނީ މެސެޖަކުންނެވެ. ފަހުން ގުޅާނެ ވާހަކައެވެ. މަސައްކަތުގައި އުޅުނު ގަޑީ ޒިޔާދު އަހަންނާ ދިމާއަށް ބަލަން ހުރި ކަން އިހުސާސްވިއެވެ. އޭނާ އަހަންނާ ގާތްވެލިއެވެ.
"ބިޓެއް ގެންގުޅެނީތަ؟ މާ ނޫން ކަމަށް ހެދިގެން ތި ހުންނަނީ." ޒިޔާދު ވައި އަޑުން ބުނެލިއެވެ.
އަހަރެން ހުރީ ހަފުލާއަށް ގޮނޑިތައް ތަރުތީބު ކުރާށެވެ. ޒިޔާދު އައިސް އަހަންނަށް އެހީވާ ކަމަށް ހެދުނެވެ.
"ކިހިނެއްވީ؟ މަށަށް ވެއްޖެއްޔާ ބިޓެއް ވެސް ނުލިބެންވީތަ؟" ފޫހި ރާގެއްގައި ބުނެލީމެވެ.
"މަށަށް ކަން ނޭނގެ ނުލިބޭނީ. ސަހާ ކަހަލަ ކުދީންނަށް އަބަދު ވެސް ބިޓުންވާނެ. މަށަށް މަޢާފުކޮށްފަ އަނެއްކާ ރައްޓެހިވާން ހިނގައިބަލަ." ޒިޔާދު ގޮނޑީފައި ހިފާކަމަށް ހަދައިފަ އަހަރެންގެ އަތުގައި ހިފިއެވެ.
އަހަންނަށް ބަލައިލެވުނީ ހޯލަށެވެ. ސްޓޭޖް މަތީގައި ހަސަނާއި ޒަރީޒު މަސައްކަތެއްގައި އުޅުނެވެ. ލައިޝާއާއި ވާޖިދާ ހޯލުގެ އަނެއް ފަޅީގައި ގޮނޑިތައް ތަރުތީބު ކުރާން ތިއްބެވެ. ވާސިފު ވެސް އެމީހުންނާއެކު ހުއްޓެވެ.
"އަހަންނާ ރައްޓެހިވާނެ މީހަކު ނުލިބުނަސް ކަލޭއާ ދެން ވައި ވެސް ނޭޅޭނަން." ޝަހާދަތް އިނގިލި ޒިޔާދުގެ ނޭފަތާ ދިމާއަށް ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ.
ޒިޔާދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ގާތަށް ރުޅި އައެވެ. ކައިރީގައި ހުރި ގޮނޑިތައް ހޫރައިލިއެވެ. އެއާއެކު ހޯލުގައި ތިބި އެންމެން އަހަންނާ ދިމާއަށް ދުއްވައިގަތެވެ. އަހަންނަށް ވީނުވީއެއް ނޭނގުނެވެ.
ލޯ ހުޅުވާލެވުނީ ލައިޝާގެ އަޑަށެވެ. އޭނާ އަހަރެން މޫނުގައި ފެން އުނގުޅައިލިއެވެ. ވަށައިގެން އަހަންނަށް ބަލައިލެވުނެވެ. ފެނުނީ ހާސްވެ ކަންބޮޑުވެފައިވާ މޫނުތަކެކެވެ. ލައިޝާއެވެ. ވާޖިދާއެވެ. ދުރުން ވާސިފާއި ޒަރީރު ވެސް ފެނުނެވެ. އަހަންނަށް ތެދުވެވުނެވެ. ދުރުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން ޒިޔާދު އިނެވެ. އޭނާގެ ދެ ފައި ހުއްޓުމެއް ނެތި ތަޅުވަމުން ދިޔައެވެ. ޒިޔާދު އިނީ ހާސްވެ ކަންބޮޑު ވެފައެވެ. އަހަންނަށް ބަލައިލެވުނީ ލައިޝާގެ މޫނަށެވެ. ކިހިނެއްވީ ހޭ އަހައިފަދައިންނެވެ.
"ޒިޔާދު. ގޮނޑިތައް ހޫރައިލީމަ ސަހާގެ ގައިގަ ޖެހި އަރިއަޅައިޅީ." ވައި އަޑުން ލައިޝާ ބުނެދިނެވެ. "ވެއްޓި ޖެހުނު ގޮތުން ފަޅައިގެން ދިޔައީ."
އަހަންނަށް އަތް ޖައްސައިލެވުނީ ނިތްމަތީގައެވެ. މަލަމެއްގައި އަތް ޖެހުމުން ވާޖިދާގެ މޫނަށް ބަލައިލެވުނެވެ.
"ގޮނޑީގެ ކަން ޖެހުނު ތަން ފެޅުނީ. އެހެންވެ މަލަމެއް އަޅައިފަ." ވާޖިދާ އަހަންނަށް ޖަވާބު ދިނެވެ.
"ހަސަންމެން ބޮސްއާ ހަމައަށް މައްސަލަ ގެންގޮސްފި. ހިޔެއް ނުވޭ ސަހާ މަޢާފު ނުދެނީސް ޒިޔާދު ސަލާމަތްވާނެ ހެން." ލައިޝާ ކިޔައިދިނެވެ.
އަހަންނަށް ބަލައިލެވުނީ ޒިޔާދު މޫނަށެވެ. އޭނާ އިނީ ހާސްވެ ކަންބޮޑު ވެފައެވެ. މަޑުމަޑުން ތެދުވެލީމެވެ. ލައިޝާއާއި ވާޖިދާ އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ. ދެ މީހުން ތިބީ ދެ ފަރާތުގައެވެ. މަޑުމަޑުން ކުރިއަށް ހިނގައިގަތީމެވެ.
"ޒިޔާދު." އަހަރެންގެ އަޑަށް ޒިޔާދު ބަލައިލިއެވެ.
އޭނާ ކޮޅަށް ތެދުވިއެވެ. އުނދަގޫ ގޮތަކަށް އޭނާ ހިންދިރުވާލިއެވެ. އަނގައިން ވެސް ނުބުނެ އަހަންނާ ދިމާއަށް ބަލަން ހުރީއެވެ. ކަޅި ޖަހައި ވެސް ނުލައެވެ.
"މިއަދު މި ހިނގި ހުރިހާ ކަމަކަށް އަހަރެން މަޢާފުކޮށްފިން. އެކަމު ދެން އަހަންނަށް އެއްވެސް އުނދަގުލެއް ނުކުރާނެ ކަމަށް ވަންޏާ." އަހަރެން ވަރަށް ހިތްވަރު ކޮށްފައި ބުނެލީމެވެ. "މި އުޅެނީ އެހެން ކުއްޖަކާ ރައްޓެހި ވެގެން."
ވާޖިދާއާއި ލައިޝާ އަހަރެން ކޮނޑުގައި ބާރަށް ހިފައިލިއެވެ. އަހަންނާއެކު އެމީހުން ތިބިކަން ހާމަކޮށްދިނުމަށެވެ.
"ސޮރީ. އަހަރެން ގަބޫލުކުރަން ވަރަށް މަސައްކަތް ކޮށްފިކަން އަހަންނާއެކު އުޅެން،" ކުރަކިވެފައިވާ އަޑަކުން ޒިޔާދު ބުނެލިއެވެ. "ދެން އުނދަގުލެއް ނުކުރާނަން. ދުވަހަކު ވެސް ނުކުރާނަން."
އެދުވަހާ އެކު ޒިޔާދުގެ ބާބު ވެސް ނިމި ދިޔައީއެވެ. ހީވީ ބޯމަތީގައި އޮތް ބަރު ހިލައެއް ނެގިހެންނެވެ. ބޮލަށް އެހައި ލުއި ވިއެވެ. އެނދުގައި އޮށޯވެ ހަމަޖެހިލަމުން ފޯނަށް ބަލައިލީމެވެ. ޝިފާންގެ ދެތިން މެސެޖު އޮތެވެ. ޖަވާބުދޭން ހިތަށް އަރައިފަ ގަޑިއަށް ބަލައިލެވުނެވެ. އޭރު އެއްގަޑި ބައިވަނީއެވެ. ހަފުލާ ނިންމާފައި ގެއަށް އާދެވުނީ އެކެއް ޖަހައިނިކޮށް ކަން ހަނދާންވީ ދެނެވެ.
މާދަމާއަކީ ވެސް ބޮޑު ދުވަހެކެވެ. ހުކުރު ދުވަހެވެ. މަންމަ މާލެ އަންނަ ދުވަހެވެ. ޝިފާން ވެސް މަންމައާ ބައްދަލު ކުރަން ދާން އޮތީ ނިންމާފައެވެ. މަންމައަށް އާދެވޭނީ ހެނދުނެވެ. އެހެންވެ އަވަހަށް ނިދައިލެވޭތޯ ބަލައިލީމެވެ. ހޭލެވުނީ ޝިފާން ގުޅާތީއެވެ. އަހަންނަށް ގަޑި ބަލައިލެވުނެވެ. އޭރު އަށެއް ޖަހަނީއެވެ.
"ސާބަސް ނިދަންމިޔަރެއް ކައިލަންގެތަ އެނދަށް އެރީ؟" ޝިފާން ދިމާކޮށްލިއެވެ. "ދެން ތެދުވާން އުޅޭ. މަ ދާނަށް ތި ގެ ކައިރިއަށް ބަލާ."
އެ ދުވަސްވެގެން ދިޔައީ އުފާވެރި ދުވަހަކަށެވެ. ޝިފާންއާއެކު ގިނަ ވަގުތުތަކެއް ހޭދަ ކުރެވުނު ތަފާތު ދުވަހަކަށެވެ. މަންމައަށް ޝިފާން ތަޢާރަފުވެ، މަންމަގެ ރުހުން ވެސް ލިބުނު ދުވަހަކަށެވެ.
"މަންމާ! އޮންނާނެ ސޯފާ ކައިރީގައި ހުރި މޭޒު ތިރީގައި ހުދުކުލައިގެ ސިޓީ އުރައެއް. އޭގައި ފޮތެއް އޮތްތޯ ބަލައިބަލަ." އަހަރެން ފޯނުން ވާހަކަ ދެއްކީ މަންމައާއެވެ.
"އެބަ އޮތް. ވަރަށް މުސްކުޅި ފޮތެއް،" މަންމަ ބުނެލިއެވެ. "ކިހިނެއް ހަދަންވީ؟"
"ޝިފާން ދާނެ ތި ބަލާ އިރުކޮޅަކުން. ސިޓީ އުރައަށް ލައިފަ އޭނައަށް ދީބަލަ އެ." އަހަރެން ބުނެލީމެވެ.
އަހަރުމެން ތިބީ ހޮސްޕިޓަލުގައެވެ. އަހަންނާއެކު ޝިފާން ވެސް އިނެވެ. ހަބީބުގެ ޑޮކުޓަރު ވެސް އިނެވެ. އަހަރުމެން އެތަނަށް ގެނުވީ ހަބީބު ބައްދަލުކޮށްލަން ބޭނުންވުމުންނެވެ. އޭގެ ކުރިން ބައެއް ވާހަކަތައް ޑޮކުޓަރު އަހަރުމެންނާ ހިއްސާކުރަން ބޭނުންވީއެވެ.
"ސަހާއާ ބައްދަލު ކުރާން ހަބީބު ބޭނުން ވަނީ. ނޭނގެ ކީއްވެ ކަމެއް؟" ޑޮކުޓަރު ކިޔައިދިނެވެ. "އެކަމަކު އޭނާ ކިޔަނީ އެހެން ނަމެއް؟ ސަހާއެއް ނޫން. ދެން ވަރަށް އުނދަގުލުން އެނގުނީ އެއީ ސަހާކަން."
"ޒުނޭ!" އަހަންނަށް ބުނެވުނެވެ.
"އާން. ކިހިނެއް ސަހާއަށް އެނގުނީ؟" ޑޮކުޓަރު އަހައިލިއެވެ.
"ދެ ފަހަރަކު އެހެން ބުނީމަ." ޝިފާން އިސްނެގިއެވެ.
"އެ ނަމާ ހަބީބުގެ ދިރިއުޅުމާ ވަރަށް ބޮޑަށް އެބަ ގުޅޭ. އޭނާ އެ ވާހަކަތައް ކިޔައިދޭން ބޭނުމެއް ނުވޭ. ބުނަނީ ހަނދާނެއް ނެތޭ. ނަން އެކަންޏޭ ހަނދާން ވަނީ." ޑޮކުޓަރު ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"ކީއްވެ ސަހާއަށް އެހެން ކިޔަނީ؟" ޝިފާން ހައިރާން ކަމާއެކު އަހައިލިއެވެ.
"އެ ބުނާ ޒުނޭއާ ވައްތަރު ވަނީ ކަމަށް ވެދާނެ." ޑޮކުޓަރު އަހަންނާ ދިމާއަށް ބަލައިލިއެވެ.
ވާހަކަދައްކަންވީ ކަމެއް ނޫނީ އިންނަންވީ ކަމެއް އަހަންނަކަށް ނޭނގުނެވެ. ހައިރާންކަމާއެކު އަޑު އަހަން އިނދެވެނީއެވެ. އޭރު އަހަރެން ދެ ލޮލަށް ކަރުނަތައް ގިނަވަމުން ދިޔައެވެ. ހިތު ވިންދު އަވަސްވަމުން ދިޔައެވެ.
"އެއީ ހަބީބުގެ އަނބިމީހާއަށް ކިޔާ ނަން." އަހަންނަށް ބުނެވުނީ އެވަރަށެވެ.
ގިސްލެވެން ފެށުނީއެވެ. ޝިފާން އަހަރެން ކޮނޑުގައި ހިފައިލިއެވެ.
"އަހަނ. ހުއްޓައިލާ! ހިތްވަރު ކޮށްފަ ވީގޮތް ބުނެދީ." ޑޮކުޓަރު މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
"އެ ތެދެއް." ޝިފާން އަހަންނަށް ހިތްވަރު ދިނެވެ.
ހަބީބުގެ ޑައިރީގައި ހުރި ވާހަކަތައް ހުލާސާކޮށް އަހަރެން ކިޔައިދިނީމެވެ. ޑޮކުޓަރާއި ޝިފާން ވެސް ހައިރާން ކަމާއެކު އަޑުއަހަން ތިއްބެވެ.
"އެ ފިރިހެން މީހާއަށް ކިޔަނީ ކޮން ނަމެކޭ؟" ޝިފާން ސުވާލުކޮށްލިއެވެ.
"މުހުސިން."
"މުހުސިން؟" ޝިފާން ކޮޅަށް ތެދުވިއެވެ. އޭނާ ހާސްވެ ކަންބޮޑުވާން ފެށިއެވެ.
"ކިހިނެއްވީ؟" އަހަންނަށް އަހައިލެވުނެވެ.
"ޝިޓް." ޝިފާން ކަނާއަތް މުށްކަވާލުމަށް ފަހު ވައަތް ތިލައިގައި މަޑުމަޑުން ޖަހައިލިއެވެ. ކަމެއް ގޯސްވުމުން ފެންނަ ކުލަވަރު އޭނާގެ މޫނުމަތިން ފެންނަން ފެށިއެވެ.
"އެކުސިޑެންޓުވީ. ވަރަށް އަނިޔާ ވެސް ވި. އޭނާގެ މެދު ދެ ދަތް ބިނދިފަ ހުންނާނީ. ކަނާއަތު ފަޔަށް ގެއްލުން ލިބުމުން ކޮރު ޖަހަމުން ހިނގާނީ ވެސް. ހަނދާނުގަ މައްސަލައެއް ވެސް އުޅޭނެ. ބައެއް ވާހަކަ ހަނދާން ހުންނަނީ ވެސް. ވަރަށް ބަލި ވެސްވި. އޭނާއަށް ރަނގަޅު ވަންދެއް ބެލީ ބައްޕަ. އެއް ދުވަހަކު ބޭރުން އައިސް ބުނަނީ ޒުނޭ މާލޭގައި އުޅޭ ކަމަށް. އަހަރުމެން ދެމީހުން ދިޔައީ އޭނާ ހޯދަން. ހަބީބު ބުނިގެ ކައިރީ ތިއްބާ ޒުނޭ ނުކުތީ ބޭރަށް. އޭނާއަށް އަހަންނާ ހަބީބުއާ ފެނުމުން ދުވެފައި ދިޔައީ." ޝިފާންގެ ބައްޕަ ލަސްލަހުން ކިޔައިދިނެވެ. "ޒުނޭ ވަރަށް ބާރަށް ދުވެފައި ދިޔައީ. ހަބީބަށް ބާރަށް ނުހިނގޭތީ އޭނާ ބުނީ އަހަރެން ގާތު ބާރަށްދާން. ޒުނޭ ފަހަތުން ދަނިކޮށް އަހަންނަށް މިހެން ވީ."
ޝިފާންގެ ބައްޕައާ ބައްދަލުކުރަން އަހަރެން އެގެއަށް ގެނައީ ޝިފާނެވެ. ހަބީބުގެ ވާހަކަތައް އެހުމުން މުހުސިން ކަންވީ ގޮތް ކިޔައިދިނެވެ.
"ޝިފާންގެ ބައްޕައަށް އެހެންވީ ކީއްވެ؟" އަހަރެން ސުވާލު ކުރީ ޝިފާނަށެވެ.
"މަތިން ވެއްޓުނު ދަގަނޑެއް ފަޔަށް ވަނީ. އެއާއު ވެއްޓުނު ސިމެންތި ބަސްތާއެއް ކޮނޑުގައި ޖެހި ކޮނޑު ވެސް ބިނދުނީ. އުނަގަނޑަށް ވެސް އަނިޔާވީ. ދެން އެފަޅިން ވަރު ދިޔައީ." ޝިފާން ހިންދިރުވައިލިއެވެ.
އަހަރެން ފެންކަޅިވިއެވެ. ޝިފާންގެ ބައްޕައަށް ޖެހުނު ހާލު ހިތަށް އެރުމުންނެވެ.
"އެ އަންހެން މީހާއަށް ކިޔަނީ ކޮން ނަމެއް؟" އަހަރެން ބޭނުންވީ ޔަގީން ކޮށްލާށެވެ.
"އަސްލު ނަމެއް ނޭނގެ. އެންމެން ވެސް ކިހަނީ ޒުނޭ،" މުހުސިން ބުނެދިނެވެ. "ކަނބުލޮއާ ވައްތަރު ޒުނޭ ވެސް. ހަމަ ތިހެން ހުންނާނީ."
ޝިފާން ބަލައިލީ އަހަރެންގެ މޫނަށެވެ.
"ކަނބުލޮ މަންމައަށް ކިޔަނީ ކޮން ނަމެއްތަ؟" މުހުސިން އަހައިލިއެވެ.
"ވަރުދާ!"
ޝިފާން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
"މަންމަ އެ ގުޅަނީ؟" އަހަރެން ފޯނަށް ބަލައިލަމުން ޝިފާނަށް ދައްކައިލީމެވެ.
"ކަމެއް ޖެހިގެން ނުދެވިފަ މި ތިބީ." އަހަރެން ބުނެލީމެވެ.
ބަދަލުގައި މަންމަ ފެށީ ރޯށެވެ.
"އާދެބަލަ." ގިސްލަމުން ގިސްލަމުން މަންމަ ބުންޏެވެ.
ޝިފާންއާއެކު އަހަރެން ގެއަށް އައީމެވެ. ވެގެން އުޅޭ ގޮތް ނޭނގޭތީ އެތައް ސުވާލެއް ބޮލަށް ލައިގެންނެވެ. ގެއަށް ވަން އިރަށް ވެސް މަންމަ ފެށީ ރޯށެވެ. އަހަރެންގެ ގައިގައި އޮޅުލައިގަނެގެން ހުރެއެވެ. މަންޒަރު ބަލަން ޝިފާން ވެސް ހުއްޓެވެ.
"މަންމާ! ވީ ގޮތެއް ބުނެދީބަލަ." ސޯފާގައި މަންމަ ބޭންދީމެވެ.
"ދަރިފުޅާ މަންމައަށް މަޢާފުކުރާތި!" މަންމަ އަހަރެންގެ މޫނުގައި ދެ އަތުން ފިރުމައިލިއެވެ. "ދަރިފުޅު މަންމައަށް ހިތްބުރަ ނުކުރާތި!"
"މަންމާ! ތި ދައްކަނީ ކޮން ވާހަކައެއްތަ؟"
މަންމަ އަހަންނަށް ދިއްކޮށްލީ ހަބީބުގެ ފޮތެވެ. އޭނާގެ ޑައިރީއެވެ.
"މީގައި މި ބުނާ ޒުނޭ އަކީ.. ޒުނޭއަކީ މި މަންމަ." މަންމަ ރޯން ފެށިއެވެ.
"ވަޓް!" އަހަންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
ޝިފާން ވެސް ފަހަތަށް އެއްލިގެން ދިޔައެވެ. ދަތި ގޮތަކަށް އޭނާ ހިންދިރުވާލި މަންޒަރު އަހަރެން ދުށީމެވެ.
"އާނ. ހަބީބު ލޯބިން އަހަރެން އެންމެ ކުޑަ އިރުއްސުރެ ކިޔަން ފެށިނަން ހަރުލީ،" މަންމަ ބުނެދިނެވެ. "އަހަންނަކަށް ކަންކަން ހިނގައިދިޔަ ގޮތެއް ނޭނގެ. އަހަންނަކަށް މުހުސިން އަހަންނާ ބެހުނު ކަމެއް ނޭނގެ. މި ކިޔައިލީމަ އޭރު ކުރެވުނު ޝައްކުތައް ޔަގީން ވެސް ވެއްޖެ."
"ތިބުނީ؟" ޝިފާން ސުވާލުކުރަން ފެށިއެވެ.
"ހެނދުނު ހޭލާއިރު އަހަންނަށް އޮވެވޭ ގޮތް. އަހަރެން ހީކުރަނީ ނިދީގައި ގޮތަކަށް އުޅެވެނީއޭ. މާބަނޑުވުމުން ނިދި ގަދަވީ ކަމަށް. މިހާރު އެނގިއްޖެ އެއީ މުހުސިނު ކަމެއްކަން. އޭނާ ގޭތެރޭ އުޅެމުން ބުނާ ވާހަކަތަކުން ވެސް އޭރު ވެސް ޝައްކުވި." މަންމަ ކިޔައިދިނެވެ.
ޝިފާން އަހަރުމެންނަށް ފުރަގަސްދިނެވެ. އޭނާ ގެއިން ބޭރަށް ނުކުންނަށް ހިނގައިގަތެވެ.
"ޕްލީޒް. އަހަންނަށް ވާނުވާ ސާފުކޮށްދީ! ޕްލީޒް! އަހަރެން ބޭނުންވަނީ ޝިފާން." އަހަރެން ޝިފާންގެ އަތުގައި ހިފީމެވެ. ރޮމުން ގިސްލަމުންނެވެ.
"އަހަންނަށް ވެސް މި ހުރެވެނީ ކުރާންވީ ކަމެއް ބުނާންވީ އެއްޗެއް ނޭނގިފަ. ކަންކަން އެނގެމުންދާ ވަރަކުން ދެން އެއްޗެކޭ ކިޔޭނީ ވެސް. ސަހާއަކީ ކާކުގެ ކުއްޖެއް ކަމެއް ވެސް މިހާރު ސާފެއް ނޫން. އަހަންނަކީ ވެސް." ޝިފާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ގޮތް ހުސްވަމުން ދިޔައެވެ.
"ދެން އޮތް ގޮތަކީ ޑީއެންއޭ ހެދުން. އެންމެންގެ ޑީއެން އޭ އިން ޔަގީން ކުރެވޭނެ." އަހަރުމެންނަށް ލަފާ ދިނީ ޑޮކުޓަރެވެ.
އެއީ އެންމެ ރަނގަޅު ގޮތްކަމަށް އަހަރުމެންނަށް އެއްބަސް ވެވުނެވެ. މަންމައާއި ޝިފާންގެ ބައްޕަ ވެސް އެކަމަށް އެއްބަސްވިއެވެ.
އަހަންނާއި މަންމައާއި ޝިފާން އިނީ ޑޮކުޓަރުގެ ކޮޓަރީގައެވެ. މައްސަލައިގެ ގޮތުން ޑޮކުޓަރު ބޭނުންވީ އަހަރުމެންނާ ބައްދަލު ކޮށްފައި ނަތީޖާ ހިއްސާކުރާށެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ހަގީގަތް މިއަދު ހާމަވާނެއެވެ. ގަބޫލުކުރަން ބޭނުން ވިޔަސް ނުވިޔަސް ހަގީގަތް ވާނީ ހަގީގަތަށެވެ. ޑޮކުޓަރު ބުނާ ވާހަކައަކުން އަހަންނާ ޝިފާންގެ ގުޅުމަށް އެހެން ނަމެއް ދޭން ޖެހިދާނެއެވެ. ހަބީބާ މެދު އެހެން ގޮތަކަށް ދެކެން ވެސް ޖެހިދާނެއެވެ. ޝިފާންގެ ބައްޕައާ މެދު ވެސް އަހަންނަށް އެހެން ނަޒަރަކުން ބަލަން ޖެހިދާނެއެވެ.
އެންމެ ބޮޑު ރޯޅިއެއް އަންނަނީ އަހަންނަށެވެ. އަހަރެންގެ ހަޔާތަށެވެ. އަހަރެންގެ ގަބޫލުކުރުން ތަކަށެވެ. މި ހުރިހާ ދުވަހު އޮޅުންބޮޅުން ވެފައި އޮތް ހަގީގަތް މިއަދު ހާމަވާނެއެވެ. މައިންބަފައިންގެ މާޒީގެ ރަހަ އަހަންނަށް ބަލަން ޖެހޭނެއެވެ. އެއީ ހިތި އެއްޗަކަށް ފޮނި އެއްޗަކަށް އެކަމެއް ބަދަލެއް ވެސް ނުކުރެވޭނެއެވެ.
"ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ކެތްތެރިކަން އިސްކުރާތި! ތިޔައީ ވަރަށް ކެތްތެރި ދެ ޒުވާނުން. ޖަޒުބާތުގައި ޖެހި އެއްވެސް ކަމެއް ނުކުރާތި!" ޑޮކުޓަރު ބަލައިލީ އަހަރެންގެ މޫނަށެވެ.
އަހަރެން އިނީ ނޭވާ ހިފަހައްޓައި ލައިގެންނެވެ. އަހަންނަށް ބަލައިލެވުނީ ޝިފާން އަށެވެ. ޝިފާން ދެ ތުންފަތް ކައިރިކޮށްލިއެވެ. އޭނާގެ އަތުގެ ލޯޅިތައް ކޮޅަށް ޖެހިފައި ހުރި މަންޒަރު އަހަންނަށް ފެނުނެވެ. އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ހީގަނޑެއް ވެރިވެ ގަތެވެ. ކޮނޑުގެ މަސްތައް ތުރުތުރު އަޅަމުން ދިޔައެވެ. މަންމަ އިނީ އިސްޖަހައި ލައިގެންނެވެ.
"މި ޓެސްޓު ތަކުގެ ނަތީޖާ ދައްކާ ގޮތުން،" ޑޮކުޓަރު ލަސްލަހުން ބުނެދިނެވެ. "ސަހާގެ ޑީއެން އޭއާ ދިމާވަނީ..."
ޝިފާން ބަލައިލީ ޑޮކުޓަރުގެ މޫނަށެވެ. އަވަސްކުރާށޭ ބުނާ ފަދަ ގޮތަކަށެވެ.
"ހަބީބުއާ. ޝިފާންގެ ޑީއެންއޭ އާ ދިމާވަނީ މުހުސިންއާ. އެހެންވީމަ މެޑިކަލީ ޕްރޫފް ކޮށްދެވެނީ މި ސަހާގެ ބައްޕައަކީ ހަބީބުކަން،" ޑޮކުޓަރު ހިނިތުންވެލިއެވެ. "ދެން ގާނޫނީ ގޮތުން ނޫނީ ދީނީ ގޮތުން، އޮންނަ ގޮތް އެބޭބޭފުޅުންގެ ލަފާ ހޯދައިގެން ސާފުކުރުން ރަނގަޅުވާނެ. އަޅުގަނޑުމެން ޔަގީންކަން ދެން މި ޓެސްޓުތަކަކީ ސައްހަ އެއްޗެއްކަން."
ޝިފާން މޫނުގައި އަތް އަޅައިލިއެވެ. އަހަންނަށް ވެސް ހިތައި ހިތުން ހަމުދުކުރެވުނެވެ. އަހަންނަށް ވިސްނައިލެވުނެވެ. މަންމައާއި ބައްޕަގެ ގުޅުމަށް ތަގުދީރު އެރި ހުރަސްތަކެވެ. ދެމީހުން ދެ ތަނެއްގައި އުޅުނު ދަތިހާލެވެ. މާމަގެ މަކަރުވެރި ރޭވުމެވެ. އަހަންނަށް ޓަކައި އެކަނިމާ އެކަނި މަންމަ އެ އުފުލި ބުރައެވެ. އެހެން ރަށަކަށް އަރުވާލެވިގެން އެ އުޅުނު ދަތި ހާލެވެ. އެ ހިތްދަތި މާޒީއެވެ. ދެރަ ނުވަން ހުއްޓަސް އެ ހަނދާންތައް އާވުމުން ދެރަވާނެއެވެ. އެ ވާހަކަތައް އިވުމުން ދެރަވެ ހިތުގައި ޖެހެނޭއެވެ.
މިއަދު އަހަރުމެން މިއުޅެނީ ވަރަށް އުފަލުގައެވެ. ބައްޕައާއި މަންމައާއެކުގައެވެ. މިއަދު އެ ހުރިހާ ވާހަކަތަކާއި ހާދިސާތަކެއް އެއީ އަހަރުމެންގެ މާޒީއެވެ. މިއަދަށް ޓަކައި މަންމައާއި ބައްޕަ އުފުލި ބުރަތަކެވެ. ވޭންތަކެވެ. އެހަނދާން އާވުމުން އަދިވެސް ބައެއް ފަހަރު ދެރަވެއެވެ. ހިތުގައި ޖެހެއެވެ. (ނިމުނީ)