ލައިފްސްޓައިލް

ގެއްލުނު ބަންގްލަދޭޝް މީހަކު 48 އަހަރު ފަހުން ފެނިއްޖެ

ބަންގްލަދޭޝް މީހަކު ގެއްލުނުތާ 48 އަހަރު ފަހުން އޭނާގެ އާއިލާއަށް އެމީހާ އާ ބައްދަލު ވެވޭގޮތް ވެއްޖެ އެވެ. އާއިލާގެ މީހުންނަށް އެ މީހާ ހޯދުނީ ފޭސްބުކްގައި ޝެއާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެއީ އެ މީހާ ބަލިވެގެން ފަރުވާ ކުރަން އެހީތެރިކަން ހޯދަން ޖެހި ޕޯސްޓެކެވެ.

ހަބީބުއްރަހްމާން ގެއްލުނީ 1972 ގައެވެ. އޭރު އޭނާގެ އުމުރުން 30 އަހަރެވެ. އާމްދަނީހޯދަން ވިޔަފާރިކުރާ ހަބީބުއްރަހްމާން ގެއްލުނުއިރު އޭނާގެ ހަތަރު ދަރިން ވެސް ތިއްބެވެ. ބަންގްލަދޭޝްގެ ޝާހްޓްގައި ދިރިއުޅޭ ހަތަރު ކުދިންގެ ބައްޕަ ހަބީބުއްރަހްމާން އަކީ ވިޔަފާރިވެރިއެކެވެ. އޭނާ ގެއްލުނީ ވިޔަފާރީގެ ކަމަކު ޗިޓަގޮންގް އަށް ކުރި ދަތުރެއްގައި ކަމަށް އޭނާގެ އާއިލާ އިން ބުނެފައި ވެއެވެ.

ހަބީބުއްރަހްމާން ގެއްލުމުން އޭނާ ހޯދަން އާއިލާއިން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ހިލަމެއް ނުވުމުން ހޯދުން ހުއްޓާލިތާ ވެސް މިހާރު އެތައް އަހަރެއް ފާއިތު ވެއްޖެ އެވެ. އަދި އާއިލާގެ ގިނަ މީހުން މިހާރު ދިރިއުޅެނީ ބަންގްލަދޭޝް ނޫން އެހެން ގައުމުތަކުގަ އެވެ.

އޭނާ ފެންނަން މެދުވެރިވީ އެމެރިކާގައި މިހާރު ދިރިއުޅޭ ހަބީބުއްރަހްމާންގެ ކާފަ ދަރިއެއްގެ އަންހެނުންނަށް ފޭސްބުކުން އޭނާ އެހީތެރިކަމަށް އެދޭ ވީޑިއޯ އެއް ފެނުމުންނެވެ. ހަބީބުއްރަހްމާން ދިރިއުޅެމުން ދިޔައީ މައުލުވީބާޒާރު ޑިސްޓްރިކްޓްގައި ހުންނަ ސޫފީން އަޅުކަންކުރަންދާ ތަނެއްގައި ކަމަށް ފާއިތުވީ ފަސް އަހަރުއްސުރެ އޭނާ ބަލަހައްޓަމުން އަންނަ ރަޖިޔާ ބޭގަމް ބުނެފައި ވެއެވެ.

މި މަހުގެ ކުރީކޮޅު ހަބީބުއްރަހްމާން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އަތް ބިންދައިގެން ގޮސްގެންނެވެ. ނަމަވެސް އޭނާގެ ސާޖަރީ އަށް ހަރަދުކުރާނެ ފައިސާ ނެތިގެން ހަދާނެ ގޮތެއް ނެތިގެން ރަޖިޔާ ބޭގަމް އެދިގެން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އެހެން މީހަކު ހަބީބުއްރަހްމާން އެހީތެރިކަމަށް އެދޭ މަންޒަރު ވީޑިއޯކޮށް ފޭސްބުކަށް އަޕްލޯޑް ކޮށްދިނީ އެވެ. މި ވީޑީއޯ މިލިއަނަކަށް ވުރެ ގިނަ މީހުން ޝެއާކޮށް ބަލާފައި ވެއެވެ.

މި ވީޑިއޯ އެމެރިކާގައި ހުރި ހަބީބުއްރަހްމާންގެ ކާފަދަރިއެއްގެ އަންހެނުންނަށް ފެނިގެން ޝާހްޓްގައި ތިބި އެ އާއިލާގެ މީހުންނަށް އެންގީ އެވެ. ހަބީބުއްރަހްމާންގެ 13 ކާފަދަރިންގެ ތެރޭގައި ހިމެނޭ ކެފާޔަތު ހަސަން ބުނި ގޮތުގައި ކާފަގެ ހަބަރު ލިބިގެން އެމީހުން އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔުމުން ގެއްލިފައިވާ ކާފަ ފެންނަން މެދުވެރިވީ އެވެ.

ވިހި އަހަރުގެ ކެފާޔަތު ބުނި ގޮތުގައި ކާފަޔަށް މިހާރުވެސް އޭނާގެ އަންހެނުންނާއި ދަރިންގެ ނަންތައް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ނަމަވެސް މާމަ މިހާރު ދުނިޔޭގައި ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ކާފަޔަކަށް އަހަރެމެންނެއް ވަކިކުރާކަށް ނޭނގުނު. ނަމަވެސް އަހަރެންގެ ބައްޕަގެ ދެބެންގެ ދެދަރި މީހުން ފެނުނީމާ އެނގުނު. ކާފަ އުފަލުން ގޮސް ވަރަށް ރުއި،" ކެފާޔަތު ބުންޏެވެ.

ކެފާޔަތު ބުނި ގޮތުގައި މާމަ އާއި ބޮޑުބޭބެއިންގެ ވާހަކަ ވެސް ކާފަ ވަރަށް އެހި އެވެ. މާމަ ދުނިޔޭގައި ނެތްކަން އެނގުމުން ވެސް ކާފަ ވަރަށް ދެރަވި ކަމަށް އޭނާ ބުންޏެވެ.

ހަބީބުއްރަހްމާން ގެއްލުނީ ކީއްވެގެން ކަމެއް އޭނާގެ އާއިލާގެ މީހުންނަކަށް ނޭނގެ އެވެ. ނަމަވެސް އެހާ ޒަމާން ކޮށްފައިވެސް ފެނުމުން އެމީހުން ތިބީ ވަރަށް އުފަލުންނެވެ. ހަބީބުއްރަހްމާން ގެއްލުނުއިރު އޭނާގެ ތިން ވަނަޔަށް ހުރި ފިރިހެން ދަރިފުޅު ޖަލާލުއްދީނަށް އެންމެ ދޮޅު އަހަރެވެ. އޭނާ ބުނި ގޮތުގައި ބައްޕަ ނެތީމަ އޭނާ އަބަދުވެސް ވަރަށް ދެރަވެ އެވެ. ބައްޕަ ގެއްލުނުއިރު އޭނާ ކުޑަކަމުން ބައްޕަ ހުންނަ ގޮތެއް ވެސް ހަނދާނެއް ނެތް ކަމަށާއި ނަމަވެސް މިހާ ގިނަ ދުވަސް ކޮށްފައި ވެސް ބައްޕަ ފެނުނީމަ ވަރަށް އުފާވި ކަމަށް ޖަލާލުއްދީން ބުންޏެވެ.

ޖަލާލުއްދީން އިތުރަށް ބުނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ދިރިއުޅޭ އެ އާއިލާގެ އެންމެން މިހާރު ކާފަޔާ ބައްދަލުކޮށް އާއިލާގެ ބޮޑު އެއްވުމެއް ބާއްވަން އެ ރަށަށް އަންނަން ދަތުރު ފަށާފައިވާ ކަމަށެވެ.