ލައިފްސްޓައިލް

އިންޑިއާގެ ރެޕަންޒަލް އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ

Jan 22, 2020
1

އެންމެ ދިގު އިސްތަށީގަނޑެއް އޮތް ޓީންއޭޖް ކުއްޖާގެ ދުނިޔޭގެ ރެކޯޑް އިންޑިޔާގެ އަންހެންކުއްޖަކަށް ލިބިއްޖެ އެވެ. އިސްތަށިގަނޑު ކޮށަން ސެލޫން އަކަށް ކުރެވުނު ހިތްހަމަނުޖެހޭ ތަޖުރިބާއަކަށްފަހު މި އަންހެންކުއްޖާ އިސްތަށިގަނޑު ނުކޮށާތާ މިހާރު 10 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ނިލާންޝީ ޕަޓޭލް އަކީ އިންޑިއާގެ ގުޖްރާތު ސްޓޭޓުގެ މޮޑާސާ ނަމަކަށް ކިޔާ ކުޑަކުޑަ އަވަށަކަށް ނިސްބަތްވާ 17 އަހަރުގެ އަންހެންކުއްޖެކެވެ. ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް ނިލާންޝީގެ ނަން 2018 ގެ ޑިސެމްބަރުގައި އެރިއިރު އޭނާގެ އިސްތަށިގަނޑުގައި 170.5 ސެންޓިމީޓަރު (5.59 ފޫޓު) ހުއްޓެވެ. ނިލާންޝީގެ އިސްތަށިގަނޑުގައި މިހާރު 190 ސެންޓި މީޓަރު ހުރެ އެވެ.

ނިލާންޝީގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ހުރި ހަމައެކަނި ދަރިފުޅަކީ މިހާރު މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކުއްޖެކެވެ.
ރައްޓެހިންނާއި ކްލާސް ކުދިން ނިލާންޝީ އާ މުޚާތަބުކުރަނީ "ރެޕޮންޒަލް"ގެ ނަމުންނެވެ.

ނިލާންޝީ ބުނި ގޮތުގައި މީގެ 11 އަހަރު ކުރިން އޭނާ އެމީހުންގެ ގެއާ ކައިރީގައި ހުރި ސެލޫނަކަށް ބޯކޮށަން ދިއުމުން ވަރަށް ހިތްހަމަނުޖެހޭ ކަންތައްތަކެއް ދިމާވި އެވެ. އޭގެ ފަހުން އޭނާ ބޯ ކޮށަން ޖެހިލުންވީ އެވެ. އޭނާގެ މައިންބަފައިން ވެސް ގަދަކަމުން އޭނާގެ އިސްތަށިގަނޑު ކޮށަން ބޭނުން ނުވާތީ އެގޮތަށް ގިނަ ދުވަސްތަކަކު ނުކޮށާ ބޭއްވުނީ ކަމަށާއި މިހާރު އޭނާގެ އިސްތަށިގަނޑަކީ އޭނާގެ ނަސީބާ ގުޅިފައިވާ އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާގެ އިސްތަށިގަނޑު ދިގުކަމުން ބިންމަތީ ކޭއްތިދާނެތީ އޭނާއަށް އަބަދުވެސް ޖެހެނީ ވަރަށް ފުންނާބު އުސް ފައިވާނަށް އަރައިގެން އުޅޭށެވެ. ނިލާންޝީ ބުނި ގޮތުގައި އޭނާގެ އިސްތަށިގަނޑު ބެލެހެއްޓުމުގައި އޭނާއަށް އެހީތެރިވަނީ މަންމަ އެވެ.
"ފުރާވަރުގެ ކުދިން ގޮތަށް އަހަރެން ވެސް އިސްތަށިގަނޑަށް ވަރަށް ފަރުވާތެރިވެ ބަލަހައްޓަން. ހަފުތާއަކު އެއް ފަހަރު އިސްތަށިގަނޑު ދޮވެ ހަފުތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ތެޔޮ ވެސް ލަން. އިސްތަށިގަނޑު ހިއްކަނީ އަވީގައި އިނދެގެން ނުވަތަ ހެއާ ޑްރަޔާ އިން،" އިންޖިނޭރަކަށް ވުމުގެ ހުވަފެން ދެކެމުންދާ ނިލާންޝީ ބުންޏެވެ.

ނިލާންޝީ ބުނީ އޭނާ ގިނަ ފަހަރަށް އިސްތަށިގަނޑު ބާއްވަނީ ގަތާފަ އެވެ. އަދި ކުޅިވަރުތައް ކުޅޭ ވަގުތުގައި ހުޅި ޖަހާފައިވެސް ބާއްވާ ކަމަށް އޭނާ ބުންޏެވެ. އޭނާއަށް އިސްތަށިގަނޑާ ހެދި އެންމެ އުނދަގޫވަނީ ފަތާއިރު ކަމަށް ވެސް ނިލާންޝީ ބުންޏެވެ.