ހަބަރު

އިލެކްޝަން ކޮމިޝަނަށް ފަޔާޒު ކުރިމަތިލަނީ

Jan 22, 2020
4

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ކުރިމަތިލާން ނިންމަވައިފި އެވެ.

ފަޔާޒު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަން ޔަގީން ކޮށްދެއްވާ ކަމަށެވެ.

ފަޔާޒު އިލެކްޝަން ކޮމިޝަނަށް ކުރިމަތިލާން ނިންމާފައިވާ އިރު، މީގެ ކުރިން އޭނާގެ މަގާމު ގެއްލިފައިވަނީ ސްޕްރީމް ކޯޓުން ބެލި ސުމޯޓޯ މައްސަލައެއްގައި އެ ކޮމިޝަނުގެ ރައީސް ކަމުގައި އޭރު ހުންނެވި އަދި މިހާރުގެ މެމްބަރު ފުއާދު ތައުފީގާއި، އޭނާގެ މަގާމު ހުސްވެއްޖެ ކަމަށް އެ ކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ.

ފަޔާޒު އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލާން ނިންމާފައި ވަނީ އެ ކޮމިޝަނުގެ މެމްބަރެއްގެ ދައުރު އަންނަ މާޗު މަހުގެ 23 ވަނަ ދުވަހަށް ހަމަވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލުމާއި ގުޅިގެންނެވެ.

އީސީގެ މެންބަރުންގެ ތެރެއިން އެ ދުވަހަށް މެންބަރު ކަމުގެ ދައުރުގެ މުއްދަތު ހަމަވަނީ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި އަހްމަދު އަކުރަމްގެ ދައުރުގެ މުއްދަތެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް އަކުރަމް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގަ އެވެ. އަކްރަމް އަކީ މިދިޔަ ދުވަސްތަކުގައި ކޮޮމިޝަންގައި އެންމެ ހަރަކާތްތެރި އެއް މެންބަރެވެ.

ފަޔާޒު ކުރެއްވި ޓުވީޓް

ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަންގައި ތިބެނީ ފަސް މެންބަރުންނެވެ. މިހާރު އެކޮމިޝަންގައި ތިއްބަވަނީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، ނައިބް ރައީސް އަހުމަދު އަކުރަމާއި، މެންބަރު ފުއާދު ތައުފީގާއި، މެންބަރު އިސްމާއީލް ހަބީބު އަދި މެންބަރު އަލީ ނަޝާތު އެވެ.