ހަބަރު

އިސްލާމިކް މިނިސްޓްރީ އާއި ކުއްލިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Jan 5, 2015

އިސްލާމިކް މިނިސްޓްރީ އާއި ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ. ކުއްލިއްޔާގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ރެކްޓާ ޑރ. އިބްރާހިމް ޒަކަރިއްޔާ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ޝަހީމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އިމާމުންނާއި ގާރީން ތަމްރީނު ކުރުމާއި އެ މިނިސްޓްރީގެ ދަށުން ކުރާ އިލްމީ މަސައްކަތްތައް ކުއްލިއްޔާއިން ކުރުމުގެ އިތުރުން ކުއްލިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށްވީ ނަމަވެސް އެފަދަ ގިނަ ކަންތައްތައް ކުރަންޖެހެނީ އިއުލާނުކޮށްގެން އަމިއްލަ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ފައިސާ ދީގެން ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އެފަދަ ހުރިހާ މަސައްކަތްތަކެއް ހަވާލު ކުރެވޭނީ ކުއްލިއްޔާއާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"އޭރުން އިލްމީ ގޮތުން ވެސް ބުރަދަނެއް ހުންނާނެ މުއައްސަސާއަކުން އެ މަސައްކަތް ކުރީމަ، އެހެންވީމާ މިކަމުން ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެ އިސްލާމީ ކަންތައްތަކުގައި،" ޝަހީމް ވިދާޅުވި އެވެ.