ސިފައިންގެ މީހެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމާބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ސިފައިންގެ އިސް ބޭފުޅަކު ނައިފަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުރުވަމުންދާ މެސެޖާއި ގުޅޭގޮތުން އަވަ
ސްއިން ސުވާލު ކުރުމުންނެވެ.
އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެފަދަ މައްސަލަތަކާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ގެންގުޅޭ ޕޮލިސީ ދާދިފަހުން ނެރުން ނޫސްބަޔާނުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.
އަދި ޖިނާއި މައްސަލަ ބަލަނީ ޕޮލިސް ކަމަށްވާތީ އެފަދަ ޖިނާއި ކުށެއް ސާބިތުވި ކަމުގެ މައުލޫމާތު ކަމަބޭހޭ އިދާރާއަކުން ގައުމީ ދިފާއީ ބާރަށް ލިބިއްޖެނަމަ، ޖިނާއި ކުށްކުރި މުވައްޒަފަކާ ދެތެރޭގައި ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވިދާޅުވުމާއި ގުޅިގެން ސިފައިން ވަނީ ދާދިފަހުން ބަޔާނެއް ނެރެފައެވެ.
ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި މެންބަރު ރޮޒައިނާ ވެސް އަދި އެކަމާ ގުޅިގެން ފުލުހުންނާ ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަން ނުވަތަ އެކަން ކުރި މީހަކު ނުވަތަ ބަޔަކު ބުނެ ނުދެވުނު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއައްސަސާއިން ކުރިއަށް އޮތް ތާވެސް އަމަލު ކުރަމުން ގެންދާނީ އެގޮތަށް ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ވާހަކަތައް މި ދުވަސްވަރު ފެންމަތިވެފައިވަނީ ކަނޑުހުޅުދޫގައި ދެ އަހަރުނުވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ. ޖިންސީ ޝިކާރައަށްވާ ކުދިންގެ މައްސަލަތައް ހުށައަޅާ އެފަދަ ކަންކަންކުރާ މީހުންގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހިއްސާ ކުރުމަށް އެ ފަރާތްތަކުން ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލަތައް ތަފާތު ކުރުމެއްނެތި މުއައްސަސާތަކުން ބެލުމަށް އާންމުންވެސް ދަނީ ގޮވާލަމުންނެވެ.