ޗައިނާއިން ފެތުރުނު، ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ސްކްރީން ކުރަން ފެށި ފަހުން މިހާތަނަށް އެ ބައްޔަށް ޝައްކު ކުރެވޭ އެއްވެސް މީހެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އެއާޕޯޓުގައި ސްކްރީނިން ފެށުމާއެކު ތާމަލް ކެމެރާއިން ހުން ހުންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނަގާ ހަދާނެ ކަމަށެވެ. ނަމަވެސް އެސެސްކުރި މީހުންގެ ތެރެއިން އަދި މިހާތަނަށް މި ވައިރަސް އަށް ޝައްކުވާ އެއްވެސް މީހަކު ފެނިފައިނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވީ މިހާރު ޓެސްޓު ކުރަމުން ގެންދަނީ އެންމެ ކެމެރާ އަކުން ކަމުގައި ވިޔަސް ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ހަ ތާމަލް ކެމެރާ ގެނެސް ރާއްޖެ އެތެރެވާ މީހުންގެ ޓެސްޓުތައް ކުރާނެ ކަމަށެވެ.
އެއާޕޯޓުގެ އިތުރުން ރާއްޖޭގެ ޕޯޓުތަކާއި ހުރިހާ އެންޓްރީ ޕޮއިންޓުތަކުންވެސް ސްކްރީން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އައްޑޫ ސިޓީ އެއާޕޯޓުގައިވެސް މި ޓެސްޓުތައް ކުރަން ހަމަޖެހިފައިވާ ކަން ފާހަގަ ކުރެއްވި އެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމަށް ވެފައި ޓުއަރިޒަމް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެ މިނިސްޓްރީއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ގައިން ގަޔަށް އަރާ މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 440 އަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެ ވައިރަސް ޖެހިފައިވާ މީހުން، އެމެރިކާ، ޓައިވާން، ތައިލަންޑް، ޖަޕާނު އަދި ދެކުނު ކޮރެއާ އިން މިހާރު ފެނިވައިފާއިރު، ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއްގެ އިއުލާނުކުރުމާމެދު ގޮތެއް ނިންމުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ ބާއްވާފަ އެވެ.