ކޮވިޑް-19 އިން ރައްކާތެރިވާން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގައި ދެ ބްރޭންޑެއްގެ ދެ ވެކްސިން ދިވެއްސަކަށް ޖެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ކުރިމަތިވީ އުމުރުން 46 އަހަރުގެ އަބްދުލްމަތީން މޫސާ އަށެވެ. އޭނާއަކީ ކޮން ރަށެއްގެ މީހެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އާންމުވެފައިވާ، އޭނާގެ ވެކްސިން ކާޑުގައިވާ ގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާއަށް ދީފައިވަނީ ޗައިނާގެ ސިނޮފާމް ވެކްސިނުންނެވެ. އެއީ ހުޅުމާލެ ވެކްސިން ސެންޓަރުގައި މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ދީފައިވާ ޑޯޒެކެވެ. އެކަމަކު އޭނާއަށް ދެވަނަ ޑޯޒް ދީފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުންނެވެ. މިޑޯޒް ދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުން ރޭ 10:58 ގައެވެ.
ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ދެ ބްރޭންޑެއްގެ ދެ ވެކްސިނެއް މަތީނަށް ދީފައިވަނީ އޮޅިގެން ކަމެއް ނުވަތަ ވެކްސިން ކާޑުގައި އޮޅިގެން އެހެން ލިޔެވުނީ ކަމެއް ސާފެއް ނުވެ އެވެ.
މި މައްސަލާގައި ހެލްތު މިނިސްޓްރީއާއި އެޗްޕީއޭގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. މީގެ އެހެން މައްސަލައެއް ރާއްޖޭގައި މީގެ ކުރިން ދިމާވި ކަމެއް ވެސް ކަމާ ގުޅޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފުތާ ފަހުންނެވެ. ނަމަވެސް ބައެއް މީހުންނަށް ހާއްސަ ހާލަތްތަކުގައި އެ ނޫން ގޮތްގޮތަށް ވެސް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވެ އެވެ.
ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ތިން ވެކްސިނެކެވެ. އެގޮތުން އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ދެވަނައަށް ދޭން ފެށީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެ ވެކްސިން ދޭން ފެށީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ތިންވަނަ އަށް ދޭން ފެށީ ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. އެ ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރަސްމީކޮށް ދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ.