ށ. ފުނަދޫ އެއާޕޯޓުގެ މަސައްކަތް ނިމި، މާދަމާ ޓެސްޓު ފްލައިޓް ޖައްސަން ތައްޔާރު ވެއްޖެ އެވެ.
ފުނަދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު، އަހުމަދު ފާއިޒް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ހެނދުނު 7:30 ގައި ފުނަދޫ އެއާޕޯޓުގައި ޖައްސާ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް މުޅި ރަށް އެއްކޮށް ތައްޔާރުވަމުންދާ ކަމަށެވެ.
ފާއިޒް ވިދާޅުވީ ޓެސްޓު ފްލައިޓް މާދަމާ ޖައްސާނެ ކަމަށް ކައުންސިލް އިދާރާއަށް އެންގުމާއެކު ރައްޔިތުން އަމިއްލަ އިސްނެގުމުގެ މަތިން އެއާޕޯޓު ސަރަހައްދު ސާފްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ދިދަ ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ މުޅި ރަށުގެ ހުރިހާ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ކަމެއް ކަމަށާއި މިކަމުގައި ވަކި ފަރުދެއް ވަކި ކުލައެއް ބެލުމެއްނެތި އެންމެން ވެސް އުޅޭ ކަމަށެވެ.
"މިއީ ހަމަ ހަގީގަތުގައި ވެސް ފުނަދޫ ހުރިހާ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް. އެންމެނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަސްލު މީގަ އެންމެ އުފާވަނީ ފުނަދޫ ރައްޔިތުން ބޭނުންވާ ތަނުގަ އެއާޕޯޓު އަޅާ ނިންމާލީމަ. އެއާޕޯޓު ސަރަހައްދު ސާފުކޮށް ނިމިފަ ހުރީ މިހާރު. ދިދަ ޖަހައި ޒީނަތްތެރިކުރުމުގެ މަސައްކަތް މިރެ އަށް ނިމޭނެ." އޭނާ ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވީ ފްލައިޓަށް މަރުހަބާ ކިޔުމަށްފަހު ރަށުގެ ހުރިހާ ރައްޔިތުން އެއްތަނަކަށް ޖަމާމެ، ހެނދުނުގެ ނާސްތާ ކުރާނެ ކަމަށެވެ. މި ނާސްތާ ތައްޔާރު ކުރަނީ ރަށުގެ ހުރިހާ ގެތަކުން އަމިއްލަ ހަރަދުގައި ކަމަށެވެ. މިއީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަން ހާމަ ކުރުމަށް ބާއްވާ ސައެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޓީސީސީން ތަރައްގީކޮށްފައިވާ އެ އެއާޕޯޓް މިދިޔަ އަހަރު ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ހުޅުވުން ފަސްވީ އެވެ. ފުނަދޫ އެއާޕޯޓު އަޅާފައިވަނީ މޫދުން 40 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.