ހަބަރު

ކައިބާންއަށް އޮސްޓްރޭލިއާއިން ވިސާ ހަމަޖައްސައިދީފި

ވިސާގެ މައްސަލައެއްގައި އޮސްޓްރޭލިއާއިން ޑީޕޯޓް ކޮށްލަން ކަނޑައެޅި ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާ، ކައިބާން ޖަމްޝާދަށް ވިސާ ހަމަޖައްސައިދީފި އެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ކައިބާން އަށް ވިސާ ހަމަޖައްސައިދީފައި މިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލުކުރައްވާ ކައިބާން އަށް ވިސާ ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފައިވަނިކޮށެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ޝާހިދު މިކަމަށް އެދިވަޑައިގެންނެވީ ސެޕްޓެންބަރު 4، 2019 ގައެވެ.

ޝާހިދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކައިބާން އަށް ވިސާ ހަމަޖައްސައިދީފައިވާތީ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރާ އަދި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އުންމީދަކީ ކައިބާންއަށް ހެޔޮ ގޮތްތައް މެދުވެރިވުން ކަމަށް ވިދާޅުވެ އޮސްޓްރޭލިއާއިން ފަރުވާ ލިބޭނެ މަގު ތަނަވަސް ވެެގެން ދިއުން ކަމަށް ވިދާޅުވިއެވެ.

ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން ސިއްހީ ބޮޑެތި މައްސަލަތަކަށް ހުންނަ މީހުންނަށް އޮސްޓްރޭލިއާ ވިސާ ނުދީ ހިފެހެއްޓެ އެވެ. ކައިބާންގެ ބަލީގެ ސަބަބުން ކޮންމެ ހަފުތާއަކު ވެސް ވަކި ފަރުވާތަކެއް ކުރަން ޖެހެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ކައިބާންގެ ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތުމުން އޮސްޓްރޭލިއާ ވިސާ ހަމަނުޖެހި އޮސްޓްރޭލިއަން ޑިޕޯޓްކޮށްފިނަމަ ކައިބާންގެ ފުރާނައަށް ނުރައްކާ ވާނެ އެވެ.

ކައިބާން ގެ މަންމަ، އައިޝަތު ޝިޒްލީން ބުނި ގޮތުގައި ވޭތުވެ ދިޔަ ތިން އަހަރުވެސް ކައިބާންގެ ފަރުވާއަށް ހޭދަ ކޮށްފައި ވަނީ އާއިލާއިން އަމިއްލައަށެވެ. ކައިބާންގެ ބޭސްފަރުވާގެ މާލީ ކަންކަން އެ އާއިލާ ނުބެލެހެއްޓޭނެ ކަމަށް ބުނެ އޮސްޓްރޭލިއާ ސަރުކާރުން ކައިބާން ޑީޕޯޓްކޮށްލުމަށް ނިންމުމަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް އޭނާގެ އާއިލާއިން އޭރު ވަނީ ބުނެފައެވެ.

ކައިބާންގެ ވާހަކަތައް ދުނިޔޭގެ އެހެން ގައުމުތަކުގެ ނޫސްތަކުގައިވެސް ވަނީ ޝާއިއުކޮށްފައެވެ.