ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ލީޑާޝިޕް ދެއްކުމަށް ރާއްޖެއަށް ލިބިފައިވާ ފުރުސަތުގެ ބޭނުންހިފައި އެކަމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އދގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފި އެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވުމާ ގުޅިގެން، އޮސްޓްރެލިއާގައި ދިރިއުޅެމުންދާ ދިވެހިން ބޭއްވި ހާއްސަ ހަފްލާއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ވެސްޓާން އޮސްޓްރޭލިއާގެ ޕާތުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއަށް އދގެ އާންމު މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެވުމަކީ ދުނިޔޭގެ ގައުމުތަކުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
އެހެންވެ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ގެންގުޅުއްވާ ކަމަށްޓަކައި މިނިސްޓަރު ޝާހިދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ ކާމިޔާބަކީ ހުރިހާ ދިވެހިންނަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމުގައިވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ކުދި ގައުމުތަކަށް ބައިނަލްއަގްވާމީ މައިދާނުގައި އަދާކުރެވިދާނެ ރޯލު ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި ދިވެހިރާއްޖެ އަށް މިވަނީ ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ލީޑާޝިޕް ދައްކަން ފުރުސަތު ލިބިފައިކަން ފާހަގަކުރެއްވި އެވެ.
"މިކަމުގައި ދިވެހި ހާރިޖިއްޔާގެ މުވައްޒަފުން ދެމިތިބޭނެކަމުގެ ޔަގީކަން އަރުވަން،" ޝާހިދު ވިދާޅުވެފައިވެ އެވެ.
ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައި އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޝާހިދު ވަނީ ދެއްވާފަ އެވެ. އަދި މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ އޮތް ވަގުތަކަށްވުމާއެކު، ދިމާވާ ދަތިތަކާއެކުވެސް ސަރުކާރާއެކު މަސައްކަތް ކުރަމުން ގެންދިއުމަށް މިނިސްޓަރު ޝާހިދު ވަނީ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އޮސްޓްރޭލިއާގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެގައުމުގައި ދިރިއުޅޭ ގިނަ ދިވެހިން ބައިވެރިވެފައިވެ އެވެ.