މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ދައުލަތަށް ހަތަރު ކުއްޖަކު ނަގަން އުޅުމުން ހުރަސް އަޅައިފި

އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ނެތުމުން ދައުލަތުގެ ބެލުމުގެ ދަށައް ހަތަރު ކުއްޖަކު ނަގަން މަސައްކަތް ކުރުމުން އެެ ކުދިން ނިސްބަތްވާ ރަށުގެ ބައެއް މީހުން އެކަމަށް ހުރަސް އަޅައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގެ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ދިރިއުޅެމުންދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި ކަމަށް ނުވާތީ އެކުދިންތައް ރައްކާތެރި މާހައުލަކަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން މިއަދު އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އެ ރަށުގެ ބައެއް މީހުން ހުރަސް އަޅަމުންދާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ރަށެއްގެ ކުދިންތަކެއް ކަމެއް ޖެންޑާ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރަމުންދަނީ ފުލުހުންގެވެސް އެހީތެރިކަމާއެކު ކަމަށެވެ.

އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި ނޫޅޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށައް ދަނީ ނަގަމުންނެވެ. ވަކިން ހާއްސަކޮށް ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ އާއިލާ ބަޔަކު ޖިންސީ އަނިޔާކުރި މައްސަލައާއި ގުޅިގެން ޖެންޑާއިން ވަނީ އިތުރު މަސައްކަތްތަކެއް ފަށާފައެވެ.