އެމެރިކާގެ ނިއު ޖާޒީގެ ހަ އަހަރުގެ އަންހެން ކުއްޖެއްގެ ތޫނު ވިސްނުމުން އެ ކުއްޖާގެ އާއިލާ އަލިފާނުން ސަލާމަތް ވެއްޖެ އެވެ.
މި ކުއްޖާގެ ބައްޕަ ޖިމީ ކާލްބޮންއަކީ ކުރިން އަލިފާންނިއްވާ މީހެއްގެ ވަޒީފާއަދާކުރި މީހެކެވެ. އޭނާގެ ދަރިފުޅުގެ ސިކުނޑި ރަނގަޅުކަމުން އެމީހުންގެ ފުރާނަ ސަލާމަތް ކުރެވުނީތީ ގިނަ ބަޔަކު މިހާރު ދަނީ މި ކުޑަކުޑަ ކުއްޖާއަށް ތައުރީފު ކުރަމުންނެވެ.
ޖިމީގެ ގޭގައި އަލިފާން ރޯވީ ރޭގަނޑު ދަންވަރު 2.00 ހާއިރު އެވެ. އެ ވަގުތަކީ އެންމެން ނިދާފައި ތިބި ވަގުތެއް ކަމުން ފަޔާ އެލާމްގެ އަޑަށް ވެސް ކުޑަ އަންހެންކުއްޖާ ފިޔަވައި އެހެން އެއްވެސް މީހަކަށް ހެއެއް ނުލެވުނެވެ.
އެ ސަރަހައްދުގެ ފަޔާ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަ ކުއްޖާ ވަގުތުން ތެދުވެގެން ގޮސް އޭނާގެ ބައްޕައަށް ނުގޮވިނަމަ އާއިލާގެ އެންމެންގެ ފުރާނަ ސަލާމަތް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
މެޑަލީން ކާލްބޮން އަށް ފަޔާ އެލާމްގެ އަޑަށް ހޭލެވިގެން ބަލާލިއިރު ދުން އަރާތަން ވެސް ފެނުނެވެ. އެހެންވެ ދުވެފައި ގޮސް ބައްޕަ ކޮޓަރިއަށް ވަދެ ބައްޕައަށް ގޮވާ ހޭލެއްވީ އެވެ. އެ ވަގުތު މެޑަލީން އަމަލުކޮށްފައިވަނީ އޭނާގެ ސްކޫލްގައި އޮތް ފަޔާ ޕްރިވެންޝަން ވީކްގައި ކިޔައިދިން ގޮތަށެވެ. އަދި އޭނާގެ ބައްޕައަކީ ފަޔާ ފައިޓާ އެއްގެ ވަޒީފާ އަދާކޮށްފައިވާ މީހަކަށް ވާތީ ބައްޕަ އާއި ބައްޕަގެ ބައެއް އެކުވެރިންގެ ފަރާތުން އިވިފައި އެކި ކަހަލަ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ވަގުތުން މި ކުޑަ އަންހެންކުއްޖާ ކަންތައް ކުރީ އެވެ.
އަލިފާނުގެ ހާދިސާގައި މެޑަލީން އާއި އޭނާގެ މައިންބަފައިން އަދި ކުޑަ ކޮއްކޮއަށް އެއްވެސް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް އެމީހުންގެ ހުރިހާ މުދަލާއި އަންނައުނެއް އަނދައިގެން ގޮސް ގެ ވަނީ ދިރިނޫޅެވޭވަރަށް އަނދާފަ އެވެ.