ލައިފްސްޓައިލް

ކިޔަވާހިތްވާ އެންމެ ކުއްޖަކަށްޓަކައި ހިންގާ ސްކޫލެއް

އިންޑިޔާގައި ސަރުކާރުން ހިންގާ ސްކޫލްތަކަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަބަދުވެސް އަމާޒުވެ އެވެ. ގިނަ ފަހަރަށް މީހުން މިފަދަ ސްކޫލްތަކަށް ފާޑުކިޔަނީ ޓީޗަރުންގެ ފެންވަރު ދަށްކަމުންނެވެ. މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި ސާފުތާހިރުކަން ނުބަހައްޓާތީ ވެސް މަދުން ނަމަވެސް ފާޑުކިޔައެވެ. ނަމަވެސް ބިހާރްގައި ހުންނަ މި ސްކޫލުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީއެއް އަރާފައިވަނީ މިއަށް ވުރެ މާ ރަނގަޅު ކަމަކާ ހުރެ އެވެ.

ބިހާރްގެ ގާޔާ ޑިސްޓްރިކްޓްގައި ހުންނަ ސަރުކާރު ސްކޫލެއް ކޮންމެ ދުވަހަކުވެސް ހުޅުވަނީ އެ ސްކޫލަށް ކިޔަވަން އަންނަ އެންމެ ކުއްޖަކަށް ޓަކަ އެވެ. އެ ސްކޫލަށް ކިޔަވަން އަންނަނީ ހަމައެކަނި ޖާންވީ ކުމާރީ ކިޔާ ކުޑަ އަންހެން ކުއްޖެކެވެ.

ޖާންވީ ކިޔަވަނީ ގްރޭޑް އެކެއްގަ އެވެ. ފަންސާހަކަށް އަހަރު ވަންދެން ސަރުކާރުން ހިންގަމުން ގެންދާ މި ޕްރައިމަރީ ސްކޫލްގައި ކިޔަވަން ނުވަ ކުދިން ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ކިޔަވަން އަންނަނީ ޖާންވީ އެކަނި ކަމަށް ބިހާރް ޕޯސްޓްގައިވާ ޚަބަރެއްގައި ބުނެފައި ވެއެވެ.

ކިޔެވުމަށް ޖާންވީގެ ހުރި ލޯތްބާއި ހިތްވަރާއެކު ކުރާ މަސައްކަތަކީ އޭނާއަށް ކިޔަވައިދޭ ޓީޗަރު ޕްރިޔަންކާ ކުމާރީ އަށް އެ މަސައްކަތުގައި ދެ މިހުރެވޭ ސިއްރު ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ ގައިގައި ހުރިހާ ހަކަތައެއް ބޭނުންކޮށްގެން ހުރިހާ ވަގުތެއް މި ހޭދަކުރަނީ ޖާންވީ އަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހެދުމަށް. ޖާންވީ ކިޔަވާޙިތްވާ މިންވަރާއި ކިޔަވަން ކުރާ މަސައްކަތް ފެނިފައި އަހަރެމެން ވަރަށް އުފާވޭ،" ޖާންވީގެ ޓީޗަރު ބުންޏެވެ.

އެންމެ ކުއްޖަކަށް ކިޔަވާ ދިނުމުގައި ކޮންމެ ދުވަހަކު ހަތް ގަޑިއިރު ހޭދަކުރުމަކީ ހަމަ ގައިމުވެސް ޓީޗަރުން ވަރަށް ފޫހިވާނެ ކަމެކެވެ. ޕްރިޔަންކާ ބުނީ އެންމެ ކުއްޖަކަށް ކިޔަވާދޭން ފޫހިވިޔަސް އެހެން ކުދިން ފަދައިން ކިޔެވުން މަތިން ފޫހިވެގެން ކިޔެވުން ދޫކޮށް ނުލާ ޖާންވީ ކިޔަވާތީ އެމީހުން ވަރަށް އުފާވެ އެވެ.

ޖާންވީގެ ސްކޫލްގައި އޭނާއަށް ކިޔަވައިދޭން ދެ ޓީޗަރުން ތިބެ އެވެ. އަދި މެންދުރުގެ ކެއުން ތައްޔާރުކޮށްދޭނެ ކައްކާއެއް ވެސް ހުރެ އެވެ. ހަތަރު ކްލާސްރޫމް ހިމެނޭ މި ސްކޫލްގައި ޖާންވީ ބޭނުންކުރަން ފާޚާނާއެއް ވެސް ހުރެ އެވެ. ބައެއް ފަހަރަށް ކައްކާ މީހާއަށް ނާދެވޭ ދުވަސް ދުވަހު ކައިރީގައި ހުންނަ ހޮޓަލަކުން އޭނާއަށް މެންދުރުގެ ކެއުން ގެނެސްދެ އެވެ.

މި ސްކޫލްގެ ޕްރިންސިޕަލް ސަތުޔެންދުރަ ޕްރަސާދު ބިހާރް ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސަރުކާރު ސްކޫލަށް ކިޔަވަން ފޮނުވަން އެ އަވަށުގެ މީހުންގެ ޝައުގުވެރިކަމެއް ނެތެވެ. އެމީހުން ކުދިން ކިޔަވަން ފޮނުވަނީ ޕްރައިވެޓް ސްކޫލް ތަކަށެވެ.

"އެންމެ ކުއްޖެއް ނަމަވެސް މި ސްކޫލަށް ކިޔަވަން އަންނާނީ ސްކޫލްގެ މަސައްކަތް ކުރިޔަށް ދާތީ އަހަރެމެން އުފާވޭ،" ޕްރިންސިޕަލް ބުންޏެވެ.