ކުޅިވަރު

ޑަބަލްސް ޗެމްޕިއަން ރަފާ ލައިސާ، ޒީސްތު ޝައްފާން

ގައުމީ ޓޭބަލްޓެނިސް މުބާރާތުގެ އަންހެން ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި ލައިސާ ފަތުހުﷲ އިސްމާއީލްގެ ޕެއާ ހޯދައިފި އެވެ.

ލައިސާ އާއި ރަފާ ޑަބަލްސް ކެޓަގަރގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، ފާތިމަތު ދީމާ އަލީ އާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާގެ މައްޗަށް ކާމިޔާބު ކޮށްގޮންނެވެ. ފައިނަލުގައި ވާދަ ކުރި މި ހަތަރު ކުޅުންތެރިންނަނަކީ، މިދިޔަ މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ހަތަރު ކުޅުންތެރިންނެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، ހޯދީ މުހައްމަދު ޝައްފާން އިސްމާއީލް އާއި މުހައްމަދު ޒީސްތް ނަސީމްގެ ޕެއާ އެވެ. އެޕެއާ ކާމިޔާބު ހޯދީ، ފައިނަލުގައި މޫސާ މުންސިފް އަހްމަދާއި އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ޕެއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިކްސް ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި މުންސިފް، ރަފާގެ ޕެއާ އާ ދެކޮޅަށް ނުކުތީ ޒީސްތް އާއި ލައިސާގެ ޕެއާ އެވެ. މުންސިފް އާއި ރަފާގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ގޭމުންނެވެ.

ޓީޓީގެ ކޮންމެ މުބާރާތެއްގައިވެސް 2016 ވަނަ އަހަރުން ފެށިގެން ވެޓަރަންސް ކެޓަގަރީގެ މެޗުތައް ކުރިއަށް ގެންދެ އެވެ. ވެޓަރަންސް ކެޓެގަރީގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ތާޅަފިލި އަލިބެ އެވެ. ފައިނަލުގައި އޭނާ އާ ދެކޮޅަށް ނުކުތީ އިބްރާހިމް ލަތީފް އެވެ. އަލިބެ މެޗު ކާމިޔާބު ކުރީ 3-1 ގޭމުންނެވެ.

ވެޓަރަންސް ޑަބަލްސް ކެޓަގަރީގައި އަލިބެ އާއި އަބްދުﷲ ޝަރީފްގެ ޕެއާ ނުކުތީ މުހައްމަދު ޒުހައިރު އާއި މުހައްމަދު ރަމީޒުގެ ޕެއާ އާ ދެކޮޅަށެވެ އެވެ. ޗެމްޕިއަންކަން ހޯދީ އަލިބެ އާއި އަބްދުﷲ ޝަރީފްގެ ޕެއާ އެވެ.