ވާހަކަ

ގުސާ (ފުރަތަމަ ބައި)

އާއްމުކޮށް ގޮށް ޖަހައި އުޅެނީ ދެ ވާފަށެއް ގުޅުވާލާށެވެ. ނުވަތަ ދެ ވާފަށެއް ފައްތަރު ކޮށްލާށެވެ. ކައިވެންޏަކީ ވެސް ހަޔާތުގައި ޖަހައިލެވޭ ގޮށެކޭ ކިޔާތީ އިވެއެވެ. މަޖާޒީ ގޮތެއްގައި އެ ބުނާ ބުނުމާމެދު އަހަރެން ވިސްނާކަށް މިހާރު ބޭނުމެއް ނޫނެވެ. ސަބަބަކީ ކޮބައިކަމެއް އަހަންނަކަށް ނުވިސްނެއެވެ. ދިރިއުޅުމުގެ ކަންކަމާ ވިސްނޭ ގޮތް ތަފާތުވީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ ޖަހަން އުޅުނު ގޮށް ނުޖެހުމުން ފޫހިވީ ކަމަށް ވެސް ވެދާނެއެވެ. ޔަގީންވާ ކަމަކީ ދެން އަހަރެން އެކަހަލަ ގޮށެއް ޖަހާން ހިތަށް ވެސް ނާރުވާނެ ކަމެވެ. އެ ސަކަރާތް ޖަހާނެ ހިތްވަރު އަހަރެންގެ ނެތްކަމެވެ.

މިއަދު އަހަންނަކީ އުމުރުން ސާޅީހުގެ އަދަދުތައް ގުނަމުންދާ މީހަކީމެވެ. ނިކަމެއްޗަކީމެވެ. އެކަނިވެރިޔަކީމެވެ. ހުރަގެއިން މިނިވަންވުމަށް ފަހު ދިރިއުޅުމުގެ އަޑިގުޑަންތަކާ މެދު ވިސްނައިލަން ފުރުޞަތު މި ލިބުނީ އަދި ކިރިޔާއެވެ.

އެއް އިރެއްގައި ވެސް މީހުން ގަޔާވާނެ އެއްވެސް ސިފައެއް އަހަރެންގެ ނެތް ކަން ޚުދު އަހަރެން ވެސް ޤަބޫލުކުރަމެވެ. ހަމުގެ ކުލަ އަނދިރިވުމުން، ބަދުނަސީބުގެ ތާކިޔާ ހެޔޮވާ ނަމަ، އެންމެ ބޮޑަށް އެ ތާކިހާ ހެޔޮވަރު ވާނީ އަހަންނަށެވެ. ދިގު އިސްކޮޅަކީ ފިރިހެންވަންތަ ސިފައަކަށްވާ ނަމަ، އެންމެ ކުޑައިރުން ފެށިގެން އެ އުފަލުން ވަނީ މަހުރޫމުވެފައެވެ. ބަރު އަޑަކީ އިހްސާސްތައް ހޭލައްވާ ކަމެއް ނަމަ، އެ ނިއުމަތް ވެސް އަހަރެންގެ ކިބައިން ވަނީ ބީވެފައެވެ. އަހަރެންގެ މިހުރި ސިފަތަކަކީ އަހަރެން ފިހާރައަކުން ގަތް ސިފަތަކެއް ނޫނެވެ.

ފިރިހެންވަންތަ ސިފަތައް ބާޒާރުން ވިއްކަން ހުންނަ ނަމަ، އެ ހުރިހާ ސިފަތަކެއް އެންމެ ފުރަތަމަ ގަންނާނެ މީހަކީ އަހަރެންނެވެ. އެކަމަށް އެންމެ ބޮޑަށް ފެން ބޮވައިގެންފަ ހުންނާނީ ވެސް އަހަރެންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަބަދުވެސް އަހަރެންގެ ބަލި ފަޔަކަށް ވަނީ އެކަންތަކެވެ. އެ އަޑުތަކެވެ. ކޮންމެ ކަމެއް ނިމިގެން ދާނީ އެކަމަށް ފޫޅު ކެނޑިގެންނެވެ. ހީވަނީ އަހަންނާ ގުޅުންހުރި ކޮންމެ ކަމެއް ނިންމަން ޖަހަން ޖެހޭ ސިއްކައަކީ އެއީ ހެންނެވެ. މިއީ އަހަރެން އަމިއްލައަށް ހޯދާގަތް ކަންތައް ތަކެއް ހެއްޔެވެ؟ ނޫނީ ލިބިގަތް ސިފަތަކެއް ހެއްޔެވެ؟ މިއީ އިންސާފު ހެއްޔެވެ؟

އަހަންނަށް ހަނގުރާމަ ކުރަން ޖެހެނީ މުޅީން ތަފާތު ކަންކަމާއެވެ. އެއް ކަންތައް ބޮލުން ނެރެ އެއްލައިލާ އިރަށް އަނެއް ހަ ކަންތަކުން ސިކުނޑި ތޮރުފާން ފަށައެވެ. އަބަދުވެސް އަހަންނަށް ޖެހެނީ ސިކުނޑި ހޫނު ތެލަށް ލައިގެން ރޮއިރޮއި އޮންނާށެވެ. އެންމެ ކުޑަމިނުން ހިނިތުންވުމުގެ ނަސީބުން ވެސް އަހަރެން ވަނީ މަހުރޫމު ވެފައެވެ.

"އުފާވެރިކަމަކީ އަމިއްލައަށް ހޯދަން ޖެހޭ ކަމެއް." މިއީ އަހަރެންގެ ވިސްނުން ބަދަލުކޮށްލި ޖުމުލައެވެ.

އެވާހަކަ އަހަންނަށް ވިސްނައިދިން މީހަކީ ފަޒީލާއެވެ. ހިނިތުންވުމުން ލިބޭ ފައިދާތަކާއި އެކަން ކުރަންވީ ގޮތް އަހަންނަށް ދަސްކޮށްދިނީ ވެސް އޭނާއެވެ. އަމިއްލަ ސިކުނޑިން ކަންކަން ނިންމަންވީ ގޮތާއި ކަންކަމާ މެދު އީޖާބީ ނަޒަރުން ބަލަންވީ ގޮތްތައް ދަސްކޮށްދިނީ ވެސް އޭނާއެވެ.

އަހަންނަށް ފަޒީލާ ދިމާވީ މަސައްކަތްތެރިންގެ މައުރަޒުގެ ތެރެއިންނެވެ. އަހަރެންގެ އަމިއްލަ ތަކެތި މައުރަޒުކޮށްފައި ހުރި މޭޒުކައިރިއަށް ޒިޔާރަތްކުރި މެހުމާނެއްގެ ގޮތުގައެވެ. އޭނާއަށް ކަމުދިޔައީ އަހަރެންގެ ކުރެހުންތަކެވެ. ކޮންމެ ކުރެހުމެއްގައި ފޮރުވިފައިވާ ވާހަކަތައް ސާފުކޮށް ކިޔައިދޭން އެނގުނީ އޭނާއަށް އެކަންޏެވެ. ހީވީ އަހަރެންގެ ހިތުގެ ވާހަކަތައް ނެރެ އުކައިލާ ހެންނެވެ. ކޮންމެ ފޮޓޯއެއްގެ ކައިރިއަށް ހުއްޓި އެ ފޮޓޯއިން ފެންނަ މަންޒަރު އޭނާ ކިޔައިދެމުން ދިޔައެވެ. އެކަންވީ މުޅީން ތަފާތު ކަމަކަށެވެ.

އެ ޚަބަރު މައުރަޒު އިންތިޒާމު ކުރާ ފަރާތާ ހަމައަށް ދިޔައީ ދަމާފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. ފޮޓޯތަކުގެ ވާހަކަތައް އާއްމުންނަށް ކިޔައިދޭން އޭނާއަށް ފުރުސަތު ދިނީ އަހަރެންނެވެ. މައުރަޒުގެ ޚާއްޞަ ދާލަތަކުގައެވެ. ޓީވީ ޕްރޮގުރާމު ތަކުގައެވެ. އަހަރެންގެ ފޮޓޯތަކުގެ ވާހަކައިގައި ޖެހި އެންމެން ދީވާނާވާން ފެށިއެވެ. ނޫސްތަކާއި ޚަބަރު ތަކުގެ ސުރުޚީތަކުން ޖާގަ ލިބެންފެށުނެވެ. އަހަރެންގެ ހިޔަނީގައި ފަޒީލާ ވެސް މަޝްހޫރުވަމުން ދިޔައެވެ.

"ކުރެހުން ބަލައިގެން އަހަރެންގެ ހިތުގައި ހުރި ވާހަކަތަކެއް ފަސޭހައިން ކިޔައި ދިން ގޮތުން ހަމަ ހައިރާން ވެއްޖެ." ފަޒީލާއަށް ޝުކުރު އަދާކުރުމުގެ ގޮތުން އަހަންނަށް އަމުނައިލެވުނީ ތައުރީފުގެ ލަފުޒުތަކެކެވެ.

ބަދަލުގައި އޭނާ ހިނިތުންވެލީއެވެ. އަހަންނަށް ކަމު ދިޔައީ ނުސީދާކޮށް އޭނާ ކުރި އިޝާރަތެވެ. އިސްނަގަން ނުކެރި ބިއްޖެހިފައި ހުއްޓާ އަނެއްކާ ވެސް ފަޒީލާ އަހަރެންގެ ހިތުގައި ޓަކި ޖަހައިލިއެވެ.

"މިސްރާބު އެއްގޮތް ވެފައި ޖަހާ ވިންދުގައި އެއް ރާގެއް ހުރުމަކީ ފަސްޖެހެންވީ ސަބަބެއް ނޫން." ފަޒީލާ ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ.

އަހަންނަށް އިނދެވުނީ އޭނާގެ ޖުމުލަތައް ބުރިބުރިކޮށްގެން ތަންކޮޅު ކޮޅުން ތަރުޖަމާ ކުރާށެވެ. ދޭހަވި އެއްޗަކީ ތެދެއް ކަމަށް ޤަބޫލު ނުކުރެވިގެންނެވެ. އެއީ އަހަންނަށް އަދި އާ އަޑެކެވެ. އާ ވާހަކައެކެވެ. ހުޅުވާން ނުކެރި އޮތް ބާބެކެވެ. އަމިއްލަ އިހުސާސްތައް ކޮށްޓެއްގައި ބަންދުކޮށްގެން އުޅެން ޖެހުނީ އަމިއްލަ ނަފުސަށް މަލާމަތް ކުރަމުންނެވެ. ކަންފަތަށް ވަންނަ އަޑުތަކުން އެކަން ގަބޫލުކުރަން މަޖުބޫރު ވެގެންނެވެ.

"ކީއްވެ ޖެހިލުންވެ ތި އިންނަނީ؟" ފަޒީލާގެ މޫނު މަތިން އަހަންނަށް ފެނުނީ އޯގާތެރިކަމެވެ.

ފަޒީލާގެ އިސްނެގުމަށް އާނ ބަސް ބުނަންވީ ހެއްޔެވެ؟ އޭނާ އަހަންނާ އެކަށީގެންވޭ ހެއްޔެވެ؟ ފަޒީލާއަކީ ކާކުކަން އަހަންނަށް އެނގޭ ހެއްޔެވެ؟ ހުރިހާ ސުވާލަކަށް ލިބެނީ އެއް ޖަވާބެކެވެ. އަހަންނާ އަޅައި ބަލާއިރު، ފަޒީލާއަކީ ޒަމާނީ ޒުވާނެކެވެ. އޮމާން ހަންގަނޑެއްގެ ވެރި ކުލަ އަލި ޒުވާނެކެވެ. ފަންއިސްތަށިގަނޑެއްގެ ވެރި ލޫޅާފަތި ޒުވާނެކެވެ.

"އެކަށީގެން ނުވާހެން..." އަހަންނަށް އެހައި ހިސާބަށް ބުނެވުނު އިރަށް ފަޒީލާ ފެށިއެވެ.

"ހެއްދެވީ އެއް ފަރާތަކަކުން. އެމީހަކު ގުޅޭނެ މީހެއް، އެމީހަކު ގަޔާވާ މީހެއް ނިންމާނީ އެމީހަކު. ދެ ހިތެއްގައި އެއް ވިންދެއް ޖަހަން ފަށައިފި ނަމަ އެ ނިމުނީ،" ފަޒީލާ އަހަރެންގެ އަތުގައި ހިފައިލިއެވެ. "ނުބުންޏަސް އަހަންނަށް ސުހައިލްގެ ހިތް ފެނިއްޖެ. ވިންދުގެ އަޑު އިވިއްޖެ. ހާލަތު ވިސްނިއްޖެ. ތަސްވީރުތަކުން އެ ހުރިހާ ކަމެއް ފެނޭ."

ކަންކަން ބަދަލުވަމުން ދިޔައީ ވިސްނައިލަން ވެސް އުނދަގޫ ފަދަ ގޮތަކަށެވެ. އެއް އިރެއްގައި ވެސް އަހަންނަކީ ތައުރީފު ލިބުނު މީހެއް ނޫނެވެ. އުމުރުން ފަންސަވީހާ ހަމައަށް ގުނަން ޖެހުނީ މަލާމާތާއި ފުރައްސާރައިން ތަތްތެޅިގެންނެވެ. އެހެނަސް މިހާރު އެއީ މާޒީއަށް ވެއްޖެއެވެ. ބަދަލުގައި ލިބެމުން ދިޔައީ ތައުރީފެވެ. ލޯތްބާއި ކުލުނެވެ. ފުރުޞަތުތަކެވެ. މި ހުރިހާ ކަމެއްގެ މުގުލުގައި ހުރީ ފަޒީލާއެވެ. ފަޒީލާގެ އިސްނެގުމެވެ. ފަޒީލާ ފޮނުވައިލި ތީރު އަހަރެންގެ ހިތަށް ހެރުނީ އެހެންވީމައެވެ.

ކައިވެނީގެ ތާރީޚު ކަނޑައެޅުނެވެ. ތައްޔާރީތައް ވާން ފެށުނެވެ. ހުރިހާ ކަމެއް ރާވަމުން ދިޔައީ ދެމީހުންގެ ޚިޔާލަށެވެ. ފަޒީލާ ބޭނުންވީ ތަފާތު ގޮތަކަށް ކަންކަން ކުރާށެވެ. ރަންކިޔުމުގެ ހަފުލާ ތަފާތު ކުރާށެވެ. ކައިވެނީގެ ވަލީމާ ތަފާތު ކުރާށެވެ. މާމުއި ހަނދު ތަފާތު ކުރާށެވެ. އެކަން ކުރީ ދެ ވިސްނުން އެއްގޮތް ކޮށްގެންނެވެ. ތަފާތު ފިކުރުތައް ނެރެގެންނެވެ.

އަހަރެން ހުރީ ހުދުކުލައިގެ ފޭއްޔަކާއި ހުދު ކުލައިގެ ގަމީހެއްގައެވެ. ހުދުކުލައިގެ ލިބާހަކާއި ހުދުފޭއްޔެއްގައި ފަޒީލާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. ބޮލުގެ އަރިމައްޗަށް ޖަހައިލެވިފައިވާ ހުޅިއާއި ތެޔޮރުމާ ފަޅި އޮޅައިލެވިފައިވާ ގޮތުން އިތުރު ފުރިހަމަކަން ގެނުވައިދެއެވެ. އަހަންނަށް ހުރެވުނީ ފަޒީލާގެ މޫނަށް ބަލާށެވެ. ހައިރާންކަމާއެކުގައެވެ.

"ކިހިނެއްވީ ފާޑަކަށް ތި ބަލަނީ؟" އަހަރެންގެ އަތުގައި ހިފައިލަމުން ފަޒީލާ ބުނެލިއެވެ.

"އަސްލު ވެސް ފަޒީ ވަރަށް، ވަރަށް ރީތި." އަހަންނަށް ހުރެވުނީ އޭނާގެ މޫނަށް ބަލާށެވެ.

"ސުހައިލް ވެސް. އަދި ކިރިޔާ ދިވެއްސެއްގެ ވައްތަރު ތި ޖަހަނީ." ފަޒީލާ ހިނިތުންވެލިއެވެ.

އެއީ ރަން ކިޔުމަށް އަހަރުމެން ނިންމި ގޮތެވެ. ރަންކިޔުމުގެ ހަފުލާ ބާއްވަން ކަނޑައެޅި ގޮތެވެ. އަހަރުމެން ތިބީ އެކަމަށް ތައްޔާރުވެ ވިލިމާލޭ އަތިރިމަތީގައެވެ. އިންތިޒާރު ކުރަމުން ދިޔައީ ފަޒީލާގެ ދޮންބޭބެއާއި ދޮންބެ ދައްތައަށެވެ. އެމީހުން ކުޑަކޮށް ލަސްވެގެންނެވެ. މާގިނަ އިރު ތަކެއް ނުވަނީސް އެމީހުން ހާޒިރުވެއްޖެއެވެ. އެދެމެފިރިންނާ އެކު އިތުރު މީހަކު ވެސް އައެވެ.
"އަޝްރަފު." އަޝްރަފު އަހަންނާ ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ.

އަހަންނަށް އަޝްރަފު ތަޢާރަފުވީ އެ ދުވަހުއެވެ. އަސްރަފު އަހަރެންގެ އަތުން ދޫކޮށް ނުލައި ހުރެ ވަށައިގެން ބަލައިލިއެވެ. އޭރު ހުރިހާ އެންމެން ތިބީ ތަންކޮޅެއް ދުރުގައެވެ. އަހަންނަށް ކަމެއް ދެނެގަނެވުނެވެ. އަޝްރަފު ފުރުސަތެއް ހޯދިކަމެވެ. ވާހަކައެއް ބުނަން ބޭނުންވި ކަމެވެ.

"ތި ހެދެނީ ގޯހެއް. ފަޒީ ކަލޭއާ ނުވެސް ގުޅޭ. އަދިވެސް ކަލޭތީ ހަމަ އެ ރަނޑު ސުހައިލް." އަޝްރަފުގެ ލަފުޒުތައް ސީދާ އަހަރެންގެ ހިތް ތޮރުފަން ފެށިއެވެ. "ކަލޭ ތި އަރައި ގަންނަނީ އަހަރެންގެ ހައްގަކަށް. ހަނގުރާމަ ތި އިއުލާނު ކުރީ ކަލޭ. ޔަގީންވާ ކަމަކީ ރަނޑުންނަށް މިހާތަނަށް އެއްވެސް ކަމެއް ކާމިޔާބު ނުވާކަން."

އަޝްރަފުގެ އަތުން އަތް ދަމައިގަނެވޭތޯ ބަލައިލީމެވެ. އޭނާ ހުރީ ބާރަށް ހިފަހައްޓައިގެންނެވެ. އަހަންނަށް ބަލައިލެވުނީ ފަޒީލާ ކޮބައިތޯއެވެ. އޭރު ފަޒީލާ އަހަންނާ ދިމާއަށް އަންނަނީއެވެ.

"ސުހައިލް. މިކޮޅަށް އާދޭ." ފަޒީލާގެ އަޑު ޖެހުމުން އަޝްރަފު އަހަރެންގެ އަތުން ދޫކޮށްލަމުން ވައި އަޑުން ބުނެލިއެވެ. "ދޭ. މިކަން ފަޒީއަށް އަންގައިފި ނަމަ ކަލޭގެ ވަސް ފޮހެލާނަން."

އަހަންނަށް ހުރެވުނީއެވެ. ހިނގައިގަންނަން ވެސް ހަނދާން ނެތިފައެވެ. އަޝްރަފު އަހަރެންގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. އޭނާ ބަލަން ހުރީ ސީދާ އަހަރެންގެ ލޮލަށެވެ. އެ ދެ ލޮލުން ފޮނުވަމުން ދިޔައީ އިންޒާރުގެ ސިގުނަލްތަކެވެ. އޭރު ފަޒީލާ އައިސް އަހަންނާ އަރައި ހަމަކުރަނީއެވެ.

"އަހަރެން މި ބުނީ ދިރިއުޅުމަކީ ވަރަށް ބޮޑު ޒިންމާއެކޭ. އެއަށް ކުރިމަތިލާއިރު ވަރަށް ބޮޑަށް ވިސްނަންވާނޭ. ފަޒީއަކީ ވަރަށް ބޮޑެތި ހުވަފެންތަކެއް ދެކޭ ކުއްޖެކޭ. ފަޒީގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަކީ ސުހައިލްގެ ޒިންމާއެކޭ." ފަޒީލާ އައިސް ހުއްޓުނު އިރަށް އަޝްރަފު ފެށިއެވެ.

ފަޒީލާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ލޮލުގެ ތެރެއަށް ގިނަވަމުން ދިޔަ ކަރުނަތައް ފޮރުވަން އަހަރެން ހިނިތުންވެލީމެވެ. ދެވަނަ ސިކުންތުގައި އަހަންނަށް ބަލައިލެވުނީ އަޝްރަފުގެ މޫނަށެވެ. މި ފަހަރު އިންޒާރުގެ ސިގުނަލް ފޮނުވައިލީ އޭނާގެ ނިތާއި ލޮލުންނެވެ.
"އަޝްރަފު ވަރަށް ބޮޑަށް ވިސްނައިދީފި." ގަދަކަމުން އަހަރެން ހިނިތުންވެލީމެވެ. "ފަޒީ ކީއްވެ އަޝްރަފުގެ ވާހަކަ ކުރިން ނުބުނީ؟"
"އާނ. އަޝްރަފު އިއްޔެ ރާއްޖެ އެ އައީ. އޭނާ ހުރިހާ ދުވަހު އެ އުޅުނީ މެލޭގަ ކިޔަވަން. އަހަރެން ހުރީ އަޝްރަފު އައީމަ ތަޢާރަފުކޮށްދޭން. އަސްލު އުޅުނީ ކޮފީއަކަށް ގޮސް އެކަން ކުރަން." ފަޒީލާ ހިނިތުންވެލިއެވެ. "މީ އަހަރެންގެ ބެސްޓު ފުރެންޑް. އަހަރުމެން ވަރަށް ކުޑައިރުއްފެށިގެން ރައްޓެހި. ގުރޭޑް ދޭއްގަ އެއް ކުލާހެއްގަ އުޅުނު އިރުއްފެށިގެން ދޯ."

"އާނ. މީހުން ހީކުރަނީ އަދި އެހެން ގޮތަކަށް ދޯ!" އަޝްރަފު ވެސް ބުނެލިއެވެ.

"އާނ. އެ އަދި ވަރަށް މަޖާ ކަމެއް، އެންމެން ހީކުރަނީ އަހަރުމެން އުޅެނީ ރައްޓެހި ވެގެންނޭ. މަންމަމެން ވެސް ފުރަތަމަ ހީކުރީ އެހެން." ފަޒީލާ ހިނިތުންވެލިއެވެ.

"އަސްލު އެހެންނެއް ނޫންތަ؟" ވިސްނައި ނުލައި އަހަންނަށް ބުނެލެވުނެވެ. "މި ބުނީ ރައްޓެހި ވެގެން ނޫންހޭ؟"

"އަހަރެން ވަރަށް ވަރަށް ލޯބިވޭ ފަޒީ ދެކެ. ފަޒީ ވެސް ހަމަ އެ ވަރަށް ލޯބިވާނެ. އެކަމަކު މައްސަލައަކީ އަހަރުމެން ވާ ލޯބި ތަފާތު ވުން ދޯ ފަޒީ." އަޝްރަފު ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.

"އާނ، އެއީ ހަމަ ފްރެންޑްޝިޕް. މީހުން މާނަކުރާ ގޮތް ތަފާތުވަނީ؟" ފަޒީލާއަށް ދޮންބެ ގޮވައިލުމުން އޭނާ އެނބުރިލިއެވެ.
އަހަންނަށް ބަލައިލެވުނީ އަޝްރަފާ ދިމާއަށެވެ. އޭނާގެ ތިންވަނަ އިންޒާރު މޫނުމަތިން ދައްކައިލިއެވެ. ތުންފަތަށް ބާރުކޮށްލަމުން ދެ އިނގިލި ނަގައި އަމިއްލަ ކަރާ ދިމާއަށް ހުރަސް ކޮށްލިއެވެ. ފަޒީލާ ފަސްއެނބުރި ބަލައިލިއެވެ. ވަގުތުން އަޝްރަފުގެ މޫނުމަތި ބަދަލުކޮށްލިއެވެ. ލުއި ހިނިތުންވުމެއް ދައްކައިލިއެވެ.

"ހިނގާ އެ ގޮވަނީ؟" ފަޒީލާ ހިފައިލީ އަހަރެންގެ މުލައްދަނޑީގައެވެ.

އަހަރެން ހިނގައިގަތީމެވެ. ފަސްއެނބުރި ބަލައިލީމެވެ. އަޝްރަފަށެވެ. ރުޅިވެރި ކަމާއެކު އޭނާ ބަލައިލިއެވެ. އަހަންނަށް ހުއްޓެވުނެވެ. ފަޒީލާ ވެސް ހުއްޓިލިއެވެ. އޭނާ ބަލައިލީ ފަހަތަށެވެ. އަޝްރަފުގެ މޫނަށެވެ. ވަގުތުން އަޝްރަފުގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ.
"މިދަނީ!" އަޝްރަފު ހިނގައި ގަތެވެ.

އަޝްރަފު އައިސް އަހަރުމެންނާ އަރައި ހަމަކޮށްލިއެވެ. އޭނާ ހުއްޓުނީ އަހަރެން ކައިރީގައެވެ. ތިން މީހުން އެކުގައި ހިނގައިގަތީމެވެ. އަޝްރަފުގެ ވައަތުގެ ކުޑަވާ އިނގިލި އަހަރެންގެ ކަނާއަތުގެ ކުޑަވާ އިނގިލީގައި ޖެހުނެވެ. އަހަރެން ހީކުރީ ހިނގައިގަތް އިރަށް ޖެހުނު ކަމަށެވެ. ކަންވީ އެހެންނެއް ނޫނެވެ. އެއީ އޭނާ ގަސްތުގައި ކުރި ކަމެކެވެ. އަހަންނަށް އެކަން އެނގުނީ އޭނާގެ ދެވަނަ ހަރަކާތުންނެވެ. އޭނާގެ ކުޑަވާ އިނގިލި އަހަރެންގެ ކުޑަވާ އިނގިލީގެ ތެރެއަށް މަހައިލުމުންނެވެ. އަހަރެންގެ އަތް ފިނިވަމުން ދިޔައެވެ. އިނގިއްޔަށް ބާރުކޮށްލަމުން ކަށި އިނގިލި ވެސް އަހަރެންގެ އިނގިލިތަކުގެ ތެރެއަށް މަހައިލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގަމުން ދިޔައެވެ.
ހިތުގައި ސުވާލުތައް މަތިމައްޗަށް އުކެމުން ދިޔައެވެ. އަޝްރަފުގެ ނިޔަތާ މެދުގައެވެ. އޭނާ އެކި ގޮތްގޮތަށް ދެމުން ދިޔަ އިންޒާރުތަކުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ ބުނި ވާހަކަތައް ހިނދުރީގެ ތެރޭގައި ގުގުމަމުން ދިޔައެވެ. މިހާރު ކުރަމުންދާ އިޝާރާތްތަކުން އަހަރެން ބިރުގަންނަ ގޮތްވާން ފެށިއެވެ. އަޝްރަފުގެ ކުދިކުދި ގޯނާތަކުގެ ސަބަބުން އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލު ޖެހެން ފެށިއެވެ.

ރަންކިޔުމުގެ ހުރިހާ ކަމެއް ނިމުނެވެ. އަހަރުމެން ރޭވި ގޮތަށެވެ. އަހަރުމެން ބޭނުންވި ގޮތަށެވެ. ދެން އޮތީ ކައިވެނީގެ ވަލީމާއެވެ. އެންމެ ބޮޑު ހަފުލާއެވެ. ފެށޭ ހަފުތާގައި އެކަން ވެސް ނިމޭނެއެވެ.

"ސުހައިލް ދާންވީނު އަޝްރަފު ޑޮރޮޕް ކޮށްލަން. މި ކުއްޖާ މާލޭ ނޫޅޭތީ ސައިކު ގަނޑެއް ވެސް ނުގެންގުޅެޔޭ." ފަޒީލާގެ ދޮންބެދައްތަ އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ތެދޭ އަހަރުމެން ދާނީ ކާރުގަ." ވިލިގިލީ ފެރީން ގިމަތައިން ނުކުންނަމުން ފަޒީލާ ވެސް ބުނެލިއެވެ.

އަހަންނަށް ބަލައިލެވުނީ އަޝްރަފުގެ މޫނަށެވެ. އޭނާ ދަތްދޮޅީގައި އަމިއްލައަށް ފިރުމައިލިއެވެ. ލާނެތް ގޮތަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަންނަށް ލޮލުން އިޝާރާތެއް ވެސް ކޮށްލިއެވެ. އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ދުވަމުން ދިޔައެވެ.
ސައިކަލް އިސްޓާޓުކޮށްލަމުން ދާންވީ ދިމާ އަހައިލީމެވެ. އޭނާ އިޝާރާތްކޮށްލީ އަމީނީމަގަށެވެ. ދާންވީ ވަކި ތަނެއް ނުބުނެއެވެ. އަހަރެން ދުއްވައިލީމެވެ. އެކުވެންޏާ ހަމައަށް ދެވުމުން އަނެއްކާ ވެސް ސުވާލުކޮށްލީމެވެ. އަހަރެންގެ އަޑު ނީވުނީ ކަމެއް ނޫނީ އަޑު ނީވޭ ކަމަށް ހެދީމަކެއް ނޭނގެއެވެ. އަހަރެން ތަންކޮޅެއް ބާރަށް ބުނެލީމެވެ.

"ކީކޭ؟" އަޝްރަފު އަހައިލިއެވެ.

އަހަރެންގެ ކޮނޑުގައި އޭނާގެ ދަތްދޮޅި ޖައްސައިލިއެވެ. ކޮނޑަށް ހީވީ ތޫނު ކަށިތަކެއް ހަރައިލިހެންނެވެ. އަހަރެންގެ ކަންފަތާ ދިމާއަށް އޭނާގެ ނޭވާތައް ބޭރުކޮށްލިއެވެ. އަހަރެންގެ ލޭ ކެކެމުން ދިޔައެވެ. މީހާ ފުފެމުން ދިޔައެވެ. ނަމަވެސް، އަމިއްލަ ނަފުސުގެ މައްޗަށް ބުއްދި އިސްކުރީމެވެ.

"ކީކޭ ތިބުނީ؟" އަޝްރަފު ވައި އަޑުން ބުނެލިއެވެ.

"ކޮންތާކަށްހޭ ދާންވީ؟" އަހަރެން ރުޅި އަންނަ ގޮތްވާން ފެށިއެވެ.

"ދުއްވާ ހުއްޓަންވީމަ ބުނާނަން. ލަނބަންވީމަ ބުނާނަން." އަޝްރަފުގެ ދެ އަތް އަހަރެންގެ ފަލަމަސް ގަނޑުގައި ބާއްވާލިއެވެ.

ބައެއް ފަހަރު އޭނާގެ މޫނު އަހަރެންގެ ކަންފަތުގައި ޖެހެއެވެ. އަނެއް ބައި ފަހަރު އޭނާގެ ތުންފަތް އަހަރެންގެ ކަންފަތުގައި ޖެހެއެވެ. އޭނާ ގަސްތުގައި އަހަރެންގެ ކޮނޑުގައި އޭނާގެ ދަތްދޮޅި ޖައްސައެވެ.

"ކޮންކަމެއް ބޭނުންވެގެން ތި އުޅެނީ؟" އަހަރެން ސައިކަލު މަޑުކޮށްލީމެވެ.

"މަ؟" އަޝްރަފު އަހައިލިއެވެ.

"އާނ."

"މަންޖެ." އަޝްރަފު ހީލިއެވެ.

"ކަލޭ ހާދަ ގޮތެއް ވެސް ނެތޭ ދޯ." އަހަރެން ރުޅި އައިސްގެން ބުނެލީމެވެ.

"ފިރިހެނުން ބޭނުން ވާނީ މަންޖެއެއް ދޯ." އަޝްރަފު އަހަރެން ބަނޑުގައި ވިކައިލިއެވެ. "ކުރިއަށް ދުއްވާ އެހެން ނޫނީ ގޯހެއް ވެދާނެ."
އަޝްރަފު އިންޒާރު ދިނެވެ. އަހަރެން ބިރުގަންނަ ގޮތްވާން ފެށިއެވެ. އޭނާގެ ބަހަށް ތަބާވާން މަޖުބޫރުވި ކަހަލައެވެ. އަހަރެން ސައިކަލް އިސްޓާޓުކޮށްލީމެވެ. އަޝްރަފު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ އިނީއެވެ. ކުރިން އޭނާ ޖެހި ސަކަރާތްތައް ވެސް ހުއްޓުނެވެ. އަހަރެން ހީކުރީ އޭނާ ޖެހިލުންވީ ކަމަށެވެ. ބިރުގަތީ ކަމަށެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހެންވީމައެވެ.
"ކޮފީއަކަށް ދާން ކެރޭނެތަ؟" އަޝްރަފު އަހައިލިއެވެ.

"މަ ނޫޅެން." އަހަރެން ބޭނުންވީ އޭނާގެ ކިބައިން ސަލާމަތްވާށެވެ. (ނުނިމޭ)