ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓަށް މިހާތަނަށް 41 ޝަކުވާ ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 269،562 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އެކަމަކު ހުށަހެޅޭ ޝަކުވާތަކަށް ބިނާކޮށް އެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އީސީން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން މިއަދު ބުނީ އިއްޔެގެ ނިޔަލަށް ވޯޓާސް ލިސްޓަށް 41 ޝަކުވާއެއް ހުށައަޅާފައިވާ ކަމަށެވެ.
ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށް އަދި ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ޝަކުވާ ހުށަހެޅެ އެވެ. ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށް އެ ފުރުސަތު އޮވެ އެވެ.
ރަށްރަށުގައި ޝަކުވާ ބަލައި ގަންނާނީ ރަށު ކައުންސިލް އިދާރާއިންނެވެ. ދެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައި ޝަކުވާ ބަލައިގަންނާނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒުންނެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ އެވެ.