އަހަރެމެންގެ ތެރެއިން ގިނަ މީހުން މިހާރު އަބަދުވެސް ތިބެނީ ފޯނު ހިފައިގެން އިންޓަނެޓުގެ އެކި ސައިޓްތަކަށް ވަދެ ފޮޓޯ ބެލުމާއި އާޓިކަލްތައް ކިޔުންފަދަ ކަންތައްތައް ކުރާށެވެ. ފޯނުން ޓައިޕް ކުރުމުގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަކުރާ މީހުން ވަރަށް ގިނަ އެވެ. ފޯނުން ޓައިޕް ކުރިޔަސް އަދި ބްރޯޒް ކުރިޔަސް އެ ކުރާ މީހެއްގެ އިނގިލިތަކަށް ވަރަށް ބާރު ކުރާނެ ކަން ޔަގީނެވެ. އެހެންވެ ގިނަ ދުވަސްތަކެއް ވަންދެން މިގޮތަށް ގިނައިރު ފޯނުން ޓައިޕްކޮށް ބްރޯޒް ކުރުމުގެ ނަތީޖާއަކަށް ވަނީ އިނގިލިތަކާއި އަތުގައި ރިއްސާ އިނގިލިތަކުގެ ބާރު ދެރަވުމެވެ. މިކަންތައްތަކާ ގުޅިގެން ވަޓްސްއެޕިޓިސް ކިޔާ ބައްޔެއް ޖެހޭ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.
ވަޓްސްއެޕިޓިސް އަކީ ހަމަ ހަގީގަތުގައި ވެސް ބައްޔެކެވެ. މި ބަސް ފުރަތަމަ ބޭނުން ކޮށްފައި ވަނީ 2014 ގައި ޝާއިއުކުރި މެޑިކަލް ޖާނަލް 'ދަ ލާންސެޓް" ގައެވެ. މިއީ މެސެޖްކުރާ އެޕެއް މާ ގިނައިން ބޭނުން ކުރުމުގެ ސަބަބުން އަތުކުރީގައި ރިއްސާތީ ޑޮކްޓަރަށް ދެއްކި މީހެއްގެ ބައްޔަށް ޑޮކްޓަރުން ދިން ނަމެކެވެ.
"އެ އަންހެންމީހާ އޭނާގެ 130 ގްރާމް ބަރުދަން ހުރި ފޯން ހިފައިގެން މަދުވެގެން ހަ ގަޑިއިރު ހުރެފައިވޭ. މި ވަގުތުގެ ތެރޭގައި އޭނާގެ މެސެޖްތައް ލިޔެ ފޮނުވުމުގައި ބޮޑުވާ އިނގިލިން ވަރަށް ގިނަ ހަރަކާތްތައް ކޮށްފައިވޭ،" ލާންސެޓްގައިވާ ލިޔުމުގައި ވެއެވެ.
މި އާޓިކަލްގައި މިފަދަ އިތުރު ބައްޔެއްގެ ނަން ވެސް ޝާއިއުކޮށްފައި ވެއެވެ. ނިންޓެންޑިނައިޓިސް ކިޔާ މި ބަލީގެ ވާހަކަ ފުރަތަމަ އައިސްފައިވަނީ 1990 ވަނަ އަހަރު އެވެ. މިއީ ވީޑިއޯ ގޭމްސް އާއި އެނޫން ވެސް އެފަދަ އާ ޓެކްނޮލޮޖީޒް ބޭނުން ކުރުމުން ލިބޭ ގެއްލުންތަކަށް ކީ ނަމެކެވެ.
އިންޑިޔާގެ ސީކޭ ބިރްލާ ހޮސްޕިޓަލް ފޯ ވިމެންގެ ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ދެބަޝިޝް ޗަންދާ އެ ގައުމުގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި މި ބަލި ޖެހިގެން ގިނައިން ޑޮކްޓަރަށް ދައްކަނީ އަންހެނުންނެވެ. މިއީ ސްމާޓްފޯން މާ ގިނަ ވަގުތުތަކަކު ބޭނުން ކުރުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ބަލި ޖެހުމުން ކަރާއި ބޮޑުވާ އިނގިލީގައި ރިއްސަ އެވެ.
ޑރ. ޗަންދާ ވިދާޅުވީ ކަރާއި ބޮޑުވާއިނގިލީގައި ރިއްސާތީ އަންނަ ކޮންމެ 10 މީހަކުން ދެ މީހަކީ ސްމާޓްފޯން މާ ގިނައިރު ބޭނުން ކުރާތީ މައްސަލަ ދިމާވެފައިވާ މީހުންނެވެ. މިކަން ދިމާވަނީ މިހެންވެގެން ކަން ބަލިމީހާ އަށް ވެސް ނޭނގޭ ކަމަށާއި ޑޮކްޓަރަށް ދައްކައިގެން އޭނާގެ ބަލީގެ ނިޝާންތައް ބަލައި ޓެސްޓްކުރުމުން ނޫނީ އޭނާގެ ހުރީ އެ ބަލިކަން ދެނެގަންނަން ނޭނގޭ ކަމަށެވެ.
ސްމާޓްފޯނަށް އަހަރެމެން ބޭނުން ޖެހިފައިވާ މިންވަރު އިހްސާސް ކޮށްލަން ވެސް ދައްޗެވެ. އޮފީހުގެ މަސައްކަތްތަކުގައި ވެސް އަމިއްލަ މަސައްކަތްތަކުގައި ވެސް ސްމާޓް ފޯނާ ނުލާ އަހަރެމެންނަށް ހިނދުކޮޅަކު ވެސް ނުހުރެވޭނެ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި އެވްރެޖްކޮށް ކޮންމެ މީހަކުވެސް ދުވާލެއްގެ ތިން ގަޑިއިރު ފޯނާ ކުޅުމުގައި ހޭދަ ކުރެ އެވެ. އަދި ރެއަކާ ދުވާލު 100 އަށް ވުރެ ގިނަ ފަހަރު ފޯނު ޗެކް ކުރެ އެވެ.
ވަޓްސްއެޕިޓިސްގެ އަލާމާތްތަކަކީ ކޮބާ؟
މިބަލި ޖެހުމުން ކަށިތަކުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ސަވައިކަލް ސްޕޮންޑިލައިޓިސް (އިނގިލިތައް އައްސިވެ އިނގިލިތަކުގެ ބާރު ދެރަވުން)، އިނގިލިތަކުގައި ރިއްސުމާއި ހަރުވެފައި ހުރުން އަދިި އިނގިލިތައް ލަންބާ ލައްޕާ ހަދަން ދަތިވުން ހިމެނެ އެވެ. އަދި އިނގިލިތަކުގެ ބަދަތަކުގަޔާއި އަތުކުރީގައި ރިއްސުން ވެސް އެއީ މި ބަލީގެ އަލާމާތެކެވެ. މި އަލާމާތްތަކުގެ އިތުރުން ލޯ ރަތްވުމާއި ލޮލުގައި ރިއްސުން، ނިދި ނައުން، ވަރުބަލިކަން އިހްސާސްވުން އަދި ނިދާފައި ގިނައިރު ނޯވެވުން ހިމެނެ އެވެ.
ވަޓްސްއެޕިޓިސް އަށް ފަރުވާ ކުރެވޭނީ ކިހިނެއް؟
މަތީގައިވާ އަލާމާތްތަކުގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކައި ބައްޔަކީ ކޮބައިކަން ދެނެގަންނާށެވެ. މާ ބޮޑަށް ގޯސް ނަމަ މަސްތައް ރިލެކްސް ކުރާނެ ބޭސް ވެސް ޑޮކްޓަރު ދެއްވުން އެކަށީގެން ވެއެވެ. އަދި އަތުކުރީގައި ރިއްސާނަމަ އެކަމަށް ޚާއްސަ ބޭންޑެއް ވެސް އަޅަން ދިނުން އެކަށީގެން ވެއެވެ. އަދި ބައެއް މީހުންނަށް
ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން ވެސް ބޭނުންވެ އެވެ.
މި ބަލިން ސަލާމަތް ވުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ފޯނުން ޓައިޕްކުރުމާއި ސްކްރޯލްކުރާ މިންވަރު މަދުކުރުމެވެ. ސްމާޓްފޯން ބޭނުންކުރާ މިންވަރު ދެނެގަނެވޭ އެޕް ހުރެ އެވެ. އޭގެން އެޕަކުން ކޮންމެ ދުވަހަކުވެސް ތިމާއަށް ފޯނުގައި ހޭދަ ކުރެވޭ ވަގުތު ހޯދައި ވަގުތު މަދުކުރަން މަސައްކަތް ކުރެވިދާނެ އެވެ.
ދެ ވަނަ ކަމަކީ ފޯނާ ކުޅޭއިރު ދެ އަތުން ފޯނު ބެލެންސް ކޮށްފައި ބެހެއްޓުމެވެ. އަދި ސްމާޓްފޯނުގައި ހިފަހައިގެން ހުންނައިރު އަތުކުރި ސީދަލަށް ބަހައްޓާށެވެ.
އެއްފަހަރާ 15-20 މިނިޓަށް ވުރެ ގިނައިރު ފޯނާ ކުޅެން ނީންނާށެވެ. އިތުރަށް ފޯނުން ކަމެއް ކުރަން ޖެހޭނަމަ ކުޑަ ބްރޭކެއް ނަގާފައި ކުރިޔަށް ގެންދާށެވެ. ޑޮކްޓަރު އިރުޝާދު ދެއްވަނީ މާ ގިނައިން ޓެކްސްޓްކުރުމުގެ ބަދަލުގައި ގުޅައިގެން ވާޙަކަ ދައްކާލުމަށެވެ. އޭރުން އިނގިލިތަކަށާއި އަތުކުރިޔަށް ކުރާ ބާރު ކުޑަ ކުރެވޭނެތީ އެވެ.