ކުޅިވަރު

ދީމާ އާއި މުންސިފް ޗެމްޕިއަންކަން ދިފާއުކޮށްފި

ގައުމީ މުބާރާތުގެ ސިންގަލްސް ކެޓަގަރީގެ ފައިނަލުގައި އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ސީދާ ހަތަރު ގޭމުން މޮޅުވެ، ގައުމީ މުބާރާތުގެ ޗެމްޕިއަންކަން މިއަހަރު ވެސް ފާތުމަތު ދީމާ އަލީ ހޯދައިފި އެވެ.

މިއީ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދި ދެ ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އޭނާ ކާމިޔާބު ހޯދީ ރަފާ ބަލި ކުރުމަށް ފަހު އެވެ. ފިރިހެން ސިންގަލްސް ފައިނަލުގައި މުހައްމަދު ޝައްފާން އިސްމާއީލްގެ މައްޗަށް ކާމިޔާބު ހޯދައި މޫސާ މުންސިފް އަހްމަދު ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދާފަ އެވެ.

މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި އިންޑޯ ހޯލްގައި ކުޅުނު ފައިނަލު މެޗުތަކުގެ ތެރެއިން އަންހެން ސިންގަލްސްގެ ފައިނަލުގެ ފުރަތަމަ ގޭމްގައި ރަފާ ރަނގަޅު ލީޑެއް ވެސް ނެގި އެވެ. ނަމަވެސް ދީމާ ވަނީ ފަހަތުން އަރައި 11-7 ން މެޗު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ގޭމް ފަށައިގެން ހަތް ވަނަ ޕޮއިންޓާ ހަމައަށް ދިޔައީ ވަރަށް ގާތްގާތުގަ އެވެ. ދީމާ ކުރި ހޯދީ އޭގެ ފަހުންނެވެ. އެ ގޭމްވެސް އޭނާ ކާމިޔާބު ކުރީ 11-7 ންނެވެ. ތިން ވަނަ ގޭމްގައި ރަފާ ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެ ގޭމް ވީ އޭނާއަށް އެންމެ ރަނގަޅަށް ކުޅެވުނު ގޭމަށެވެ. ދީމާ ހަތަރު ޕޮއިންޓުން ލީޑްގައި ވަނިކޮށް ނަތީޖާ ކައިރި ވެސް ކުރި އެވެ. އަދި ދީމާ ގޭމް ނިންމަން އެއް ޕޮއިންޓާ ކައިރިވެފައި ވަނިކޮށް އިތުރު ދެ ޕޮއިންޓެއް ރަފާ ހޯދި އެވެ. ނަމަވެސް ފަހު ޕޮއިންޓް ހޯދައި ދީމާ މެޗު ކާމިޔާބު ކުރީ 11-9 ންނެވެ. ހަތަރު ވަނަ ސެޓް ދީމާ ކާމިޔާބު ކުރީ 11-8 ންނެވެ.

އެންމެ ބޮޑު ވާދަވެރި ކަމެއް ފެނުނީި ފިރިހެން ފައިނަލުގަ އެވެ. މުންސިފް އާއި މިދިޔަ އަހަރުގެވެސް ރަނަރަފް ޝައްފާންގެ ފުރަތަމަ ގޭމްގައި ވާދަ ކުރީ ވަރަށް ގާތްގާތުން ގޭމްގެ ފަހު ކޮޅަށް ދިޔައިރު ވެސް ގޭމް ކާމިޔާބު ކުރުމުގެ ފުރުސަތު ދެ ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑަށް ހުޅުވިފައި އޮތެވެ. ވާދަވެރި ކަމާއެކު ދިޔަ އެ ގޭމް މުންސިފް ކާމިޔާބު ކުރީ 14-12 އިންނެވެ.

ދެ ވަނަ ސެޓްވެސްވީ ވާދަވެރިކަން ބޮޑުވި ސެޓަކަށެވެ. އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ގާތްގާތުގައި ދިޔައީ ވާދަ ކުރަމުންނެވެ. އެ ގޭމް މުންސިފް ކާމިޔާބު ކުރީ 12-10 ންނެވެ. ތިން ގޭމް ޝައްފާން ކާމިޔާބުކޮށް އޭނާ އަށް އިތުބާރެއް ލިބުނެވެ. އެ ގޭމް ކަމިޔާބު ކޮށް މެޗުގެ ތެރެއަށް އައުމަށް ޝައްފާން ވަރަށް ބޮޑު ހިތްވަރެއްލައިގެން މަސައްކަތް ކުރިތަން ފެނުނެވެ. ޝައްފާން އެ ގޭމް ކާމިޔާބު ކުރީ 11-9 ންނެވެ. ހަތަރު ވަނަ ގޭމްގައި އޭނާއަށް އެ ޕާފޯމަންސް ނުހިފެހެއްޓުނެވެ. އެ ގޭމް 11-5 ން އޭނާއަށް ގެއްލުނީ ގިނަ ބޯޅަތަކެއް ބޭރަށް ދިއުމުންނެވެ.