ހަބަރު

ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު ނުފެނޭ: އެޗްޕީއޭ

ނޮވެލް ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ރާއްޖެ އައި ޗައިނާގެ އަންހެނެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރެމުންދަނިކޮށެވެ. އެ މީހާގެ ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ސިއްރު ކުރަމުންދާތާ ހަތަރު ދުވަސް ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ވާހަކަތައް ދޮގުކޮށް އެޗްޕީއޭއިން ބުނެފައިވަނީ ޕޯޓްތަކުގައި ނޮވެލް ކޮރޯނާ ވައިރަސްއަށް ސްކުރީން ކުރެވެމުންދާ ކަމަށާ މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށެވެ. އަދި އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރަމުންދަނީ ތާމަލް ކެމެރާގެ އެހީގައި ކަމަށްވެސް ވަނީ ބުނެފައެވެ. އެފަދަ އިތުުރު ކެމެރާތައް ވަރަށް އަވަހަށް ލިބި، ސްކްރީން ކުރުން ހަރުދަނާ ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 830 މީހުންނަކީ ޗައިނާއަށް ނިސްބަތްވާ މީހުން ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ވައިރަސްގެ އަސަރުކޮށް ބަލިޖެހުނު މީހުންގެ ތެރެއިން ބުރާސްފަތި ދުވަހުގެ ނިޔަލަށް 25 މީހަކު މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ސިއްހީ އިދާރާތަކުން ބުނީ ބަލި ޖެހުނު މީހުންގެ ތެރެއިން 177 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް އިތުރު ދޮހަ ގައުމަކުން ވަނީ ފެނިފައެވެ. ޗައިނާ ފިޔަވައި އެންމެ ގިނަ ބަޔަކަށް މި ވައިރަސްގެ އަސަރު ކޮށްފައިވަނީ ޗައިލެންޑުންނެވެ. އެ ގައުމުން ހަތަރު މީހެއްގެ ގައިން މި ވައިރަސް ފެނިފައެވެ.

މީގެ އިތުރުން ހޮންކޮން، މަކާއޯ އަދި ސައުތުކޮރެއާ އިން ދެ މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި ޓައިވާން، ޖަޕާން، ނޭޕާލް، މެލޭޝިޔާ، ސިންގަޕޫރު އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ފެނިފައެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 50 ހާހަށްވުރެ ގިނަ މީހުން މިހާރު ވަނީ ކަރަންޓީކޮށްފައެވެ.