ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ދިވެއްސަކު އަނެއްކާވެސް ޕޮޓިވްވެއްޖެ

އިތުރު ދިވެއްސަކު އަނެއްކާވެސް ޕޮޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި މީހާއަކީވެސް އިނގިރޭސި ވިލާތުން އެނބުރި އައި މި މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ މި ބައްޔަށް ޕޮޒިޓިވްވި ހަތަރުވަނަ ދިވެހި މީހާއެވެ.

މީގެ ކުރިން ޕޮޒިޓިވްވި ތިން މީހުންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހަކު ފެނުނުތާ އެތައް ދުވަހެއް ފަހުން ރާއްޖެއިން ފުރަތަމަ ފަހަރަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ ހުކުރު ދުވަހު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ރާއްޖޭގައި ޖުމްލަ 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ހަތަރު ދިވެހިން ފިޔަވައި އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. ނަމަވެސް، އެ މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި އިޓަލީގެ ދެ މީހެއްގެ ނަތީޖާ ލިބުނުއިރު ވަނީ ފުރައިގެން ގޮސްފައެވެ. އެހެން ކަމުން ރާއްޖޭގައި މިވަގުތު މި ބައްޔަށް ފަރުވާ ދެމުން ގެންދަނީ ހަތަރު ދިވެހިންނަށެވެ.

ސަރުކާރުން މިހާރު ވަނީ އިނގިރޭސިވިލާތުން މީގެކުރިން އައިސްފައިވާ ދިވެހިންނާއި އެމީހުން ކޮންޓެކްޓްވި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ.

މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ކަރަންޓީނަށް ދާން ޖެހެ އެވެ.

އެ ފިޔަވަޅު ސަރުކާރުން އެޅުމުގެ ކުރިން ވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ދިވެހިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން އައި ދިވެހިންތަކެއް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ޓެސްޓް ކުރުމަށް ނިންމީ ކަމަށް ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ރޭ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ ހުރިހާ ދިވެހިން ވެސް ޓެސްޓް ކުރާނެ ކަމަށެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެމީހުން ވެސް ޓެސްޓް ކުރާނެ ކަމަށެވެ. އެ މީހުންގެ އަދަދު 50 ވުރެ އިތުރު ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިހާރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި އެންމެން ވެސް ޓެސްޓް ކުރުމަށް ނިންމާފަ އެވެ. އެމީހުންގެ ފަރާތުން އަލާމާތް ނުފެނުނު ނަމަވެސް ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓަށްފަހު އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ އެކަމާއި ގުޅޭގޮތުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ސަރުކާރަށް ފަންނީ ލަފައެއް ދީފައެވެ. އެ ލަފަޔާ ގުޅިގެން މަޝްވަރާ ކުރުމަށްފަހު އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރަން ވެސް ނިންމާފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކުރަން ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.