ވެލެންސިއާ އަތުން 2-0 ން ބަލިވެ، މީގެ ދެ ހަފުތާ ކުރިން ބާސެލޯނާގެ ކޯޗް ކަމާ ހަވާލުވި ކީކޭ ސެޓިއެން ބާސާގައި ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.
މި ދެ ޓީމު މެޗަށް ނުކުތީ، ވެލެންސިއާގެ ސްޓައިކަރު ރޮޑްރިގޯ މޮރޭނޯއަށް ބާސާއިން ޝައުގުވެރިކަން ފާޅު ކޮށްފައި ވަނިކޮށެވެ. ލުއިސް ސުއަރޭޒްގެ މަގާމު ފޫބެއްދުމަށް ބާސާއިން ވަނީ ރޮޑްރިގޯއަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ވެލެންސިއާގެ ކޯޗް އަލްބަޓް ސެލަޑޭސް މެޗަށް ނުކުތީ ރޮޑްރިގޯ ބެންޗުގައި ބެހެއްޓުމަށް ފަހު އެވެ.
މެޗުގައި ތަރި އަކަށްވީ، ވެލެންސިއާއަށް ދެ ލަނޑު ކާމިޔާބު ކޮށްދިން މެކްސީ ގޯމޭޒް އެވެ. ދެ ލަނޑު ޖެހުމުގެ ކުރިން އޭނާއަށް ވަނީ މެޗުގައި ލަނޑު ޖަހަން އެހެން ފުރުސަތެއް ވެސް ލިބިފަ އެވެ. ފުރަތަމަ ހާފުގައި ބާސާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ވެލެންސިއާގެ ހޯސޭ ލުއިސް ގަޔާއަށް ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ފައުލު ކުރުމުން ވެލެންސިއާ އަށް ލިބުނު ޕެނަލްޓީ ފޮނުވާލީ ގޯމޭޒެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ބާސާގެ ކީޕަރު އެންޑްރޭ ޓާ ސްޓެގަން ދިފާއު ކުރީ އެވެ.
ވެލެންސިއާގެ ފުރަތަމަ ލަނޑު، މެޗުގެ 48 ވަނަ މިނެޓްގެ ތެރޭގައި ބާސާގެ ގޯލަށް ވަނީ ގޯމޭޒް ފޮނުވާލި ބޯޅަ، ޑިފެންޑަރު ޖޯޑީ އަލްބާގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ބައިކޮޅަށެވެ. ޓާ ސްޓެގަންއަށް ވެސް ހުރީ އެ ބޯޅައިގައި މިސްރާބު އޮޅިފަ އެވެ.
އޭގެ ފަހުން، ބާސާއަށް ލިބުނު ހިލޭ ޖެހުން ކެޕްޓަން ލިއޮނަލް މެސީ ނުރައްކާތެރިކޮށް ފޮނުވާލުމުން ވެލެންސިއާގެ ކީޕަރު ޖައުމް ޑޮމިނިޗް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ. ވެލެންސިއާގެ ދެ ވަަނަ ލަނޑު ގޯމޭޒް ކާމިޔާބު ކުރީ 77 ވަނަ މިނެޓްގައި ފެރާން ޓޯރޭޒް ދިން ބޯޅަ އަކުންނެވެ.
ބާސާ މެޗުން ބަލިވުމުން، މިރޭ ރެއާލް ވަޔަޑޮލިޑް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ވާދަވެރި ރެއާލް މެޑްރިޑަށް އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. ގްރަނާޑާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސެވިއްޔާ ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ. ސެވިއްޔާގެ ލަނޑުތައް ކާމިޔާބު ކުރީ ލޫކް ޑި ޔޯންގް އާއި ނޮލީޓޯ އެވެ. އެތުލެޓިކޯ މެޑްރިޑް މިއަދު ލެގަނޭޒްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަލުން އެ ޓީމަށް ތާވަލުގެ ތިން ވަނައަށް އެރޭނެ އެވެ.