ލައިފްސްޓައިލް

މިވަރުގެ ހިސާބު ޓީޗަރެއް ނެތް!

ކާޑިފްގެ ހިސާބު ޓީޗަރަކަށް މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ. "މެތުސް ވިޝްޕަރާ" ނުވަތަ ހިސާބު ވަސްވާސްލައިދޭ މީހާގެ ނަމުން މަޝްހޫރު ވެފައިވާ މި ޓީޗަރު ކިޔަވައިދިން ކުލާހުގައި ކިޔެވި 30 ކުދިންނަށް ވެސް ޖީސީއެސްއީގައި އޭ ސްޓާ ލިބިފައި ވެއެވެ.

މި ނަތީޖާ ކުދިންނަށް ހޯދައިދިނުމުގެ ސަބަބުން ފްރެންސިސް އެލްވިސް މިހާރު ވަނީ ސެލެބްރީޓީއަކަށް ވެފަ އެވެ. އެއީ ފިޒާލަން ހައި ސްކޫލްގެ ގްރޭޑް 11 ގައި ފްރެންސިސް ކިޔަވައިދިން ހުރިހާ ކުދިން އެންމެ މަތީ މާކްސް ހޯދުމުންނެވެ. އަދި އެ ވެސް ހަ މަސް ކުރިން އިމްތިހާނު ހަދައިގެނެވެ.

ފިޒާލަން ދަރިވަރުންގެ ތެރެއިން އެންމެ މަތީ ވަނަ ހޯދި ހުރިހާ ކުދިންނަކީ ވެސް ސެކަންޑްރީ ސްކޫލުން ފެށިގެން ވެސް ފްރެންސިސް ކައިރިން ކިޔަވަމުން އައި ދަރިވަރުންނެވެ. މީގެ ތެރެއިން ވަރަށް ގިނަ ކުދިންނަށް މި އިމްތިޙާނުން ފުލް މާކްސް ލިބިފައި ވެއެވެ.

ވޭލްސް އޮންލައިން އަށް ދީފައިވާ އިންޓަވިއު އެއްގައި ފިޒާލަންގެ އެސިސްޓެންޓް ހެޑް ޓީޗާ ޖޯ ކެމްޕް ވަނީ ފްރެންސިސް އަށާއި އޭނާގެ ދަރިވަރުންނަށް ސަނާ ކިޔާފަ އެވެ. އޭނާ ބުނީ އެ މީހުން ކުދިންގެ ރިޒާލްޓް ހުޅުވީ ކައުންޓްޑައުން ކިޔައިގެން ހުރިހާ ކުދިން އެއްފަހަރާ އެވެ. ނަތީޖާ ފެނިފައި ކޮންމެ ކުއްޖަކަށް ގޮއްވާލެވުނު އަޑުން ވެސް ހުރިހާ ކުދިންގެ ނަތީޖާ އެއްގޮތްކަން ވިސްނުނެވެ.

ޖޯ ބުނީ ފްރެންސިސް އަކީ 1997 އިން ފެށިގެން އެ ސްކޫލްގައި ކިޔަވައިދޭ ޓީޗަރެކެވެ. އަދި ހިސާބު މާއްދާއަށް އޭނާގެ ޚާއްސަ ޝައުގެއް ހުންނަ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ފްރެންސިސް އަކީ ވަރަށް މަޑުމައިތިރި މީހެއް. ނަމަވެސް ދަރިވަރުން ބޭނުންވަނީ ކޮން ކަންތައްތަކެއްކަން އޭނާއަށް ނަގައިގަންނަން އެނގޭ،" ޖޯ ބުންޏެވެ.

އޭނާއަށް "މެޓްސް ވިޝްޕަރާ" ގެ ނަމުން އެ ސްކޫލްގެ އެންމެން ވެސް މުޚާތަބު ކުރަނީ ކުދިންގެ ކަންފަތްދޮށުގައި ސިއްރެއް ބުނާހެން އޭނާ އެކުދިންގެ ސިކުނޑިއަށް ހިސާބުގެ ހުރިހާ އިލްމެއް ވިސްނައި ދޭތީ އެވެ.

"ފްރެންސިސްގެ އެންމެ ޚާއްސަ ސިފައަކީ އޭނާ ކުދިންނަށް ވިސްނައިދީ ޔަގީން ކޮށްދީފައި އޮންނަނީ ހިސާބުގެ އެންމެ އުނދަގޫ ނަންބަރުތައް ވެސް މިހާރު އެކުދިން ޕްރެކްޓިސް ކޮށްފައޭ ހުރީ. އެ ކުދިން ދަސްކޮށްފައިވާ އެއްޗިއްސަށް ވުރެ އުނދަގޫ އެއްވެސް ސުވާލެއް ނާންނާނޭ. އެހެންވީމާ ހިސާބުން އިމްތިހާނު ހަދަން ބިރުގަންނަންވީ ކީއްވޭ؟ ކުދިންނަށް ވަރަށް ފަސޭހައިން ހުރިހާ ސުވާލަކަށް ޖަވާބު ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ޓީޗަރު އެ ކުދިންނަށް ދޭ. ޓީޗަރު ދައްކާ ވާޙަކަތައް ކުދިންނަށް ޖާދޫއެއް ފަދަ،" ހެޑް މާސްޓަރު ކިޔައިދިނެވެ.

މިހާ ފުރިހަމަ ނަތީޖާއެއް ހޯދި ސެކަންޑަރީ ސްކޫލަކީ އެ ސަރަހައްދުގެ ސްކޫލްތަކާ އަޅާބަލާއިރު އެންމެ މަތީ ތައުލީމަށް ފޯރުކޮށްދޭ ސްކޫލު ތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ނަމަވެސް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ބަލާއިރު އެ ހިސާބުގައި ހުރި އެންމެ ފުރުސަތުތައް ހަނި އެއް ސްކޫލެވެ. މި ސްކޫލަށް ކިޔަވަން އަންނަ 70 ޕަސެންޓް ކުދިންނަކީ އެހެން ގައުމުތަކުން އެ ގައުމަށް ހިޖުރަކޮށްފައިވާ ކުދިންނަށް ވާތީ މި ކުދިންނަށް އިނގިރޭސި ބަހަކީ ވެސް އިތުރަށް ދަސްކޮށްފައިވާ ބަހެކެވެ.

ފިޒަލާންގެ ނަތީޖާ މިހާ ފާހަގަ ކޮށްލެވޭ އެއްޗަކަށް ވެފައި މިވަނީ މިދިޔަ ހޫނު މޫސުމުގައި ވޭލްސް އިން އިމްތިޙާނު ހެދި ދަރިވަރުންގެ ތެރެއިން އޭ ލިބިފައިވަނީ ވެސް އެންމެ 13 ޕަސެންޓް ކުދިންނަށް ކަމަށް ވާތީ އެވެ.