ހަބަރު

މޫސަ ހުށަހެޅުއްވި އިސްތިއުނާފް މައްސަލަ ފަސް މެމްބަރުންގެ މަޖިލީހަކުން ބަލަން ފަށައިފި

ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާ އެމްޑީޕީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގައި އޭނާއާ މެދު އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން އެޅި ފިޔަވަޅުތައް އިސްތިއުނާފް ކުރަން މޫސަ ހުށަހެޅުއްވި މައްސަލަ ފަސް މެމްބަރުންގެ މަޖިލީހަކުން ބަލަން ފަށައިފި އެވެ.

މޫސަ އާ މެދު ފިޔަވަޅު އަޅާފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގާއިރު އެމްޑީޕީގެ ހުރިހާ މެމްބަރުން ޖަލްސާއަށް ހާޒިރުވެ އެކަމާ ދެކޮޅަށް ވޯޓު ދޭން އެމްޑީޕީން ވިޕްލައިން ނެރެފައި ވަނިކޮށް އެ ޖަލްސާއަށް ހާޒިރު ނުވި މައްސަލައިގަ އެވެ. އެ މައްސަލައިގައި މޫސަ ޕާޓީން ވަކި ކުރުމަށާއި އަލުން ޕާޓީއާ ގުޅުނަސް ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ކޮމެޓީގެ އެ ނިންމުން އިސްތިއުނާފް ކުރަން މޫސަގެ ފަރާތުން އިއްޔެ ހުށަހަޅުއްވާފައިވާތީ އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރައްވާ މޫސަ ހުށަހެޅުއްވި އެ މައްސަލަ ބައްލަވާ މަޖިލީހުގައި ތިއްބަވާ މެމްބަރުންނަކީ ވަކީލާ ފަރީޝާ އަބްދުﷲ އާއި ކުރީގެ ހޯމް މިނިސްޓަރުގެ ނައިބު މުހައްމަދު މާހިރު އީސާ އާއި ކުރީގެ ޔޫތް މިނިސްޓަރު އަދި ވަކީލް ހަސަން ލަތީފްގެ އިތުރުން ހަސަން ޒާހިރާއި ނާޒިލް އަފީފެވެ.

މޫސަ ވަކިކުރަން ކޮމެޓީން ނިންމި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ. ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ގޮތުން ޕާޓީތަކުން ވަކިކުރާ މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅޭނީ އެ ޕާޓީއެއްގެ އިސްތިއުނާފް ކޮމެޓީއަށް މައްސަލަ ހުށަހެޅުމަށް ފަހު އެވެ.

ވިޕްލައިނާ ޚިލާފްވި މައްސަލައިގައި މޫސަގެ އިތުރުން އިތުރު ފަސް މެމްބަރަކާ މެދު ވެސް ފިޔަވަޅު އަޅާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން މޫސަ ފިޔަވައި އެހެން އެއްވެސް މެމްބަރަކު ޕާޓީން ވަކިކޮށްފައެއް ނުވެއެވެ. އެ ފަސް މެމްބަރުން ވަނީ މައާފަށް އެދި ޕާޓީއަށް ސިޓީ ފޮނުވި ނަމަވެސް މޫސަ މައާފަށް އެދިވަޑައިގެންފައެއް ނުވެއެވެ.