ލައިފްސްޓައިލް

ކަސްރަތު ކުރުން ހުއްޓާލީމާ ވާ ގޮތް އެނގޭތަ؟

ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއި ކަސްރަތުކުރުމަކީ ހަށިގަނޑަށް ކިހާ ފައިދާއެއް ކުރާ ކަމެއްކަން އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. ކަސްރަތުކުރުމުން ހަށިގަނޑުގެ ހަކަތަ އިތުރުވެ، ދިފާއީ ނިޒާމު ވަރުގަދަވެ ބަރުދަން އިތުރުނުވެ ހިފެހެއްޓެ އެވެ. ތަޖުރިބާކާރުން ބާރު އަޅަނީ ކޮންމެ މީހަކު ވެސް ދުވާލަކު މަދުވެގެން 40 މިނިޓް ކަސްރަތު ކުރުމަށެވެ.

އެގޮތުން ހެޔޮވަރު ވަރަކަށް ހިނގާލުން ނުވަތަ ޖިމް އަކަށް ގޮސް ކަސްރަތު ކުރުން ނަމަވެސް އެކަން ގަވާއިދުން ކުރުން މުހިއްމެވެ. ހަށިގަނޑަށް ވާނެ ފައިދާތައް އެނގުނު ނަމަވެސް ކަންނެތްވެގެން ގިނަ މީހުންނަށް ކަސްރަތު ކުރަން ދިއުން ވަރަށް ދަތިކަމަކަށް ވެއެވެ. ޚާއްސަކޮށް ވިއްސާރަ މޫސުމުގައި އެއްގޮތަކަށް ވެސް އެނދުން ތެދުވާޙިތް ވެސް ގިނަ މީހުން ނުވާނެ އެވެ. އެހެންވެ ކަސްރަތު ކުރާ މީހުން ވެސް އެ ދުވަސްވަރު ކަސްރަތު ކުރުމާ ދުރުވެވޭ ގޮތް ވެއެވެ. ނަމަވެސް ކަސްރަތު ކޮށްކޮށްފައި ހުއްޓާލީމާ ހަށިގަނޑަށް ވާ ގޮތް އެނގޭނަމަ ކަސްރަތުކުރުން ހުއްޓައެއް ނުލާނެ އެވެ.

ކަމެއް ދިމާވެގެން ގަވާއިދުން ކަސްރަތު ކުރާ ގޮތަށް ނުކެރެވިދާނެ އެވެ. އަދި ކުޑަ ދުވަސްކޮޅަކަށް ކަސްރަތު ނުކޮށް ވެސް ހުންނަން ޖެހިދާނެ އެވެ. ނަމަވެސް މުޅިން ހުއްޓާލައިގެން ގިނަ ދުވަސްތަކަކު ހުރެއްޖެނަމަ އަލުން ކަސްރަތުކުރަން ފަށަން ޖެހޭނީ ހަމަ އެންމެ ފުލުންނެވެ.

ގަވާއިދުން ކަސްރަތުކުރުމަކީ ގައިން ގަޔަށް ނާރާ ގިނަ ބަލިތަކަކުން ސަލާމަތް ވެވޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެހެންކަމުން ކަސްރަތުކުރުން ހުއްޓާލުމުން ހަށިގަނޑަށް އަންނަ ބަދަލު މާ ބޮޑަށް އިހްސާސް ނުކުރެވުނަސް ވަރަށް ނޭދޭވޭ ބަދަލުތައް ހަށިގަނޑަށް އަންނާނެ އެވެ. މީގެ ތެރޭގައި އެ މީހަކު މާ ބޮޑަށް ކަންނެތްވެ ބުންވަރު ދަށްވުން ހިމެނެ އެވެ.

ފޯޓިސް މެމޯރިއަލް ރިސާޗް އިންސްޓިޓިއުޓްގެ ފިޒިއޮތެރަޕީ އެންޑް ރިހެބިލިޓޭޝަން ސައިންސް ޑިޕާޓްމަންޓްގެ އެޗްއޯޑީ ޑރ. ބީއެމް ޖާ ވިދާޅުވި ގޮތުގައި ކަސްރަތު ކޮށްކޮށްފައި ހުއްޓާލުމަކީ މަސްތަކުގައި ހުންނަ ބާރު ވަރަށް ބޮޑަށް ދޫކޮށްލާ ކަމެކެވެ. އަދި ބަރުދަން އިތުރުވެ، ޑިޕްރެޝަން، ހަކުރުބަލި ފަދަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާނެ ކަމެކެވެ. ކަށިތައް ބަލިކަށިވުމާއި ނިދަން އުނދަގޫވުން ފަދަ ކަންކަން ވެސް ދިމާވާނެ އެވެ.

މިފަދަ މީހުންގެ ލޭގެ ޕްރެޝަރު މަތިވުމާއި ހަކުރު މަތިވުމުގެ މައްސަލަތައް ދިމާވެ ހަކުރުބައްޔާއި ލޭ މައްޗަށްދާ ބަލި ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށް ވެސް ޑރ. ޖާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ގަވާއިދުން ކަސްރަތު ކޮށްކޮށްފައި ތިން ވަރަކަށް ދުވަސް ކަސްރަތު ނުކޮށް ހުއްޓާލުމުން ކަސްރަތު ނުކުރާތާ ހަފުތާއެއްހާ ދުވަސް ވީމަ ހުންނަ ހާލަތަށް ހަށިގަނޑު ދެއެވެ. މަސްތަކުގެ ބާރު ދޫވެ ބަލިކަށިވެ ހުޅުތައް ސްޓިފް ވެއެވެ. އަދި ތިން ހަފުތާއެއްހާ ދުވަސްވާއިރު ހަށިގަނޑުގެ މަސްތައް ދޫވެ އެލެން ފަށާނެ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގެ ފެޓް ޕަސެންޓޭޖް އިތުރުވުމެވެ. މި ހާލަތުގައި ކެއުން ކުރިން ވެސް ކަމުން އައި ގޮތަށް ބަހައްޓައިފިނަމަ ބަރުދަން ވަރަށް ބޮޑަށް އިތުރުވާން ފަށާނެ އެވެ.

ގިނައިރު އިށީނދެގެން އިންނަނަމަ ކަށިތަކުގެ ފަންވަރު ވެސް ވަރަށް އަވަހަށް ދަށަށް ދާނެ އެވެ. ކަސްރަތު ނުކުރުމުން ލޭގެ ޕްރެޝަރުގެ ކޮންޓްރޯލް ނުހިފެހެއްޓި ހަކުރުގެ ލެވެލް ވެސް އެއްވަރެއްގައި ނުހިފެހެއްޓޭގޮތް ވުން އެކަށީގެން ވެއެވެ.
ކަސްރަތުކުރުން ހުއްޓާލުމުން ސިކުނޑިއަށް ބަދަލު އަންނަން ފަށަ އެވެ. އަދި ކުރިން ހުރި އުފާވެރިކަމާއި ހިތްހަމަޖެހުން ނެތިގެން ގޮސް ސިކުނޑިއަށް އޮޅުން ބޮޅުން އަރާގޮތް ވެސް ވުން އެކަށީގެން ވެއެވެ.

އެހެންވީމާ ފިނި މޫސުމަކަސް ހޫނު މޫސުމަކަސް ކަސްރަތުކުރުން ހުއްޓާލެވޭކަށް ނެތެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެމީހަކަށް ފަސޭހަ ގަޑިއެއްގައި އެމީހެއްގެ ހަށިގަނޑުގައި ހަކަތަ ހުރި މިންވަރަކުން ކަސްރަތު ކުރީމަ ރަނގަޅުވާނެ އެވެ. ނަމަވެސް ހެނދުނު 10.00 ގެ ފަހުން ކަސްރަތުކުރުން ރަނގަޅު ނޫން ކަމަށާއި ގައިން ފެން މަދު ނުވާ ވަރަށް ފެން ބޯން އާދަކުރުމަށް ވެސް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.