އިންޑިއާގެ ފާއިޒްއާބާދަށް ނިސްބަތްވާ ޝަރީފު ޗާޗާ ފާއިތުވީ 25 އަހަރު ވަނީ ވަރަށް ބޮޑު އިންސާނީ ޚިދުމަތެއް މުޅި އިންސާނިއްޔަތަށް ކޮށްދީފަ އެވެ. ވަޅުލާނެ މީހަކު ނެތި މަގު މަތީގައި ކުނިވެ ޖަނަވާރުތައް ކަމުންދިޔަ އެތައް ހަށިގަނޑުތަކަކާއި ހޮސްޕިޓަލުތަކުގައި މަރުވާ މީހުންގެ ތެރެއިން ހަވާލުވާނޭ މީހަކު ނުވާ މީހުންގެ ތެރެއިން 25،000 މީހުންގެ ހަށިގަނޑަށް އޭގެ އެންމެ ފަހުގެ އިހްތިރާމް އަދާކޮށް ޖަނާޒާ ބޭއްވުމުގެ ހުރިހާ ކަމެއް ޝަރީފް ޗާޗާ މިހާތަނަށް ކޮށްދީފައި ވެއެވެ. އަދި އޭނާގެ މި އިންސާނީ ޚިދުމަތުގެ އަގު ވަޒަންކޮށް އިންޑިޔާ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕަދްމާ ޝްރީ މި އަހަރު ލިބޭ މީހުންގެ ލިސްޓުގައި ޝަރީފު ޗާޗާ ވަނީ ހިމެނިފަ އެވެ.
އުމުރުން މިހާރު 82 އަހަރު ވެފައިވާ ޝަރީފަކީ ބައިސްކަލް މެކޭނިކެއްގެ މަސައްކަތުން ލިބޭ ފައިސާއިން ދިރިއުޅޭ މީހެކެވެ. މަރުވާ މީހުން ވަޅުލުމާއި އެންދުމުގެ މަސައްކަތް ޝަރީފު ފެށީ މީގެ 25 އަހަރު ކުރިންނެވެ. އޭނާއަށް މިމަސައްކަތް ފެށެން މެދުވެރިވީ އޭނާގެ ޒާތީ ދިރިއުޅުމުގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާ އަކަށް ފަހުގަ އެވެ.
ޝަރީފުގެ 25 އަހަރުގެ ފިރިހެންދަރިއެއް ގެއްލިފައި ނުފެނި ވަރަށް ގިނަ ދުވަސްތަކެއްވި އެވެ. އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ 1992 ވަނަ އަހަރު އެވެ.
ޝަރީފު ބުނި ގޮތުގައި މުހައްމަދު ރާއީސް ޚާނަކީ އޭނާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. ކެމިސްޓެއްގެ ވަޒީފާއަށް ސުލްތާންޕޫރު ކިޔާ ރަށަކަށް ދިޔަ ފަހުން ދަރިފުޅުގެ ޚަބަރެއް ނުވެ މަހެއްހާ ދުވަސް ވީ ކަމަށާއި އެންމެ ފަހުން ފެނުނުއިރު ކޮންމެވެސް މީހަކު އޮތީ އޭނާ މަރާލާފައި ގޯންޏަކަށް ލާފައި އޮތުމުގެ ސަބަބުން މުޅިން ކުނިވެ ފުޅަ އަޅާފައި ކަމަށް ޝަރީފު ކިޔައިދިނެވެ.
"އެ ދުވަހު އަހަރެން ނިންމިން މަގުމަތީގައި އެއްވެސް އިންސާނެއް މަރުވެފައި ޖަނަވާރުން ކެއުމަށް ދޫކޮށްލާފައި ނުބާއްވަން،" ޓައިމްސް އޮފް އިންޑިއާއަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ޝަރީފު ބުނެފައި ވެއެވެ.
ޝަރީފު ގަބޫލުކުރާ ގޮތުގައި ކޮންމެ އިންސާނަކަށް ވެސް މަރުވުމަށްފަހު އިއްޒަތާއި ކަރާމަތާއި ރައްކާތެރިކަމާއެކު ޖަނާޒާގެ ކަންތައްތައް ކުރެވެން ޖެހޭނެ އެވެ. އެއީ ކޮންމެ ދީނަކަށް ނިސްބަތްވާ މީހަކަށް ވިޔަސް އެވެ.
އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އޭނާ ކައިރި ހޮސްޕިޓަލުތަކާއި މޯޗަރީތައް އަދި ރޭލްވޭ ސްޓޭޝަންތަކާއި ޕޮލިސް ސްޓޭޝަންތައް ޗެކްކޮށް އެ ތަންތަނުގައި މަރުވެ، ހަވާލުވާނެ މީހަކުނެތް މީހުންގެ ގަބުރު ހުރިނަމަ އެ ގަބުރުތަކާ ހަވާލުވެ މުސްލިމެއް ނަމަ ހިނަވާ ކަފުން ކޮށް އަދި ކަށުނަމާދުކޮށް ވަޅުލަ އެވެ. އެހެން ދީނަކަށް ނިސްބަތްވާ މީހެއް ނަމަ އެމީހެއްގެ ހަށިގަނޑު އަންދާލަ އެވެ.
މަރުވެފައިވާ މީހެއްގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނެތި 72 ގަޑިއިރު ވެއްޖެނަމަ މިހާރު ސަރުކާޜުގެ ކަމާ ބެހޭ އިދާރާ ތަކުން ވެސް ގުޅަނީ ޝަރީފު ޗާޗާ އާ އެވެ.
މަރުވެފައިވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ޝަރީފު ޗާޗާ ކުރަނީ އެ ސަރަހައްދުގައި ހުންނަ ގަބުރުސްތާނެއްގެ ތެރޭގައި ހުންނަ ކުޑަ ކޮޓަރިއެއްގެ ތެރޭގަ އެވެ. އެ ކޮޓަރީގެ ބޭރުގައި ޖަހާފައިވަނީ "ހަވާލުވާނެ މީހަކު ނެތް ގަބުރު ހިނަވާ ތަން" މިހެންނެވެ.
އެންމެ މީހަކު ވަޅުލަން ވެސް ޝަރީފު ޗާޗާ އަތުން 5،000 ރުޕީސް ޚަރަދުވާއިރު އަންދާލާ މީހުންނަށް 3،500 ރުޕީސް ޚަރަދު ވެއެވެ. ގަބުރުސްތާނުގަޔާއި އަންދާ ތަނުގައި ޝަރީފު ޗާޗާގެ ވަރަށް ގިނަ އެކުވެރިން ތިބެ އެވެ. އެހެންވެ ޝަރީފު ޗާޗާ އަށް އެކުވެރިންގެ ފަރާތުން އެހީތެރިކަން ލިބެ އެވެ.
"ބައެއް ފަހަރަށް އެމީހުން ކުރާ މަސައްކަތަށް ވެސް އެމީހުން ފައިސާ ނުނަގާނެ. ޚާއްސަކޮށް ކުޑަކުދިންގެ ޖަނާޒާއަށް،" ޝަރީފު ޗާޗާގެ ބުނެފައި ވެއެވެ.
ޝަރީފު ވަނީ އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންގޮސްގެން އެމީހާގެ ފުރާނަ ވެސް ސަލާމާތް ކޮށްދީފަ އެވެ.
އިންޑިޔާގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ދޭ އެންމެ ފަޚުރުވެރި އެއް އެވޯޑު ޕަދްމާ ޝްރީ މިފަހަރު ޝަރީފު ޗާޗާ އަށް ދޭން ނިންމާފައިވަނީ އޭނާގެ މި ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.