ހަބަރު

ނަދާލްއާ އެކު އެޕާޓްމެންޓްގައި އުޅުނު ހަތަރު މީހަކު ވެސް ޑްރަގަށް ޕޮޒިޓިވް

މއ. ބޭރުމަތީގޭގެ ހަ ވަނަ ފްލޯއިން ވެއްޓި ހ. ދޫހިމެރިގޭ ނަދާލް ރަޝީދު މަރުވި ރޭ އެ އެޕާޓްމެންޓްގައި އުޅުނު ހަތަރު މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި މަގުމައްޗަށް ވެއްޓި މަރުވި ނަދާލްގެ ހަށިގަނޑުން ވެސް މަސްތުވާތަކެތީގެ އަސަރު ފެނިފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އޭނާއާ އެކު އެރޭ އެޕާޓްމެންޓްގައި އުޅުނު މީހުންގެ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭރު ފުލުހުން އޮތީ ބުނެފަ އެވެ.

ފުލުހުން ބުނީ އެރޭ ނަދާލް ވެއްޓުނު އެޕާޓްމެންޓްގައި އުޅުނު ހަތަރު މީހަކު ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަދާލްގެ ބްލަޑް ސާޕްމަލް ތަހުލީލު ކުރިއިރު އޭނާ ވެސް ޕޮޒިޓިވް ވެފައިވަނީ ކެނަބިސްއަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ބަލަމުންދާއިރު ނަދާލްގެ މަރާ އެއްވެސް ބަޔަކާ ގުޅުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ކުރިން އޮތީ ބުނެފަ އެވެ.