ލައިފްސްޓައިލް

ކެއްސުމަށް ގޭގައި ދެވިދާނެ ފަރުވާ

ބައެއް މީހުންނަށް ރޯގާ ޖެހުމުން ހުން އައިސް ބޮލުގައި ރިއްސާ ކަރުތެރެ ހިރުވާ އަދި ކެއްސަ އެވެ. ފުއްޕާމޭގައި ފެނާއި ދަވަ ގިނަ ވުމުގެ ސަބަބުން ބައެއް މީހުންގެ ނޭވާ ކުރުވާ ގޮތް ވެސް ވެއެވެ. ހުރިހާ ކަމަކަށް ވުރެ ވެސް ކެއްސާތީ ވާ އުނދަގޫ ބޮޑުކަމަށް ގިނަ ބަޔަކު އެއްބަސް ވާނެ އެވެ.

އަދި ކެއްސުން ރަނގަޅު ނުވެ ގިނަ ދުވަސްވުމުން ހަދާނެ ގޮތެއް ނޭނގިގެން ވެސް އުޅެންޖެހެ އެވެ. ނަމަވެސް ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ތަފާތު ބުއިން ތަކުން ވެސް ކެއްސުމަށް އެކަށީގެންވާ ލުޔެއް ހޯދިދާނެ އެވެ.

އިނގުރު ސައި – ބޭނުންވާ ތަކެތި: 1 މޭޒުމަތީ ސަމުސާ އިނގުރު (ޗިސްކޮށްފައި)، 3 ފުށް އަސޭމިރުސް، 1 ސައިސަމުސާ ފޮނިތޮށި، 3 ކާފޫރުތޮޅި، 3 ކަރަންފޫ (ޗިސްކޮށްފައި)
ތެއްޔަކަށް ފެން ޖޯޑެއް އަޅާފައި ހުރިހާ އެއްޗެއް އަޅާފައި ބޮކިޖަހަންދެން ކައްކާލާފައި މި ފެން އިރުއިރުކޮޅުން ބުއިމުން ކެއްސުމަށް ވަރަށް އަވަހަށް ލުއިވާނެ އެވެ.

ކެރެޓް ޖޫސް – ބޭނުންވާތަކެތި: 1-2 ކެރެޓް، 1 މޭޒުމަތީ ސަމުސާ ކާށިތެޔޮ
ކެރެޓް ގާނާ ހިމުންކޮށް މިކްސަރުން ހިމުންކޮށް އޭގެ ދިޔަ ނަގައި ކާށި ތެޔޮ ސަމުސަލާ އެއްކޮށްގެން ބޯށެވެ. މޭގައި ތަތްވެފައި ހުންނަ ދަވަތައް ނެރެލަން ކެރެޓް ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.

ސްޓީމް ކުރުން: ބޭނުންވާ ތަކެތި: 1 މޭޒުމަތީ ސަމުސާ ކޮތަންބިރި 3 ޖޯޑު ފެން
ތެއްޔަށް ފެން އަޅާފައި ކެކެން ފެށީމާ ކޮތަންބިރި ސަމުސާ އަޅައިގެން ކައްކާލުމަށްފަހު މި ފެނުން ފަސް މިނިޓް ވަންދެން ނޭފަތާއި އަނގަޔަށް އާވި އަރުވާށެވެ. މިއީ ތަތްލާފައި ހުންނަ އަރިދަފުސްތައް ނެއްޓި ކެއްސުމަށް ލުއި ލިބޭނެ ކަމެކެވެ.

މާމުއި – މާމުއިކޮޅެއް ބޯލުމުން ވެސް ކެއްސުމަށް ލުއި ލިބެ އެވެ. އަދި އިނގުރު ސަޔަށް މާމުއި އަޅައިގެން ހޫނުކޮށް ބުއިމަކީ ވެސް ކެއްސާ މީހުންނަށް ލުއި ވާ ކަމެކެވެ.