ކުޅިވަރު

ބާސާގެ ކުރީގެ ފޯވަޑް ނިލީ ބެންގަލޫރަށް

ބާސެލޯނާ އަށް ކުޅުނު ފޯވަޑް ނިލީ ޕެރުޑޯމޯ، އަވަށްޓެރި އިންޑިއާގެ ބެންގަލޫރު އެފްސީ އަށް ސޮއި ކޮށްފި އެވެ.

ބެންގަލޫރުން ނިލީ، ގެނައީ އެޓީމަށް ކުޅެމުން ދިޔަ ސްޕެއިންގެ ފޯވަޑް މެނައުލް އޮންވޫ، އިންޑިއާގެ ސްޕަ ލީގްގެ އޮޑިޝާ އެފްސީއަށް ދޫކޮށްލުމަށް ފަހު އެވެ. ބެންގަލޫރާއެކު ނިލީ ސޮއި ކުރީ ސީޒަން ނިމެންދެންނެވެ. އޭނާ ގެނައީ ޑޮމެސްޓިކް ސީޒަންގެ އިތުރުން އޭއެފްސީ ކަޕަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

އޭއެފްސީ ކަޕްގެ ފައިނަލަށް ކުރިން ދަތުރު ކުރި ބެންގަލޫރު އެފްސީ، މިއަހަރު އޭއެފްސީ ކަޕްގެ ދަތުރު ފަށާނީ ކޮލިފިކޭޝަން ބުރުންނެވެ. ބެންގަލޫރުގެ ކޯޗް ސްޕެއިންގެ ކޭލޭސް ކްއަޑްރާޓް ބުނީ، ސީޒަންގެ މުހިންމު ހިސާބަކުން ނިލީ ޓީމާ ގުޅުމާއެކު، ސީޒަންގައި އެ ޓީމުގެ ޓާގެޓް ހާސިލު ކުރުމަށް އޭނާ މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.

"އަހަރެމެން ދެ މީހުންވެސް އެއްކަހަލަ ކަންތައްތަކެއް ހިއްސާ ކުރަން، އެއީ އޭނާ [ނިލީ ޕެރުޑޯމޯ] ވެސް ލަމާސިއާ [ބާސާގެ ޒުވާން ޓީމު] ގައި ކުޅެފައި، އަދި ބާސާގެ ސީނިއާ ޓީމުގައިވެސް ބައެއް މެޗުތައް އޭނާ ވަނީ ކުޅެފައި." ބާސާގެ ޔޫތު ޓީމުތަކަށް ކުޅުނު ކްއަޑްރާޓް ބުންޏެވެ.

ވިންގުގެ ކޮންމެ ފަޅިއަކަށްވެސް ކުޅުމުގެ ގާބިލުކަން ލިބިފައިވާ، ނިލީ ބުނީ،25 އިންޑިއާގެ އެއް ވަނަ ޓީމުގައި ކުޅެން ލިބުމަކީ އޭނާ އަށް ލިބޭ ހާއްސަ އުފަލެއް ކަމަށެވެ. އަދި އޭނާއަށް ކޯޗް ކްއަޑްރާޓް ކުރި އިތުބާރު އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ލަސްޕަލަމްސްގެ ޔޫތު ސިސްޓަމްގެ ތެރެއިން ފެށީ، ނިލީ ވަނީ 2015/2016 ސީޒަންގައި ބާސާގެ ސީނިއާ ޓީމަށް ކުޅެފަ އެވެ. އޭރު ރަސްމީކޮށް އޭނާ ކުޅެނީ ބާސާގެ ބީ ޓީމު، ލަމާސީއާގަ އެވެ. އެ އަހަރު ބަސާގެ ޕްރީ ސީޒަން ޓްރެއިނިންގައި ސީނިއާ ޓީމާއެކު އޭނާ ވަނީ ޓްރޭނިން ކޭމްޕް ފުރިހަމަ ކޮށްފަ އެވެ. އަދި ލަމާސިއާގައި ކުޅެމުން ސްޕެނިޝް ކަޕްގައި ބާސާގެ ސީނިއާ ޓީމަށް ކުޅުނެވެ. އަދި އެ ސީޒަންގައި ލަލީގާގައިވެސް އޭނާ ވަނީ ކުޅެފަ އެވެ.

ބެންގަލޫރުގެ ޓާގެޓަކީ މި ސީޒަންގެ އިންޑިއަން ސްޕަ ލީގާއި މިއަހަރުގެ އޭއެފްސީ ކަޕް ކާމިޔާބު ކުރުމެވެ.