ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާވައިރަސްގެ ފަރުވާއަށް ދަރުމަވަންތަ ރެޑީކޮށްފި

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވެ ބަލި މީހުންނަށް ފަރުވާ ދޭންޖެހޭ ހާލަތެއް ރާއްޖޭގައި މެދުވެރި ވެއްޖެ ނަމަ އެކަމަށް ހާއްސަ ކޮށް ފަރުވާދޭން ދަރުމަންތަ ހޮސްޕިޓަލްގައި އައިސީޔޫއެއް ގާއިމް ކޮށްފި އެވެ.

ދުނިޔޭގައި މިވަގުތު ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގައި ވެސް ގެންދަނީ ފިޔަވަޅުތައް އަޅައި ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކޮރޯނާ ވައިރަސްގެ އަސަރު ކޮށްފައިވާ މީހުން ދެނެގަންނާނެ ނިޒާމެއް ގާއިމްކޮށް އެފަދަ މީހުންނަށް ފަރުވާ ދޭނެ އިންތިޒާމް ތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ.

އަދި އެ ވައިރަސްގެ އަސަރު ކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ވެސް ވަކި ހާއްސަ ވެހިކަލްތަކެއް ސަރުކާރުން މިހާރު ހަމަޖައްސާފައި ވެއެވެ.

އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި މި ބަލީގެ ސަބަބުން ހާލަތު ސީރިއަސްވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްގެން ހަތަރު އެނދުގެ އައިސީޔޫ ފެސިލިޓީޢެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. މި އައިސީޔޫ ގާއިމްކޮށްފައި ވަނީ ދަރުމަންތަ ހޮސްޕިޓަލްގެ 11 ވަނަ ބުރީގަ އެވެ.

އަދި ބައްޔަށް ޝައްކު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށްޓަކައި ތިން އެމްބިއުލެންސް ހާއްސަ ކޮށްފައި ވެއެވެ. މީގެ ތެރެއިން އެއް އެމްބިއުލެންސް އައިޖީއެމްއެޗްުގައި އަދި އަނެއް އެމްބިއުލެންސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮންނާނެ އެވެ. ތިންވަނަ އެމްބިއުލެންސެއް އޮންނާނީ ހުޅުމާލޭގަ އެވެ.

ދެ ތަނެއްގައި އައިސޮލޭޝަން ފެސިލިޓީ

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ބަލީގެ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމް ކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް މިހާރު ގާއިމް ކޮށްފައި ވެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައިވެސް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކޮށްފައި ވެއެވެ.

ސަރުކާރުން މީގެ ކުރިން ވަނީ މި ބަލި ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެން ފަށައިފިނަމަ އައިސޮލޭޝަން ފެސިލިޓީ ފުނަދޫގައި ވެސް ގާއިމް ކުރާނެ ކަަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށްވެސް އޭރު ވިދާޅުވި އެވެ.

ބައްޔަށް ސްކްރީން ކުރުން ވަރުގަދަ ކުރުން

ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން ޖަނަވަރީ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާމަލް ސްކްރީނިން ސެޓަޕެއް ހެދި އެވެ. ހާއްސަ ކެމެރާއެއް ބޭނުން ކޮށްގެން ރާއްޖެ އަންނަ ހުރިހާ އެންމެން މިހާރު ދަނީ ސްކްރީން ކުރަމުންނެވެ.

އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ތާމަލް ކެމެރާ ހަރުކޮށް ސްކްރީން ކުރަމުން ދެއެވެ. އަދި އެހެނިހެން "ޕޮއިންޓް އޮފް އެންޓްރީސް" ތަކުގައި ކެމެރާ ހަރުކުރަން ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ފަށާފައި ވެއެވެ.

މުވައްޒިފުން ތަމްރީނަށް ހާއްސަ މަސައްކަތްތަކެއް

ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމާ ގުޅުންހުރި އިދާރާތަކުގެ މުވައްޒިފުން ތަމްރީން ކުރަން މިހާތަނަށް ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ހެލްތު މިނިސްޓްރީއާ އެހެން އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ތަމްރީނުކޮށްފައި ވެއެވެ.

އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒިފުންނާއި، އެއާޕޯޓާއި ގުޅުންހުރި އެޖެންސީތަކުގެ މުވައްޒިފުން ވެސް ތަމްރީން ކުރަން މަސައްކަތްތަކެއް ކޮށްފައި ވެއެވެ. މިހާތަނަށް ހަތަރު ބުރެއްގެ މަތިން ޓްރެއިނިން ސެޝަންތައް ވަނީ ހިންގާފަ އެވެ.

ރާއްޖެއިން ވައިރަސް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ. ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންގެ މެދުގަ އެވެ. މިއީ ޗައިނާގެ އާ އަހަރު ފެށޭ ދުވަސްވަރު ކަމުން އެތައް ސަތޭކަ ފަތުރުވެރިންނެއް ކޮންމެ ދުވަހަކު ރާއްޖެ އާދެއެވެ.

ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުގެ ވަރަށް ގިނަ ސިޓީތަކުން މިހާރު ވަނީ މި ވައިރަސްގެ އަސަރު ފެނިފަ އެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ބައެއް ސިޓީތަކުން މީހުންނަށް ނުނުކުމެވޭނެހެން ވަނީ ބަންދު ކޮށްފަ އެވެ.

މީގެ އިތުރުން ދިވެހިން އާންމުކޮށް ދިރިއުޅޭ ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައެވެ. ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިޔާ އަދި ތައިލެންޑް ފަދަ ގައުމުތަކުން މިހާރު ވަނީ މި ވައިރަސް ޖެހިފައިވާ މީހުން ފެނިފަ އެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި ކޮރޯނާ ވައިރަސްގެ "ރިސްކް އެސެސްމަންޓް" މިހާރު ވަނީ ހަދާ ނިމިފަ އެވެ. ރިސްކް އެސެސްމަންޓްގެ ނަތީޖާ ދައްކާގޮތުގައި ރާއްޖެއަށް މި ބަލީގެ "އައުޓްބްރޭކް" އެއް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެެހެން ކަމުން ވަރަށް ހާއްސަ ސަމާލު ކަމެއް ދީގެން އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.