ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތް އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވި އުމުރުން ހަތް އަހަރުގެ ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ތ. އަތޮޅަށް ނިސްބަތްވާ އެ ކުއްޖާއަކީ ރާއްޖޭގައި ކޮވިޑް ޖެހި ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިން އެންމެ ހަގު ކުއްޖާ އެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި ފަރުވާއަށް ފަހު މުޅީން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 77،077 އަށް އަރާފަ އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 11،041 މީހުންނެވެ. މިހާތަނަށް 58،832 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 111 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގައި މަރުވެފައިވަނީ 197 މީހެކެވެ.