ވާހަކަ

ގުސާ (ފަހު ބައި)

"އައްދެ. ކޮފީއަކަށް އަރަން ވެސް ނުކުރޭ. ކަލޭ އަމިއްލަ އަށޭ ހަމަ ރަނޑުވެގަނެގެން ތި އުޅެނީ." މަލާމާތުގެ ރާގުގައި އޭނާ ބުނެލިއެވެ.

"އަހަރެން ފާޚާނާއަކަށް ދާން ޖެހިގެން." ބަހަނާއެއް ދައްކާލީމެވެ.

"ހިނގާ އަހަރުމެން ގެއަށް. ނިންމައިފަ ކޮފީއަކަށް ދާނީ." އަޝްރަފުގެ ދެވަނަ ދައުވަތު ލިބުނެވެ.

އޭނާ ކިބައިން ސަލާމަތްވުމަށް އަހަރެން ކުރަންފެށި މަސައްކަތް ނާކާމިޔާބުވާ ގޮތްވިއެވެ. އޭނާއަށް ދޭންވީ ޖަވާބެއް އަހަންނަކަށް ނުވިސްނުނެވެ. މަޑުމަޑުން ސައިކަލް ދުއްވަމުން ދިޔައީމެވެ.

"މިތަނަށް މަޑުކޮށްލާ. ޕާކުކޮށްލައިފަ އާދޭ." ކުއްލިއަކަށް އަޝްރަފުގެ ރާގު ބަދަލުވިކަން އަހަންނަށް ފާހަގަވިއެވެ.

ހަދަންވީ ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. އަޝްރަފު ބޭލުމަށްފަހު ދުއްވާލައިފި ނަމަ އޭނާ ބުނާނީ އަހަރެން ފިލީ ކަމަށެވެ. އެހައި ހިސާބުން އަހަންނަކީ ފިނޑިއެއް ކަމަށް އޭނާ ކަނޑައަޅާނެއެވެ. ބިރުގަންނަ މީހަކަށް ނިންމާނެއެވެ. އަހަންނާ ދިމާއަށް 'ފިލި ސުހައިލް' ކިޔަން ފަށާނެއެވެ. އޭރުން 'ލަގަބުގެ' ލިސްޓު ދިގުވާނެއެވެ. އެކަން ވާހަކަ ފަޒީލާއާ ހަމައަށް ވެސް ދާނެއެވެ. ކަންވީ ގޮތް ނޫން ގޮތަކަށް ވެސް ވާހަކަ ފަތުރައިލަފާނެއެވެ. އަޝްރަފަކީ ނުރައްކާތެރި މީހެއްކަން މިވީ މަދު ވަގުތު ކޮޅުގެ ތެރޭގައި ވެސް އަހަންނަށް ވިސްނިއްޖެއެވެ. އޭނާގެ މަގުސަދަކީ ކޮބައިކަން ޚުދު އޭނާ އަމިއްލައަށް ބުނެދީފިއެވެ.

އަހަރެން ސައިކަލް މަޑުކޮށްލީމެވެ. އަޝްރަފު ފޭބިއެވެ. އޭނާ އިޝާރާތް ކުރީ ޕާކުކުރަންވީ ތަނަށެވެ. އޭނާ ފޯނު ނެގިއެވެ. އަހަރެންގެ ޚިޔާލު ކަފިކަފިވަމުން ދިޔައެވެ. އެންމެ ފަހުން ގޮތެއް ނިންމީމެވެ. ޕާކު ކުރަން މިސްރާބު ޖެހީމެވެ. ޕާކު ކުރުމަށްފަހު އަޝްރަފާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ.

"ރެޑީ؟" އަޝްރަފު ފޯނު ބޭއްވިއެވެ.

އަހަރެން ހީކުރީ އަހަންނަށް ބުނި ވާހަކައެއް ކަމަށެވެ. އަހަރެން ބޯޖަހައިލީ އެހެންވެގެންނެވެ. އޭނާ ހުރީ ހިނިތުންވެގެންނެވެ.

"ވަރަށް ބިރުންދޯ ތި ހުންނަނީ މަންޖެ." އަނެއްކާ ވެސް އަޝްރަފުގެ ރާގު ބަދަލުވާން ފެށިއެވެ.

އަހަރެން އެނބުރި ދާން ހިތަށް އެރިއެވެ. އޭނާގެ މަޅީގައި ޖެހިއްޖެ ނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނޭ ހިތް ބުނެލިއެވެ. އެއީ އަހަރެންގެ ހަތުރެއް ކަމަށް ހިތް ބުނަމުން ދިޔައެވެ. އަހަންނަށް ހުއްޓެވުނެވެ.

"އެ އަހަރެން މަޖަލަށް ބުނި އެއްޗެކޭ." އަޝްރަފު އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ.

އޭނާ ހުޝިޔާރީ ހެއްޔެވެ؟ ނޫނީ އަހަރެން ތަޅުވަނީ ހެއްޔެވެ؟ ނޫނީ އޭނާ އަހަރެންގެ ހިތުގައި ޖައްސަން ބޭނުންވަނީ ހެއްޔެވެ؟

ސުވާލުތައް ވަށައިގެން އެނބުރެމުން ދިޔައެވެ. ދެވަނަ ފަހަރަށް އަޝްރަފު ބަލައިލިއެވެ. މަޑުމަޑުން ހިނގަންފެށީމެވެ. އޭނާގެ ފަހަތުންނެވެ.

"އެގާރަވަނަ ބުރިއަށް އަރަން ޖެހޭނީ. ލިފްޓް ހުރީ ހަލާކުވެފަ ހުރީމަ އުނދަގޫ ދޯ." ތިންވަނަ ފަންގިފިލާއާ ހަމައަށް އެރުމުން އޭނާ ބުނެލިއެވެ.

ސިޑި މަތީގައި ވަނީ ފަނޑު އަލިކަމެކެވެ. އަހަރެންގެ ކުރީގައި ހުރެ އަޝްރަފު އަރަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އޭނާ ފަހަތް ބަލައިލައެވެ. އަހަންނަށް ހުއްޓެވުނެވެ. ވަރުބަލި ވެގެންނެވެ.

"ވަރުބަލިވީ؟" އޭނާ އަހައިލިއެވެ.

އާއެކޭ ބުނުމުގެ ގޮތުން އަހަރެން މާނޭވާ ދޫކޮށްލީމެވެ.

"އަދި މި އެރުނީ ނުވައަކަށް." އަޝްރަފު އައިސް އަހަރެން ގާތަށް ހުއްޓުނެވެ.

އަނެއްކާ ވެސް އޭނާ އެއްކަލަ ސަކަރާތް ޖަހަން ފެށިއެވެ. އަހަރެންގެ ކުޑަވާ އިނގިލީގައި އޭނާގެ ކުޑަވާ އިނގިލި އަޅުވައިލިއެވެ.
"ތި ކޮން ކަމެއް ދެން؟" އަހަރެން ހިތްހަމަ ނުޖެހުނެވެ.

"ޗެކުކޮށްލީނު." އޭނާ ހީލިއެވެ.

"މިހާރު އެނގިއްޖެއްނު ނޫންކަން." އަހަރެން ރުޅި ގަދަވާ ގޮތްވިއެވެ.

"އެ ހަމަ މަޖާ."

"ކޮންމެ ކަމެއް ކޮށްފަ ވެސް މަޖާ. ވަރަށް ހެއްވާ." އަހަރެން ހިތްހަމަ ނުޖެހޭކަން ފާޅުގައި ބުނީމެވެ. "ބޭނުމެއް ނޫން މައްޗަށް އަރާކަށް."

"އޭ ސޮރީ. މަ ހީކުރީ ސުހައިލް ވަރަށް މަޖާވާނެ ކަމަށް." އަޝްރަފުގެ ރާގު އަނެއްކާ ވެސް ބަދަލުވަމުން ދިޔައެވެ. "ދެން އެކަހަލަ ކަމެއް ނުކުރާނަން. ޔަގީން. ހިނގާ."

އެންމެ ފަހުން އަޝްރަފުގެ ކޮޓަރިއަށް ވަދެވުނެވެ. ތަނަވަސް ބޮޑު ކޮޓަރިއެވެ. ފުރިހަމަ ރީތި ކޮޓަރިއެކެވެ. އަހަންނަށް ހުރެވުނީ ކޮޓަރީގެ އެތަން މިތަނަށް ބަލާށެވެ. އަހަރެންގެ ލޮލުގައި އަޅައި ގަތީ ފާރުގައި ތަތްކޮށްފައިވާ ތަސްވީރެވެ. އަހަންނަށް އެ ތަސްވީރާ ދިމާ ދެވުނެވެ.

"ތި ފަޒީ ދިން އެއްޗެއް. ބުނި ސުހައިލްގެ ކުރެހުމެކޭ." އަޝްރަފު ބުނެލިއެވެ.

އަޝްރަފު ދިއް ކޮށްލީ ތުވާއްޔެކެވެ. ހުދުކުލައިގެ ތުވާއްޔެކެވެ.

"ފާޚާނާއަށް ވަންނަން އައި މީހެއް ވީމަ." އަޝްރަފު ހިނިތުންވެލިއެވެ.

އަހަރެންގެ ހިތުގައި އޮތް ސުވާލުގެ ޖަވާބު ދިނެވެ. ހިނިތުންވެލަމުން ތުވާލީގައި ހިފީމެވެ. އޭނާގެ އިނގިލީގެ އިޝާރާތުން ފާޚާނާ ދެއްކިއެވެ. އަހަރެން ފާޚާނާ ދިމާއަށް ހިނގައިގަތީމެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލީމެވެ. އަހަންނަށް ވިސްނެމުން ދިޔައީ އަޝްރަފު ދެއްކި ވާހަކަތަކެވެ. ދެވަނަ ސިކުންތުގައި އޭނާއާ ގުޅޭ ގޮތުން ސުވާލުތައް މަތިމައްޗަށް އޮހެންފެށިއެވެ.

އެއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އޭނާގެ ވިސްނުން ބަދަލު ވަނީ ހެއްޔެވެ؟ އެކި ފަހަރު އެކި ރާގަށް އެ ވާހަކަ ދައްކާނީ ކީއްވެ ހެއްޔެވެ؟ އޭނާ ބޭނުން ވަނީ ކޮންކަމެއް ވަޒަންކުރަން ހެއްޔެވެ؟ އަހަންނަށް މެދު އޭނާ ދެކެނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތުގައި ވެސް އޭނާ ފަޒީލާ ދެކެ ލޯބި ވަނީ ހެއްޔެވެ؟ ނޫނީ އޭނާ އަހަންނަށް ޖެއްސުން ކުރަނީ ހެއްޔެވެ؟ މިއީ ރޭވުމެއް ހެއްޔެވެ؟ ނޫނީ ކުޅޭ ޑުރާމާއެއް ހެއްޔެވެ؟

އަހަންނަށް ބަލައިލެވުނީ ފާރުގައި ހުރި ލޯގަނޑަށެވެ. އަމިއްލަ ސޫރައަށް ބަލައިލެވުމުން ލަދުވެތިކަން އިހްސާސްވިއެވެ. އަޝްރަފާ އަޅައިބަލާއިރު އަހަންނަކީ ކާކު ހެއްޔެވެ؟ މީހަކު ގަޔާވާނެ އެއްވެސް ސިފައެއް އަހަރެންގެ އެބަހުރި ހެއްޔެވެ؟ އަހަރެންގެ އަތަށް ބަލައިލެވުނެވެ. ހަމުގެ ކުލައަށެވެ. ބޮލުގެ އިސްތަށިގަނޑަށެވެ. މޫނުގެ ބައްޓަމަށެވެ. ފަޒީލާއާ އަހަންނާ ގުޅޭ ހެއްޔެވެ؟ އޭނާއާ އަޝްރަފާ ގުޅޭ ހެއްޔެވެ؟ އަހަންނަށް ފަޒީލާ ދެކެ ލޯބި ވެވޭ ހެއްޔެވެ؟ އޭނާދެކެ އަޝްރަފު ލޯބިވޭ ހެއްޔެވެ؟ ކުރިމަތި ލާން މި ޖެހެނީ ލޯބީގެ ހަނގުރާމައަކާ ހެއްޔެވެ؟ އަޝްރަފު އެ ބުނަނީ ތެދެއް ހެއްޔެވެ؟ އެކަން ފަޒީލާއަށް އެނގޭ ހެއްޔެވެ؟

ޚިޔާލުތަކުގައި ހުއްޓާ ދޮރުގައި ޓަކި ޖަހައިލިއެވެ. ލަސްވެގެން ކަން އަހަންނަށް އެނގުނެވެ. އަވަސްއަވަސް ކޮށްލައިގެން ފާޚާނާއިން ނުކުތީމެވެ.

"އަހަރެން ހީކުރީ ވެއްޓުނީ ކަމަށް." އަޝްރަފު ލާނެތް ގޮތަކަށް ހީލިއެވެ. "އާދޭ ކޮފީއެއް ބޮއެގެން ދާންވާނީ."

އަޝްރަފު އިޝާރާތްކުރީ ސޯފާ ކައިރީގައި ހުރި ކޮފީ ތަށްޓަށެވެ. އޭނާ ތުނބުގައި ކޮފީތަށި ޖައްސައިލިއެވެ. އަހަރެން ވެސް އަޝްރަފު ކުރިމަތީގައި އިށީނީމެވެ. ކޮފީތަށި ނަގަމުން އޭނާގެ މޫނަށް ބަލައިލީމެވެ.

"ކީކޭ؟ އެއްޗެއް އަހަން އުޅޭހެން ހީވޭ؟" އަޝްރަފު ދެނެގަތެވެ.

"ތެދަށް ބުނެބަލަ." އަހަރެން ބުނެލީމެވެ.

"ފަޒީދެކެ އަޝްރަފު." އަހަންނަށް ބުނެވުނީ އެ ވަރަށެވެ.

"އާނ. ވަރަށް ބޮޑަށް ވެސް. އޭނާ ހޯދުމަށް އަހަރެން ކޮންމެ ފަދަ ގުރުބާނެއް ވެސް ވާން ޖެހިލުމެއް ނުވޭ. އެކަމަކު މާ ލަސްވީ ކަންނޭނގެ. އަހަރެންގެ ފިނޑިކަމުން އެކަން ނުވީ." އަޝްރަފު ހީލިއެވެ. "މަ ވަރަށް ޖޭ ވޭ. ކަލޭ ކަހަލަ މީހަކަށް ފަޒީ ލިބުނީމަ. ދެން ކުރާނެ ކަމެއް ނެތް ދޯ. ތަގުދީރާ ދެކޮޅެއް ނެހެދޭނެ."

އަހަންނަށް ދެ ފަހަރަކު އާ ފުރިލެވުނެވެ. މީހާ ލޮޑުވާން ފެށިއެވެ. ދެ ލޮލަށް ބަރުހެލިކަން ވެރިވަމުން ދިޔައެވެ. އެސްފިޔަ ޖަހައިލަން ވެސް އުނދަގޫވާން ފެށިއެވެ. މަޑުމަޑުން ދެ ލޯ މެރެމުން ގޮސް ދެ ލޯ މެރުނެވެ. ދެން ވީނުވީއެއް ނޭނގުނެވެ. އަހަންނަށް ލޯ ހުޅުވާލެވުނެވެ. އޭރު ވެސް ހަށިގަނޑުގައި ވަނީ ލޮޑުކަމެވެ. ވަރުބަލިކަމެވެ. ސިހިފައި އަހަންނަށް ބަލައިލެވުނެވެ. އޮވެވުނީ އެނދެއްގައެވެ. ވަށައިގެން ހޯދާލެވުނެވެ. ކުއްލިއަކަށް އެނދުން ތެދުވެވުނެވެ. އޭރު ފޯނު ރަނގަބީލު ވަނީއެވެ.

"މަ ކުއްލިއަކަށް ހުޅުމާލެއަށް އަންނަން ޖެހިގެން މި އައީ. ސުހައިލަށް ނިދުނީމަ އެނދުގައި ބޭއްވީ." އަޝްރަފު ފޯނުން ވާހަކަދެއްކިއެވެ. " ފަޒީ އަތުން ނަންބަރު ވެސް ލިބުނީ. ދަމުން ކޮޓަރި ތަޅުލައިފަ ދާތި. މަށަށް ދެވޭނީ ދަންވަރު."

ހައިރާންކަމާއެކު އަހަންނަށް ބަލައިލެވުނެވެ. އަނެއްކާ ގޯހެއް ހިނގީ ހެއްޔެވެ؟ އަހަންނަށް ބަލައިލެވުނީ ގަމީހަށެވެ. ސޯޓަށެވެ. ވަށައިގެން ބަލައިލެވުނެވެ. އެނދުގައި އޮތް މިލަފޭއްޔަށެވެ. ގޯހެއް ހިނގިކަމުގެ ނިޝާނެއް ނެތެވެ. އަހަންނަށް އެހެންވިސްނެން ފެށީ ކީއްވެ ހެއްޔެވެ؟ ނިދީގައި އެ ފެނުނީ ކޮން ކަންތައް ތަކެއް ހެއްޔެވެ؟ ސުވާލުތަކުން ފުރިގެންވީ ހިތަކައިގެން ތެދުވެލީމެވެ. މުޅި ހަށިގަނޑުގައިވަނީ ލޮޑުކަމެވެ. ބޭނުންވަނީ ތާޒާ ވެލާށެވެ. ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން އެގާރަ ޖަހަނީއެވެ. އަހަރެން ބޭނުންވީ އަވަހަށް ގެއަށްދާށެވެ. އަރާމުކޮށްލަން ބޭނުންވާތީއެވެ.

ކައިވެނީގެ ކަންކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވުމުގައި އަހަންނާއި ފަޒީލާ އަވަދި ނެތި އުޅެމުން ދިޔައީމެވެ. ކައިވެންޏަށް ފަހު ހަނީމޫނު ދަތުރުގެ ކަންކަން ރޭވުމަށް ހަވާލުވީ ފަޒީލާގެ ދޮންބެގެ ދެމަފިރިންނެވެ.

ކައިވެނި ކުރުން އޮތީ އަންގާރަ ދުވަހުއެވެ. ހަފުތާގެ ފުރަތަމަ ދުވަހެވެ. ހުރިހާ ކަމެއް ނިންމަ ބާކީ އޮތީ އެއް ދުވަހެވެ. އޭރު ވެސް ނުނިމޭ އެތައް ކަމެއް ހުއްޓެވެ. އަހަރުމެން ރާވައިގެން ތިބީ ހޯމަ ދުވަހު ހުރިހާ ކަމެއް ނިންމާށެވެ. އެހެންވެ އާދިއްތަ ދުވަހަށް ނިންމަން ރާވާފައިވާ ކަންކަން ކުރުމަށް ކަނޑައެޅީ ގަޑި ޖެހުމުން ފަޒީލާއަށް ގުޅަން ފެށީމެވެ. އޭނާގެ ޚަބަރެއް ނުވުމުންނެވެ.
ފަޒީލާ ފޯނަކަށް ޖަވާބެއް ނުދެއެވެ. އެންމެ ފަހުން އޭނާ ފޯނު ނިއްވާލާފައިވާ ކަމުގެ މެސެޖު ލިބެމުން ދިޔައެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެންމެ ފަހުން ފަޒީލާގެ ދޮންބެދައްތައަށް ގުޅާން ފެށީމެވެ. ދެ ފަހަރަކު ރަނގަބީލުވުމުން ވެސް ފޯނަށް ޖަވާބު ލިބޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ ފޯނު ވެސް ނިއްވާލީއެވެ.

ކޮންމެ ވެސް ކަމެއް ދިމާވެއްޖެ ކަމަށް ހިތް ބުނާން ފެށިއެވެ. މަޑުމަޑުން ހިތުގެ ވިންދު އަވަސްވަމުން ގޮސް މީހާ ދާ ހިއްލާ ފޯ ވާން ކައިރިވިއެވެ. ފަޒީލާއާ ގުޅުން ހުރި ހުރިހާ ނަންބަރަކަށް ގުޅި އިރު ވެސް އެކަކު ވެސް ފޯނެއް ނުނެގިއެވެ. އެންމެ ފަހުން އަހަރެން ގޮތް ހުސްވާން ކައިރިވިއެވެ. ހަނދާނަށް އައީ އަޝްރަފުގެ މަތީންނެވެ. އޭނާ ގުޅި ނަންބަރު ފޯނަށް ރައްކާކުރެވުނު ކަމެވެ. އަޝްރަފުގެ ނަމުގެ ބަދަލުގައި އަހަރެން ލިޔުނީ 'ދައްޖާލު' ކަން ހަނދާންވިއެވެ.

"ފަޒީމެން ގޭ އެއްވެސް މީހަކަށް ނުގުޅިގެން. އެމީހުންނަށް ގުޅޭނެ ގޮތެއްވޭތޯ ބަލައިލަ ދީބަލަ." އަޝްރަފު ފޯނު ނެގި އިރަށް އަހަރެން ބުނެލީމެވެ.

"އެބަ ބަލައިލަން." ނިދިން ބަރުހެލިވެފައިވާ ރާގަކަށް އަޝްރަފު ބުނެލިއެވެ.

އަހަންނަށް އިންތިޒާރުކުރެވެމުން ދިޔައީ އަޝްރަފުގެ ކޯލަކަށެވެ. ދޭތެރެ މެދުން ދެތިން ފަހަރަކު ފަޒީލާގެ ފޯނަށް ގުޅީމެވެ. އޭރު ވެސް ފޯނު އޮތީ ނިއްވާލާފައެވެ. އަހަރެންގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅަނީ އަޝްރަފުކަން ފޯނުގައިވާ ނަމުން ދެނެގަނެވުނެވެ.
"ނުނނަގާ ފޯނެއް. ކިހިނެއްވީ؟" އަޝްރަފުގެ އަޑުގައި ވަނީ ނިދީގެ އަސަރެވެ.

"ކަމެއްވީބާ؟" އަހަންނަށް ބުނެލެވުނެވެ.

"ނޭނގެ. ހިނގައިބަލަ. އެގެއަށްދާން. އަހަރެން ވެސް ދާނަން. އާދެ މަ ނަގަން." އަޝްރަފު ބުނެލިއެވެ.

އަޝްރަފާއެކު އަހަރެން ދިޔައީ ފަޒީލާމެން ގެއަށެވެ. އަހަރެން ފަޒީލާއާ ރައްޓެހިވެގެން އުޅުނަސް މާގިނައިން އެގެއަށް ގޮސް ނޫޅެމެވެ. އާއްމުކޮށް އަހަރުމެން ބައްދަލުވެ އުޅެނީ ބޭރުގައެވެ. އާއިލާގެ މީހުންނާ ބައްދަލުވެ އުޅެނީ ވެސް ބޭރުންނެވެ.

ދޮރުގައި ދެތިން ފަހަރު ޓަކި ޖަހައިލުމުން ވެސް ދޮރެއް ނުހުޅުވިއެވެ. އެންމެ ފަހުން ރަނގަބީލަށް ފިތައިލީމެވެ. ދޮރު ހުޅުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ރަނގަބީލަށް ފިތައިލީ އަޝްރަފެވެ. ދޮރުހުޅުވުނެވެ. ދޮރު ހުޅުވާލީ ފަޒީލާގެ ދޮންތަ، އަމީޒާއެވެ. އޭނާގެ މޫނު މަތިން ފެންނަން ހުރީ މާޔޫސްކަމުގެ އަސަރުތަކެވެ.

"ކޮބާ ފަޒީ؟" ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން އަހައިލީމެވެ.

ޖަވާބެއް ނުލިބުނެވެ. ފަޒީގެ ދޮންތަ ހިނގައިގަތީ އެތެރެ އަށެވެ. އަނގަޔަކުން ނުބުނެއެވެ. އަހަރެންގެ ފަހަތުގައި އަޝްރަފު ހުއްޓެވެ.
"ދޮންތާ! ކޮބައިތަ ފަޒީ؟ ކިހިނެއްތަ ވީ؟" އަނެއްކާ ވެސް އަހަރެން އަހައިލީމެވެ.

އަމީޒާ ހުއްޓުނެވެ. އޭނާ އެނބުރި ބަލައިލިއެވެ. ރުޅިވެރިކަމާއެކުގައެވެ. އަހަންނަށް ހުރެވުނީއެވެ. ވެގެން އުޅޭ ގޮތް ސާފު ނުވެގެންނެވެ.
"ވީކަމެއް ކުރިކަމެއް އެނގޭނީ މަށަށްތަ؟" އަމީޒާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

"ކީކޭ؟" އަހަންނަށް ބުނެލެވުނެވެ.

"ނަސީބެއް ހުރިހާ ކަމެއް ނުނިމެނީސް އެނގުނުކަން." އަމީޒާ ދެ ބުމައަށް ބާރުކޮށްލަމުން ބުނެލިއެވެ. "މަ އޭރު ވެސް ބުނިން ކަމުދާ ކަމެއް ނޫނޭ."

"ދޮންތާ ކީކޭތަ ތި ކިޔަނީ؟" އަހަރެން ކުރިއަށް ޖެހިލީމެވެ.

"މަށަށް ދޮންތާއޭ ކިޔާނެ ކަމެއް ނެތް. ތިކަހަލަ މުޑުދާރު މީހަކު މަށަށް ދޮންތަ ކިޔާނެ ކަމެއް ނެތް. މަ މީ ކަލޭގެ ދޮންތައެއް ނޫން." އަމީޒާ ބާރަށް ހަޅޭއްލަވާގަތެވެ.

އެއަޑަށް ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަހަންނަށް ފެނުނީ ފަޒީލާއެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. ކޯތާފަތްވަނީ ކަރުނުން ފޯވެފައެވެ. މޫނު ވަނީ މިލައި މޯޅިވެފައެވެ. ފަޒީލާގެ ފަހަތުގައި އޭނާގެ ތުއްތަ، އަރީޝާ ހުއްޓެވެ. ފަޒީލާގެ ދެ ކޮނޑުގައި ހިފަހައްޓައިލައިގެންނެވެ.

"ފަޒީ ކީއްތަ ވެގެން މިއުޅެނީ؟ ދޮންތަ ކީއްވެތަ އަހަރެން ދެކެ ރުޅި އައިސްގެން މި އުޅެނީ؟ ވެގެން އުޅޭ ގޮތެއް ބުނެބަލަ." އާދޭހުގެ ރާގުގައި އަހަންނަށް ބުނެވުނެވެ.

ބަދަލުގައި ފަޒީލާގެ ގިސްލުން އިތުރުވިއެވެ. އޭނާގެ ލޮލުން ހޯސް ލާފައި ކަރުނަތައް އޮހިގަތެވެ. ދެ ތުންފަތަށް ބާރުކޮށްލަމުން އޭނާ ހިންދިރުވަމުން ދިޔައެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ.

"ކަލޭ ކީއްކުރަން މިގެއަށް ތި އައީ؟" ރުޅިވެރި ކަމާއެކު އަމީޒާ އަނެއްކާ ވެސް ފެށިއެވެ. "އަދިވެސް އަހަރުމެންނަށް ދެވުނު ލަނޑު ކުޑައީތަ؟ އަހަރުމެން ފަޟީހަތް ކުރެވުނު ވަރު ކުޑައީތަ؟ މުޅި އާއިލާގެ އިއްޒަތާއި އަބުރު ކަލޭގެ ސަބަބުން ގެއްލިއްޖެ. އަހަރުމެންނަށް މީހަކާ ހަތަރު ކަޅި ހަމަކޮށްލަން ވެސް ނުކެރިފަ މި ތިބީ."

"އަޅެ ކޮންމެ ވެސް މީހަކު ވެގެން އުޅޭ ގޮތް ބުނެދީބަލަ." އަހަންނަށް މަޑުމައިތިރި ކަމާއެކު ބުނެލެވުނެވެ.

"އާން. މީހުން ކަލޭއަށް ރަނޑޭ އެ ކިޔަނީ ހަމަ ރަނގަޅަށް. މާ އަޅޭ ވެގެން އުޅޭނެ ކަމެއް ނެތް. ހަމަ މިހާރު މިތަނުން ދާން އުޅޭ." އަމީޒާ އަހަރެންގެ ކުރި މައްޗަށް ހުއްޓުނުނެވެ.

"އަހަންނާ މެދު އެހާ ބޮޑު އިލްޒާމެއް އަޅުވާއިރު، ވެގެން އުޅޭ ގޮތް ސާފު ނުވަނީސް މިތަނުން ގުޑައި ވެސް ނުލާނަން." އަހަރެން ގާތަށް ވެސް ރުޅިއައެވެ. "އަހަންނަކީ ކިތައްމެ ރަނޑު މީހަކަސް މީހަކު ލަދުގަންނަ ވަރު ކަމެއް އަދި މިހާތަނަށް ނުކުރަން. އަހަންނަނީ ވެސް ކަލޭމެން ހެއްދެވި ފަރާތުން ހެއްދެވި އިންސާނެއް. އަހަރެންގެ މި ސިފައަކީ އަހަރެން އަމިއްލަށް ލިބިގަތް ސިފައެއް ނޫން."
"ހުއްޓައިލާ. މިގެއަކީ ޒުވާބުކުރާ ގެއެއް ނޫން. ތިމާއަށް ކުރެވުނީ ކިހައި ވަރެއްގެ ކަމެއްކަން ނޭނގުމަކީ އަހަރެންގެ ކުށެއް ނޫން." ފަޒީލާ ގިސްލަމުން ގިސްލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ވާހަކަދައްކަމުން ދިޔައެވެ. "ގޮތަކަށް އުޅުނީ ކާކުކަން އެއޮތީ އެންމެންނަށް ފެންނަން. މި ހުރިހާ ކަމަކާ ކުރިމަތިލާން މި ޖެހުނީ އަހަންނަށް. އަހަރުމެންނަށް. އަހަރެންގެ އާއިލާއަށް."

"ފަޒީ ތި ކިޔާ އެއްޗެއް ސާފުކޮށް ކިޔައިބަލަ." އަހަރެން ފަޒީލާ ކުރިމައްޗަށް ހުއްޓިލީމެވެ.

"އަމިއްލައަށް ބަލައިބަލަ." އަރީޝާ ފޯނު ނަގައި އަހަންނަށް ދައްކައިލިއެވެ.

ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނެވެ. އަރީޝާގެ ފޯނު އަތުލެވުނެވެ. ފޯނުގެ ސްކުރީނަށް ކަޅި ޖަހައިނުލައި ބަލަން ހުރެވުނެވެ. އެއްމެ ފޮޓޯއެއް ނޫނެވެ. އެތައް ފޮޓޯއެކެވެ. ފޮޓޯ އެކަންޏެއް ނޫނެވެ. ވީޑިއޯއެވެ. އެއީ އަޝްރަފުގެ ކޮޓަރިއެވެ. އަހަރެން އޮތީ ނިވާކަމެއް ނެތިއެވެ. ވަށައިގެން ތިން ފިރިހެނުން ތިއްބެވެ. އެމީހުން ވެސް ތިބީ އެހާލުގައެވެ. އެއްވެސް މީހެއްގެ މޫނެއް ނުފެނެއެވެ. މޫނު ފެނުނީ އަހަރެން އެކަންޏެވެ. އަހަންނަށް ބަލައިލެވުނީ އަޝްރަފުގެ މޫނަށެވެ. ރުޅިވެރިކަމާއެކުގައެވެ.

"މީ ހަގީގަތެއް ނޫން. މީ.. މީ ރޭވުމެއް... މީ އަހަންނަށް ދިން އަނިޔާއެއް." އަހަންނަށް ބަލައިލެވުނީ އަޝްރަފާ ދިމާއަށެވެ.
"ސާފުކޮށް، ރީތިކޮށް ފެންނާން އޮއްވާ ވެސް ތި ބުނަނީ ހަގީގަތެއް ނޫނޭ. ތިވަރު މީހަކު ދެން ވާނީ ކޮން ރަނގަޅެއް." އަމީޒާ ހަޅޭއްލަވާ ގަތެވެ.

އަހަންނަނަށް ބަލައިލެވުނީ އަޝްރަފާ ދިމާއަށެވެ. އޭނާ ހުރީ ލާނެތް ގޮތަކަށް ހެވިފައެވެ. ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ދެމެދުގައި ދަތްދޮޅި ޖައްސައިލައިގެންނެވެ. އަހަރެންގެ ލޭ ހޫނުވަމުން ދިޔައެވެ.

"ކަލޭ ކުރިން ބުނި ނަމަ. އަހަރެން ހުރިހާ ކަމެއް ކަލޭ ބޭނުން ގޮތަށް ކޮށްދިނީމުސް." އަހަރެން އަޝްރަފާ ދިމާއަށް ދުއްވާގަނެވުނެވެ.
އަހަރެން ބޭނުންވީ އަހަންނަށް ދިން ލަނޑުގެ ހިތިކަން އޭނާގެ އަރުގައި ހިއްޕައިލާށެވެ. ބުއްދިއަށްވުރެ އިސްކުރެވުނީ ރުޅިވެރިކަމެވެ. އަހަންނަށް ފުންމާގަނެވުނީ އަޝްރަފުގެ މޭމައްޗަށެވެ. ކުއްލިއަކަށް އޭނާ ބިންމައްޗަށް ވެއްޓުނެވެ. ބަލާކަށް ނުހުރެ އޭނާއަށް ހަމަލާދޭން ފެށީމެވެ. މޫނުމަތީގައި ދެ އަތުން ތެޅޭވަރަކަށް ތެޅީމެވެ. ގޭތެރޭގައި ރޯ އަޑާއި ހަޅޭއްކުގެ އަޑު ގަދަވަމުން ދިޔައެވެ. އަހަރެންގެ ދެއަތުގައި ހިފައި ނެގިކަން އެނގުނެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ. ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ އައިވީ ގުޅައިފައެވެ. ކުށްވެރިއެއްގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެންމެފަހުން ކުށްވެރިވީ އަހަރެންނެވެ. އަޝްރަފަށް ހަމަލާދީ އޭނާ ޒަޚަމުކޮށްލުމުންނެވެ. ހުއްދަނޫން ޢަމަލުތަކެއް ކޮށް އެ މަންޒަރު އުފެއްދުމުގެ ކުށުގައެވެ. ބަދުނާމުވީ ވެސް އަހަރެންނެވެ. ބޭޒާރުވެ ބޭކާރު ވީ ވެސް އަހަރެންނެވެ. އެކަކަށް ވެސް ހަގީގަތެއް ނޭނގެއެވެ. ތެދުވެރި ލޯތްބެއް ވެވުނީތީއެވެ. އެކަމުގެ ހަދިޔާއެއްގެ ގޮތުގައެވެ. ކެހިވެރިއެއްގެ ދަލުގައި ޖެހިގެންނެވެ. މިއީ އަޝްރަފުގެ ރޭވުންތެރިކަމާއެކު އޭނާ އަހަންނަށް ދިން ގުސާއެކެވެ. ކެއްސެކެވެ. އަނިޔާއެކެވެ. މުޅި އުމުރަށް ދިރިއުޅުން މަތި އަހަރެން ފޫހިކޮށްލި ހާދިސާއެވެ. އެދުވަހު އަހަންނަށް ފޯނުގައި ލިޔެވުނު ނަމަކީ ރަނގަޅު ނަމެކޭ މިއަދު ހިތަށް އަރައެވެ. އާއެކެވެ. އެއީ އަހަންނާ ދިމާވި ފައްކާ ދައްޖާލެކެވެ. ގަބޫލުކުރަން ދަތި ނަމަވެސް މިއީ އަހަރެންގެ ހިތި މާޒީއެވެ.