ލައިފްސްޓައިލް

އެޑޮޕްޓްކުރި މައިންބަފައިންނަށްޓަކައި ހުވަފެނީ ގެއެއް

ފިލިޕީންސްގެ ވަރަށް ފަގީރު ދެމަފިރިއަކު އަޅާނެ މީހަކު ނެތް ކުޑަ ކުއްޖެއް އެޑޮޕްޓްކުރި އެވެ. އެ މީހުން މި ކުއްޖާ އެޑޮޕްޓްކުރީ ފަގީރު ކަމުން ގޮސް އަމިއްލަ ދަރިންނަށް ވެސް ކާންބޯން ނުދެވޭ ފަދަ ހާލަތެއްގައި އުޅެމުންނެވެ. މި ހާލުގައި ވެސް ދެމަފިރިން ވަރަށް ލޯތްބާއި އެކުވެރިކަމާއެކު އެ ކުއްޖާ ގެންގުޅުނީތީ ކުއްޖާގެ ހިތުގައި ދެމަފިރިންނަށް ޚާއްސަ ލޯތްބެއް އޮތެވެ. އަދި ބޮޑުވެގެން ކާމިޔާބު މީހަކަށް ވުމުގެ އަޒުމުގައި ވަރަށް ހިތްވަރާއެކު މަސައްކަތް ކުރި އެވެ. އޭނާއަށް ހެޔޮކޮށް ހިތި މީހުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގެ އުންމީދުގަ އެވެ.

ޖޭވީ ލަޒާރޯ ބެޑިލީ އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް މީހެކެވެ. އޭނާ އަބަދުވެސް އޭނާ އެޑޮޕްޓްކުރި މައިންބަފައިންގެ ފޮޓޯ ޝެއާކުރެ އެވެ.

"ނޭނޭ އާއި ޓޭޓޭ (އެޑޮޕްޓްކުރި މަންމަ އާއި ބައްޕަ) އަހަރެން ބަލަން ހަވާލުވިއިރު އެމީހުން އުޅުނީ ވަރަށް ފަގީރުކޮށް. ނޭނޭ އަކީ އުނގުވިޔަފާރިކުރާ މީހެއް. ޓޭޓޭ އަކީ ފޮށިތަންމަތި އުފުލާދޭ މީހެއް. މިހާރު އަހަންނަށް ވަނީ އެމީހުންގެ ހެޔޮކަމުގެ ބަދަލު ދެވޭ ވަރުގެ ދިރިއުޅުމެއް ފެނިފައި. އެހެންވެ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދާދޭނެކަމުގެ ޔަގީންކަން އަހަރެން ދެން،" ފޭސްބުކް ޕޭޖްގައި ޖޭވީ ލިޔެފައި ވެއެވެ.

ފިލިޕީންސްގެ ބުލާޗަން އަވަށުގައި ޖޭވީ އާއި އޭނާ އެޑޮޕްޓްކުރި ދެމަފިރިންނާއި އެމީހުންގެ ހަ ދަރިން އުޅުނީ ބަނޑުފުރާނަ މުއްތިކުރެވޭނެ ފަދަ ވެސް ނެތި އެވެ. ނަމަވެސް ޖޭވީ ބުނާ ގޮތުގައި އެމީހުން ފަގީރަސް އެމީހުންގެ އަތުގައި އެކަކު އަނެކަކަށް ދޭނެ ލޯބި އިންތިހާއަށް އޮތެވެ. އެހާ ގިނަ ދަރިން ތިބިއިރުވެސް އެމީހުން އޭނާ ގެންގުޅުނީ އަމިއްލަ ދަރިންނާ އެއްވެސް ތަފާތު ކުރުމެއް ނެތި އެވެ. އެހެންވެ ބޮޑުވެގެން ރަނގަޅު ވަޒީފާ ލިބި ފައިސާ ލިބެން ފެށުމުން އެޑޮޕްޓްކުރި ދެމަފިރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ޖޭވީ އިސްނެގީ އެވެ.

އެ އާއިލާ ގޮވައިގެން ޖޭވީ ވަނީ ނިއުޒިލެންޑާއި އޮސްޓްރޭލިޔާ އަދި ޑުބާއީ ފަދަ ތަންތަނަށް ޗުއްޓީ ހޭދަކޮށްލަން ގޮއްސަ އެވެ. ދުނިޔެ ދައްކާލުމަކީ އެމީހުންނަށް އޭނާ ވެފައިވާ ވައުދެކެވެ. އަދި މިއަދު އޭނާ އެ ދަނީ އެ ވައުދު ފުއްދަމުންނެވެ.
އެ ދެމަފިރިންނާއެކު ބަނޑުހައިހޫނުކަމާއި ފަގީރުކަމުގައި 28 އަހަރު ޖޭވީ ވަނީ ހޭދަކޮށްފަ އެވެ. އެހެންވެ މިހާރު އޭނާއަށް ފައިސާ ލިބި މުއްސަނދިވުމުން އެމީހުންނަށް ވެސް އެ މުއްސަނދިކަމުގެ ފައިދާ އެންމެ ފުރިހަމަ ފޯރުކޮށްދޭން ޖޭވީ ބޭނުންވީ އެވެ.
މިހާރު ޖޭވީ ވަނީ އޭނާގެ އާއިލާއަށް ގަނޑުވަރެއް ކަހަލަ ރީތި ގެއެއްވެސް އަޅާދީފަ އެވެ.