ލައިފްސްޓައިލް

އިމްތިހާނުގައި މަކަރު ނުހެދޭނެ މާސްކެއް އަޅުވައިފި

އިމްތިހާނުގައި މަކަރު ހެދުމަކީ ބައެއް ދަރިވަރުން ކުރާ ކަމެކެވެ. މިގޮތަށް މަކަރު ހެދިޔަ ނުދިނުމަށް ފިލިޕީންސްގެ ލެގަޒްޕީ ސިޓީގެ ކޮލެޖަކުން ވަރަށް މޮޅު ގޮތެއް ހޯދައިފި އެވެ.

މަކަރު ނުހެދޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މާސްކެއް ދަރިވަރުން ލައްވާ ތައްޔާރުކުރުވައި އެ މާސްކް އަޅައިގެން އިމްތިހާނަށް އަންނަން އެންގީ އެވެ.

މި މާސްކް އަޅައިގެން އިންނައިރު އެހެން ދަރިވަރުންގެ ޕޭޕަރަށް ބެލުމުގެ އެއްވެސް ފުރުސަތެއް ކުދިންނަކަށް ނުލިބޭނެ އެވެ.

މި "އެންޓީ-ޗީޓިން ހެޓްސް" އަކީ މިހާރު ސޯޝަލް މީޑިއާގައި ވަރަށް ވައިގައި ހިފައިގެން އުޅޭ އެއްޗެކެވެ.

ސަބަބަކީ އެކި ކުދިންގެ މާސްކްތައް ހަދާފައި ހުރިލެއް މަޖާ ކަމުންނެވެ. އެއްބަޔަކު ކުކުޅުބިސް ލާފައި ހުންނަ ޓްރޭން މާސްކް ހަދާފައި ހުރިއިރު ގިނަ ކުދިންގެ މާސްކް ހުރީ ބްރިސިލް ބޯޑު ކަރުދާހުންނެވެ.

އެ ކޮލެޖުގެ ޕްރޮފެސަރެއް ކަމަށްވާ މޭރީ ޖޯއި މެންޑޭން-އޯޓިޒް ބުނި ގޮތުގައި އަހަރުގެ މެދުތެރޭ ބާއްވާ އިމްތިހާނަށް މި މާސްކް ތައްޔާރުކޮށް ތޮތްޕެއް ގޮތަށް އަޅައިގެން އަންނަން ހުރިހާ ދަރިވަރުންނަށް ވެސް އޭނާ އެންގި އެވެ. އަދި އެ ކުއްޖެއްގެ ކުޅަދާނަކަން ހުރި ވަރެއް ދައްކާލައި ވީހާވެސް ކްރިއޭޓިވް ގޮތަކަށް މާސްކް ތައްޔާރުކުރުމަށް ވެސް އިރުޝާދު ދިނެވެ. އެހެންވެ ކުދިން ވަރަށް އާދަޔާޚިލާފު ތަފާތު މާސްކްތައް ތައްޔާރުކޮށްފައި ހުރި ކަމަށް ޕްރޮފެސަރު ބުންޏެވެ.

ބައެއް ކުދިން އެކުދިންގެ ފޭވަރިޓް ކާޓޫނު ކެރެކްޓާގެ ސިފަޔަށް މާސްކް ތައްޔާރުކޮށްފައި ހުއްޓެވެ. އަދި އަނެއްބައި ކުދިން އެކުދިންނަށް މަގުބޫލު އެހެން ބައެއް އެއްޗެހި ގޮތަށް ވެސް މާސްކް ތައްޔާރުކޮށްފައި ހުއްޓެވެ.

ޕްރޮފެސަރަށް މި ހިޔާލު ލިބުނީ 2013ގައި ތައިލެންޑްގެ ސްކޫލަކުން މިގޮތަށް ކުދިންގެ މާސްކް އެޅުވިކަމުގެ ވާހަކައެއް އިވިފައި އޮތީމަ އެވެ.
އަދި މީގެ ދުވަސްކޮޅެއް ކުރިން މެކްސިކޯގެ ސްކޫލެއްގެ ކުދިން އިމްތިހާނު ހެދިއިރު ބޯކަރުދާސް ފޮށިތަކެއް އެކުދިންގެ ބޮލަށް ފައްތާފައި ތިއްބާ ވެސް ފެނިފައި ވެއެވެ.