ވިހަން ބަނޑުގައި ރިހުމަކީ މި އަންހެންމީހާ ގްރެޖުއޭޝަން ރަސްމިއްޔާތު ކަޓުވާލާ ވަރުގެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ނުދެކުނެވެ. މިއީ އެ ހިތްވަރުގަދަ އަންހެންމީހާގެ ވާހަކަ އެވެ.
ކެލްސޭ ހުޑީ އަކީ އަލަށް ބަލިވެ އިނދެ ވިހަން ތައްޔާރުވެފައިވާ އަންހެނެކެވެ. އެމެރިކާގެ މިޝިގަން ސްޓޭޓްގެ ހެންރީ ފޯޑް ކޮލެޖުން އޭނާ ޑިގްރީ ހާސިލުކޮށް ގްރުޖުއޭޝަން ރަސްމިއްޔާތު ބާއްވަން އޮތް ދުވަހަކީ ހުޑީ އަށް ވަރަށް ޚާއްސަ ދުވަހެކެވެ. އޭރު އޭނާގެ ބަނޑަށްވީ 38 ހަފުތާ ނަމަވެސް ގްރެޖުއޭޝަނަށް ދާން ތައްޔާރުވަނިކޮށް ކުއްލިއަކަށް އޭނާ ވިހަން ބަނޑުގައި ރިހެން ފެށި އެވެ. އަދި ޑައިލޭޓްވެ ވިހަން ތައްޔާރުވި އެވެ.
އެންބީސީ ސްޓޭޝަނަށް ދިން އިންޓަވިއު އެއްގައި ހުޑީ، 27، ބުނީ ބަނޑުގައި ރިހުމަކީ އޭނާ ޑިގްރީ ބަލައި ސްޓޭޖަށް ނޭރޭ ވަރުގެ ކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
"އަހަރެން ބުނިން އަހަރެން ސްޓޭޖަށް އަރަން ދިއުމުގެ ކުރިން ވިހޭ ނަމަވެސް ދަރިފުޅު ގޮވައިގެން ނަމަވެސް ސްޓޭޖަށް އަރާނަމޭ އަހަރެން ބުނިން،" ހުޑީ ބުންޏެވެ.
ހުޑީ އެހާ ވިހާ ކައިރިވެފައި އިނުމުން ސްޓޭޖަށް ނޭރިޔަސް ހެޔޮކަމަށް ކޮލެޖުން ހުޑީ އަށް އަންގާފައި އޮތަސް ހުޑީ ބޭނުންވީ ސްޓޭޖަށް އަރާށެވެ. އަދި އޭނާ ކޮލެޖަށް ވެސް އެގޮތަށް އެންގި އެވެ.
ނަމަވެސް ކޮލެޖުގެ ކިބައިން ހުޑީ އެއް ކަމަކަށް އެދުނެވެ. އޭނާގެ ނަން އެންމެ ކުރިޔަށް ލައިދިނުމަށެވެ. އޭރުން ސްޓޭޖަށް އަރައި ޑިގްރީ އާ ހަވާލުވުމަށްފަހު ވީހާވެސް އަވަހަކަށް އޭނާ ހޮސްޕިޓަލަށް ދާން ޖެހޭނެތީ އެވެ.
އެހެންކަމުން ހެންރީ ފޯޑް ކޮލެޖުގެ ޕްރެޒިޑެންޓް ރުސެލް އޭ.ކުވަލްހުނާ ގްރެޖުއޭޓުންގެ ކިބައިން މިކަމަށް އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ އިވެންޓް ފަށައިގެން ކުރިޔަށް ގެންދަން ފެށުމުގެ ކުރިން އެ ދަރިވަރަކަށް ޑިގްރީ ހަވާލުކޮށްލަން އެބަ ޖެހޭ ކަމަށެވެ.
އެ ވަގުތު ގްރެޖުއޭޝަން އިވެންޓަށް ގޮސް ތިބި ހުރިހާ އެންމެން ވެސް މިގޮތާ އެއްބަސްވި އެވެ. އަދި ހުޑީގެ ނަން ގޮވުމުން ހުޑީ ހިނގާފައި ގޮސް ސްޓޭޖަށް އެރި އެވެ. ވިހަން ބަނޑުގައި ރިހިރިހި އަދި ވަރަށް ބޮޑަށް ޑައިލޭޓްވެފައި ހުރި ހާލުގަ އެވެ.
ޑިގްރީއާ ހަވާލުވުމަށްފަހު ހުޑީ ވަނީ ވަގުތުން ހޮސްޕިޓަލަށް ގޮއްސަ އެވެ. އަދި އޭނާ ދިޔަތާ ކުޑަ އިރުކޮޅެއް ތެރޭގައި ވަނީ ވިހާފަ އެވެ.