އެމެރިކާގެ ކެލިފޯނިއާގެ 12 އަހަރުގެ ކްލޯވިސް ހަންގް ވަރަށް ތާރީޚީ ކާމިޔާބެއް ހޯދައިފި އެވެ.
އޭނާ ވަނީ ކެލިފޯނިއާގެ ފުލާޓަން ކޮލެޖުގައި ކިޔަވައި ފަސް ޑިގްރީ ހާސިލްކޮށްފަ އެވެ.
ކްލޯވިސް މި ފާހަގަ ކުރެވޭ ކާމިޔާބީ ހޯދުމުގެ ދަތުރު ފެށީ އުމުރުން ނުވަ އަހަރުގަ އެވެ. އެއީ އޭނާގެ ސްކޫލްގައި ކުރިން ކިޔެވި ހަމަ އެހާ ވިސްނުންތޫނު ދަރިވަރެއް ކަމަށްވާ ޖެކް ރިއޯގެ ކާމިޔާބީން ހިތްވަރު ލިބިގެން އޭނާ ފެށި މަސައްކަތެކެވެ. އެ ކޮލެޖުން ގްރެޖުއޭޓްވީ އެންމެ ހަގު ކުއްޖާގެ ރެކޯޑް އޮތީ ޖެކް އަށެވެ.
އިލްމު އުނގެނުމަށް ފެންބޮވައިގެންފައވާ ކްލޯވިސް އޭނާގެ ތައުލީމީ ހަޔާތުގައި ހޯދާފައިވާ ހުރިހާ ކާމިޔާބީއަކީ ވެސް އޭނާގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބެވެ. އެގޮތުން އާޓްސްއާ ގުޅުންހުރި ފަސް ޑިގްރީއެއް 12 އަހަރުގައި އޭނާ ހާސިލުކޮށްފައި ވެއެވެ.
ކްލޯވިސް ޑިގްރީ ނެގި ރޮނގުތަކުގެ ތެރޭގައި ހިސްޓްރީ، ސޯޝަލް ސައިންސަސް، ސޯޝަލް ބިހޭވިއާ އެންޑް ސެލްފް-ޑިވެލޮޕްމަންޓް، އާޓްސް އެންޑް ހިއުމަން އެކްސްޕްރެޝަން އަދި ސައިންސް އާއި މެތެމެޓިކްސް ހިމެނެ އެވެ.
މި އަޖައިބެއް ފަދަ ބޮޑު ކާމިޔާބީ ހާސިލުކުރުމަށް ކްލޯވިސް އަށް އެޑްވާންޓޭޖް ލިބުނީ ފްލާޓަން ކޮލެޖުން ތައާރަފްކުރި އިނޮވޭޓިވް "ސްޕެޝަލް އެޑްމިޓް" ޕްރޮގްރާމްގެ ސަބަބުންނެވެ.
އެ ޕްރޮގްރާމްގެ ދަށުން އޭނާ ކޮލެޖު ކޯސްތަކުގައި ކިޔަވަން ހޯމް ސްކޫލިންގެ އެހީގައި ސްކޫލްގެ ކިޔެވުންވެސް ފުރިހަމަކުރަން ފުރުސަތު ލިބުނެވެ.
މިކަމުގައި އޭނާއަށް އެހީތެރިވީ އޭނާގެ މަންމަ އެވެ. މަންމަ ވަނީ ފަސޭހައިން މި ހުރިހާ ކިޔެވުމަށް ކްލޯވިސް އަށް ކިޔެވޭނެ ގޮތްތަކެއް އިންތިޒާމްކޮށްދީފަ އެވެ.
"ހިސްޓްރީ ކުލާހަށް ފުރަތަމަ ކިޔަވަން ދިޔަ ދުވަހު އަހަންނަށް އެނގިއްޖެ މިހުރިހާ ކިޔެވުމެއް އަހަންނަށް ވަރަށް ފަސޭހަކަމާއެކު ކުރިޔަށް ގެންދެވިދާނެކަން. އަދި ކޮލެޖުގައި ކިޔެވުންވީ އަހަރެން ވަރަށް ކުރާހިތްވީ ކަމަކަށް. އަހަރެން އަމިއްލަ ނަފްސަށް ގޮންޖަހައި އިތުރު އެތައް ކްލާސް ތަކެއްގައި ބައިވެރިވިން،" ކްލޯވިސް ބުންޏެވެ.
މިހާރު ލިބިފައިވާ ނަތީޖާގެ އެހީގައި ކްލޯވިސް ދެން ކިޔަވަން ބޭނުންވަނީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގް އަދި މެތެމެޓިކްސް) ކޯސް ތަކެވެ.
އޭނާ ކުރިއަށް ދާން ބޭނުންވާ ވަރަށް ގިނަ ރޮނގުތައް އެބަހުއްޓެވެ. އެގޮތުން ކޯމާޝަލް ޕައިލެޓިން، އޭރޯސްޕޭސް އަދި މެޑިސިންގެ ރޮނގުން އޭނާ ކުރިއަށްދާން ގަސްދުކުރެ އެވެ. އަދި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ވުމަކީ އޭނާގެ ހުވަފެނެކެވެ.