އުމުރުން ނުވަ ވަރަކަށް އަހަރު ވާއިރު ކުދިން އާއްމުކޮށް އުޅޭނީ ގްރޭޑް 4 ނުވަތަ 5 ގައެވެ. އެކުދިންނަށް އަދި ހައި ސްކޫލުގެ ތައުލީމު ހޯދުން އޮންނަނީ ވަރަށް ދުރު މުސްތަގްބަލުގައި ކުރާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އެމެރިކާގެ ދަރިވަރަކު ނުވަ އަހަރުގައި ވަނީ ހައި ސްކޫލް ތައުލީމު ފުރިހަމަކޮށް ރެކޯޑް ހަދާފަ އެވެ.
ޕެންސިލްވޭނިޔާގައި ދިރިއުޅޭ ޑޭވިޑް ބަލޮގަން ނަމަކަށް ކިޔާ މި ކުއްޖާ އަކީ ދުނިޔޭގެ އެންމެ ވިސްނުން ތޫނު ކުދިން ހިމެނޭ މެންސާގެ މެންބަރެއް ވެސް މެއެވެ.
ސައިންސާއި ކޮމްޕިއުޓާ ޕްރޮގްރާމިން އަށް ޝައުގުވެރިވާ މި ކުއްޖާއަކީ މިހާރު ދުނިޔޭގައި ތިބި އެންމެ ހަގު ހައި ސްކޫލް ގްރެޖުއޭޓުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ހައި ސްކޫލު ތައުލީމު ފުރިހަމަ ކުރަން މި ކުއްޖާ ކިޔަވާފައިވަނީ އޮންލައިން ކްލާސް ތަކެއްގަ އެވެ.
ފޮކްސް43 އާ ވާހަކަ ދައްކަމުން ޑޭވިޑް ބުނި ގޮތުގައި މަންމަ އާއި ބައްޕަގެ އެހީތެރިކަމާއެކު އަހަރެން ހިތްވަރުލާ މަސައްކަތް ކޮށްފިނަމަ އުމުރުން 9 ނުވަތަ 10 ވަރަކަށް އަހަރުގައި ގްރެޖުއޭޓް ވެވިދާނެ ކަމަށް އޭނާއަށް އަބަދުވެސް ގަބޫލު ކުރެވެ އެވެ. އެގޮތުން 'ރީޗް ސައިބާ ޗާޓާ ސްކޫލް' ގައި ކިޔަވައިގެން އޭނާއަށް ގްރެޖުއޭޓް ވެވުނީ އެވެ.
އޭނާ ބުނި ގޮތުގައި މިކަން އޭނާ ކުރީ މިކަން ކުރެވޭ ވަރުގެ ގާބިލްކަން ހުރިކަން ވިސްނޭތީ އެވެ.
"އަހަރެންނަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއްކަން އެނގޭއިރު ކީއްވެ އެކަން ނުކޮށް ހުންނަންވީ. އަހަރެން ބޭނުންވަނީ އެސްޓްރޯފިޒިސިސްޓް އަކަށް ވެގެން ބްލެކް ހޯލްސް އާއި ސުޕަނޯވާސް ދަސްކުރަން،" ޑޭވިޑް ބުންޏެވެ.
ޕްރެސް ކޮންފަރެންސެއްގައި ބައްޕަ ހެންރީ އާއި މަންމަ ރޮންޔާ އާއެކު ބައިވެރިވެ ވާހަކަ ދައްކަމުން ޑޭވިޑް ބުނީ އޭނާ ބޭނުމީ އެސްޓްރޯނޯމާ އަކަށް ވާން ކަމަށާއި ބްލެކް ހޯލް އާއި ސުޕަނޯވާސްގެ ހަގީގަތް އޮޅުން ފިލުވަން ކަމަށެވެ.
ޑޭވިޑްގެ ބައްޕަ ބުނި ގޮތުގައި ޑޭވިޑް އަކީ ކަންކަން އޮޅުންފިލުވަން ވަރަށް ބޭނުންވާ ކުއްޖެކެވެ.
ހުސް ވަގުތުގައި ކަރާޓޭ އާއި ބޭސްބޯލް ކުޅުމަށް އަދި އަންހެން ކޮއްކޮއާ އެކު ކުޅެން ވަގުތު ހޭދަކުރުމަށް ޑޭވިޑް ލޯބި ކުރެ އެވެ.
ޑޭވިޑް ފިޔަވައި އެންމެ ހަގު ހައި ސްކޫލް ގްރެޖުއޭޓްގެ ގިނިސް ވޯލްޑް ރެކޯޑް މިހާރު އޮތް އަނެއް ކުއްޖަކީ މައިކަލް ކިއާނީ އެވެ. މައިކަލް 1990 ގައި ހައި ސްކޫލް ގްރެޖުއޭޓަކަށް ވީއިރު އޭނާގެ އުމުރުން ހަ އަހަރެވެ. އަދި އުމުރުން 18 އަހަރުގައި އޭނާ ވަނީ މާސްޓާޒް ޑިގްރީ ފުރިހަމަކޮށްފަ އެވެ.