ލައިފްސްޓައިލް

ވިސްނުންތޫނު އޮޓިސްޓިކް ކުއްޖެއް 11 އަހަރުގައި ޑިގްރީ ހޯދައިފި

މެކްސިކޯ ސިޓީގައި ދިރިއުޅޭ އަދާރާ ޕެރޭޒް ސަންޗޭޒް އަކީ އާދަޔާޚިލާފު ވިސްނުންތޫނުކަމާއި ގާބިލްކަމެއް ލިބިފައިވާ ކުއްޖެކެވެ. އުމުރުން އެންމެ 11 އަހަރުގެ މި ކުއްޖާގެ މޮޅުކަމުން އޭނާ ދިރިއުޅޭ ރަށުގައި ވަރަށް މަޝްހޫރުކަން ވަނީ ލިބިފަ އެވެ.

އަދާރާގެ އައިކިއު ލެވެލް ހުރީ 162 ގައެވެ. މިއީ އެންމެ އައިކިއު ލެވެލް މަތިކަމަށް މަޝްހޫރު ފިޒިސިސްޓް އެލްބަޓް އެއިންސްޓެއިންގެ އައިކިއު ލެވެލް އަށް ވުރެ މަތީ ލެވެލް އެކެވެ.

އަދާރާ މިހާރު ކިޔަވަމުންދަނީ އިންޖިނިއަރިންގެ ރޮނގުން މާސްޓާޒް ޑިގްރީއެއް ހާސިލު ކުރުމަށެވެ.

މީގެ ކުރިން އޭނާ ވަނީ މެކްސިކޯގެ ޓެކްނޯލޮޖިކަލް ޔުނިވަސިޓީން އިންޑަސްޓްރިއަލް އިންޖިނިއަރިން ޑިގްރީ އަކާއި ސީއެންސީއައި ޔުނިވަސިޓީން ސިސްޓަމްސް އިންޖިނިއަރިން ޑިގްރީއެއް ފުރިހަމަކޮށްފަ އެވެ.

އަދާރާ އަކީ އޮޓިޒަމްގެ މައްސަލަ ހުންނަ ކުއްޖެކެވެ. އެހެންވެ ސްކޫލްގައި ކުދިން އޭނާއަށް ވަރަށް ބުލީ ކުރެ އެވެ. ނަމަވެސް އަދާރާގެ އުމުރުން އެންމެ ފަސް އަހަރުގައި އޭނާ އެލެމެންޓްރީ ސްކޫލް ނިންމާލައިފި އެވެ. އަދި މިޑްލް ސްކޫލާއި ހައި ސްކޫލް އެންމެ އަހަރެއްގެ ތެރޭގައި ނިންމާލި އެވެ.

އެސްޓްރޮނޯޓަކަށް ވުމުގެ ހުވަފެން ދެކޭ އަދާރާއަކީ މޮޅު ވާހަކަދެއްކުންތެރިއެއް ވެސް މެއެވެ. އަދި ކިޔަވައިގެން ނާސާގައި މަސައްކަތްކުރުމަކީ އަދާރާގެ އަމާޒެވެ.

އަދާރާއަކީ މެކްސިކޯގެ ފަގީރުން ދިރިއުޅޭ ހިސާބުގައި އުޅޭ ކުއްޖެކެވެ. އޭނާގެ އޮޓިޒަމް ހުރިކަން އެނގުނީ އުމުރުން އެންމެ ތިން އަހަރުގައި ވާހަކަ ދެއްކުމުގެ ދަތިކަމެއް ހުރެގެން ކަމާ ބެހޭ މާހިރުންނަށް ދެއްކުމުންނެވެ.

މާރީ ކްލެއާ މަޖައްލާއަށް އަދާރާގެ މަންމަ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސްކޫލުގައި ބުލީ ކުރުމުގެ މައްސަލަތައް ބޮޑުވެ އަދާރާ ކުޑަކޮށް އެކަހެރިވެ އެކަނިމާއެކަނި އިންނަން ފެށީ އެވެ. އޭނާއަށް މި އަންނަމުންދިޔަ ބަދަލުތަކާ ޓީޗަރުން ވެސް އެހާ ކަންބޮޑުވެގެނެއް ނޫޅެ އެވެ.

"ޓީޗަރުން އެހާ ހަމްދްރުދީއެއް ނުވޭ އަދާރާގެ ހާލަތާ މެދަކު. އެހެންވެ އަބަދުވެސް ބުނާނެ އޭނާ މިވެނި އެސައިންމަންޓެއް ފުރިހަމަ ކުރިނަމަ ރަނގަޅެއް ނޫންހޭ. މިކަހަލަ ކަންތަކާ ހެދި އަދާރާ އެހެން ކުދިންނާ މުޅިން ދުރުގައި އެކަނި އިންނަން ފެށި. ކްލާސް ކުދިންނާއެކު ކުޅޭކަށް އޭނާ ބޭނުމެއް ނުވޭ. ވަރަށް އެހެން ކަހަލަ ގޮތަކަށް އެ ދުވަސްވަރު އޭނާ އުޅުނީ،" އަދާރާގެ މަންމަ ނަޔޭލީ ސަންޗޭޒް ބުންޏެވެ.

އަދާރާގެ މަންމަ ބުނި ގޮތުގައި ސްކޫލަށް ގޮސް ވެސް އިރުކޮޅަކު އަދާރާ އިނދެއެވެ. އެއަށްފަހު ފޫހިވެގެން ނިދޭ ފަހަރު ވެސް އާދެ އެވެ. އަދި އޭގެ ފަހުން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. އޭނާ ވަރަށް ބޮޑަށް ޑިޕްރެސް ވެފައި އިނަސް އެހެން މީހުން އޭނާއަކަށް ހަމްދަރުދީއެއް ނުވެ އެވެ. ގިނަ މީހުން އޭނާއަށް ޖޯކު ޖަހައި މަލާމާތް ކުރެ އެވެ.

މިކަމާ ހެދި ތިން ފަހަރެއްގެ މަތިން އަދާރާގެ ސްކޫލް ބަދަލުކުރި ކަމަށް އޭނާ ބުންޏެވެ. ކިތަންމެ ވަރަކަށް ސްކޫލް ބަދަލުކުރިޔަސް އަދާރާގެ ވިސްނުންތޫނުކަމާއި ވިސްނުމުގެ ބޭނުން ކޮށްގެން ކަންކަން ކުރަން އޭނާގެ ހިތް ނުތަނަވަސްވެފައި ހުރި މިންވަރު ހާމަވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

އަދާރާގެ މަންމަ ބުނި ގޮތުގައި ވަރަށް ކުޑައިރު ފަސޭހަކަމާއެކު އޭނާ ނަވަތަ (ޕީރިއޮޑިކް ޓޭބަލް) ދަސްކޮށްލީ އަމިއްލަ އަށެވެ. އަދި އަލްޖެބްރާ ވެސް ދަސްކުރީ އަމިއްލަ އަށެވެ. ދަރިފުޅު މާފޫހިވެގެން އުޅޭހެން ހީވާތީ ފަހުން ތެރަޕީއަށް ފޮނުވަން ފެށި ކަމަށް އަދާރާގެ މަންމަ ބުންޏެވެ.

އަދާރާގެ ކިބައިގައި ހުރި އާދަޔާޚިލާފު ތޫނު ވިސްނުން ދެނެގަތީ ތެރަޕިސްޓެކެވެ. އަދި ސެންޓާ ފޯ އެޓެންޝަން އޮފް ޓެލެންޓް (ސީއީޑީއޭޓީ)އަށް އަދާރާ ވައްދަން ތެރަޕިސްޓް ލަފާ ދިނެވެ. މިއީ ގިފްޓަޑް ޗިލްރަން އަށް (ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް) ޚާއްސަ ސްކޫލެކެވެ.

މި ސްކޫލުން ޔަގީންކޮށްދިން ގޮތުގައި އެއިންސްޓެއިން އާއި ސްޓެފަން ހޯކިންގް އަށް ވުރެ އަދާރާގެ އައިކިއު ލެވެލް މައްޗެވެ.

"އަހަރެން ބޭނުމީ މާސްއަށް ގޮސް އެތާނގައި ދިރިއުޅެވޭނެ ގޮތް ހަދަން. އެހުރި ތަނަކާ މެދު ހިތްހަމަނުޖެހެންޏާ ދެން ދާނީ ކޮންތާކަށް. އަހަރެން ބޭނުންވާ ނާސާގައި އުޅެން. ހަމަގައިމުވެސް އެތަނަށް ދާން މަސައްކަތް ކުރާނަން،" 11 އަހަރުގެ އަދާރާ ބުންޏެވެ.