ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފިރިހެނަކު އޭނާގެ އަންހެނުންނަށް ހެދިގެން މޫނު ބުރުގާ އަޅައިގެން މަތިންދާބޯޓަކަށް އެރުމުން ފަޅާ އަރައިފި އެވެ. އިންޑޮނީޝިޔާގެ މި މީހާ އެރީ ސިޓީލިންކް މަތިންދާބޯޓަކަށެވެ. މިއީ އިންޑޮނީޝިޔާ އިން ފިލިޕީންސްގެ ޓާނޭޓް އަށް ދަތުރުކުރި ފްލައިޓެކެވެ.
މި މީހާ މަތިންދާބޯޓަށް އެރުމުގައި ކާމިޔާބު ހޯދީ ފޭކް އައިޑީ އަކާއި ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއެއް ދައްކައިގެނެވެ.
އެއާޕޯޓުގެ ސެކިއުރިޓީ ޕޯސްޓްތަކުން ކާމިޔާބު ކަމާއެކު މި މީހާއަށް ސަލާމަތް ވެވި މަތިންދާބޯޓަށް އެރުނެވެ. ނަމަވެސް ފްލައިޓް ނައްޓާލައިގެން ގޮސް ޓާނޭޓް އެއާޕޯޓަށް ޖެއްސުމުގެ ކުރިން މި މީހާގެ ސިއްރު ވަނީ ފަޅާ އަރާފަ އެވެ.
ފަޅާއެރީ ބޯޓު ޓާނޭޓް އެއާޕޯޓަށް ޖައްސަން ކައިރިވުމުން އެމީހާ ތެދުވެގެން ފާޚާނާއަށް ގޮސް މޫނު ބުރުގާ ބާލައި ފިރިހެން ހެދުން އަޅައިގެން ނުކުތް ތަން ކެބިން ކުރޫ އަކަށް ފެނިގެނެވެ.
މި ވާހަކަ ކެބިން ކްރޫ ރިޕޯޓު ކޮށްފައި އޮތުމުން ބޯޓު ރަންވޭއަށް ޖެއްސުމާއެކު އެއާޕޯޓް އޮފިޝަލުން އެމީހާ ހައްޔަރު ކޮށްގެން ގެންދިޔައީ އެވެ. އަދި އެމީހާގެ ކޮވިޑް ޓެސްޓް ހެދުމުން އޭނާއަކީ ކޮވިޑް ޕޮޒިޓިވް ވެފައިވާ މީހެއްކަން ޔަގީން ކުރެވުނެވެ.
މި ފިރިހެންމީހާ ފުރަން ވެގެން ކޮވިޑް ޓެސްޓް ހެދިއިރު އޭނާގެ އަންހެނުން ވެސް ޓެސްޓު ކުރި އެވެ. އަންހެނުންގެ ރިޕޯޓު ނެގެޓިވް ވީއިރު މި މީހާގެ ރިޕޯޓު ޕޮޒިޓިވް ވުމުން އަންހެނުން އައިޑީ އާއި ކޮވިޑް ޓެސްޓު ނަތީޖާ ހިފައިގެން އަންހެނުންނަށް ހެދިގެން މި މީހާ ފުރަން ގަސްތުކުރީ އެވެ.
މި މީހާ މި ވަގުތުހުރީ ގޭގައި ކަރަންޓީނުގައި ކަމަށާއި އެމީހާގެ ކަރަންޓީނު ނިމުމުން މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފިލިޕީންސް ފުލުހުން ބުނެފައި ވެއެވެ.