ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހި ހާލުބޮޑުވި ފިލިޕީންސް ޑޮކްޓަރެއްގެ ހިތި ތަޖުރިބާ

ހޮސްޕިޓަލުގެ ވޯޑުން ޑރ. މަޔެއްލާ މޮންޓެމާ ނުކުންނަން އައިއިރު އޭނާގެ އަތުގައި ނޫކުލައިގެ ޓިއުލިޕެއް އޮތެވެ. ކައިރީގައި އޭނާގެ ތިން ދަރިން ތިއްބެވެ. ހިނގާފައި ކޮރިޑޯއަށް ނުކުތްއިރު އޭނާއާއެކު އެ ހޮސްޕިޓަލުގައި މަސައްކަތްކުރި އެކި ގައުމުތަކުގެ އެކި ނަސްލުގެ އެތައް ބައިވަރު މެޑިކަލް ސްޓާފުންނަށް ސަފަކަށް އެތުރި ތިބެ އޭނާއަށް އިތުރު މާ ތައް ހަދިޔާ ކުރަމުން ތަރުހީބުގެ އަތްތިލަބަޑިއެއް ދެމުން ގެންދިޔަ އެވެ. އަދި ކޮންމެ މީހަކު ވަކިވަކިން އޭނާ ބައްދަލުކޮށް ބައްދާލައި ވަކިވުމުގެ ސަލާން ކުރަމުން ދިޔަ އެވެ.

އޭރު ފޭސް މާސްކްގެ ފަހަތުގައިވާ ޑރ. މަޔެއްލާގެ ރީތި ހިނިތުންވުން މޫނުމަތިން ފާޅުވާން ހުއްޓެވެ. އެއީ ފާއިތުވީ ފަސް މަސް ދުވަހުއްސުރެ އޭނާގެ މޫނުމަތިން މުޅިން ގެއްލިފައިވީ ހިނިތުން ވުމެކެވެ. ޑރ. މަޔެއްލާ ކޮވިޑް-19ގެ ޝިކާރައަކަށްވެ އެ ބައްޔާ ކުރި ހަނގުރާމައަކީ ދެ ހަޔާތަށް އަލުން ހިނިތުން ނުގެނެވޭ ވަރުގެ ހިތި ތަޖުރިބާ އެކެވެ.

އުމުރުން 40 އަހަރުގެ ޑރ. މަޔެއްލާ އަކީ ސައޫދީ އަރަބިޔާގެ ރިޔާޒުގެ އެސްޓާ ސަނަދު ހޮސްޕިޓަލުގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރެކެވެ. އޭނާއަށް ކޮވިޑްޖެހި އެ ބަލި މުޅިން ފަސޭހަވީ ކަމުގައި ވިޔަސް ދުވަހަކުވެސް އެ ހަނދާނަކާ ވަކި ނުވެވޭވަރުގެ ބޮޑު ގެއްލުމެއް އޭނާއަށް ތަހައްމަލުކުރަން ވަނީ މަޖްބޫރުވެފަ އެވެ. ޑރ. މަޔެއްލާ ކޮވިޑް ބަލީގައި އައިސީޔޫގައި އޮއްވާ އޭނާގެ ފިރިމީހާ މި ދުނިޔެއާ ވަކިވެފައިވާތީ އެވެ. ޑރ. މަޔެއްލާ ގޮތަށް އޭނާގެ ފިރިމީހާ ޝެރިދަން ޗަން މޮންޓެމާ، 40، އަކީ ވެސް ފްރަންޓްލައިންގައި މަސައްކަތްކުރި ސިއްހީ ޚިދުމަތްތެރިއެކެވެ.

ޑރ. މަޔެއްލާ އަށް ވަރަށް ގިނަ ދުވަހުން ބަލިން ސަލާމަތް ވެވުނުއިރު އޭނާގެ ފިރިމީހާއަކަށް ސަލާމަތެއް ނުވެވުނެވެ. އޭނާ އާއި އެ މީހުންގެ ކުޑަ ތިން ދަރިން އެކަނިކޮށްފައި ޑރ. މަޔެއްލާގެ ފިރިމީހާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

ގަލްފުގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޑރ. މަޔެއްލާ ބުނީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އެމީހުން ކޮށްފައިވާ ހުވަޔާ އެއްގޮތަށް ކޮންމެ ހާލެއްގައި ވެސް ބަލި މީހުންނަށް ޚިދުމަތްކުރުމަކީ އެމީހުން އުފަލުން ކުރަމުން ދިޔަ ކަމެކެވެ. ފިރިމީހާ ޑޭން އަކީ ވެސް ސިއްހީ ޚިދުމަތްތެރިއަކަށް ވެފައި ކޮވިޑްގެ ބަލިމަޑުކަން ފެތުރުމުން އެމީހުންގެ މަސައްކަތް ވަރަށް ފުރާނައަށް ނުރައްކާކަން ޚުދް އެމީހުން ވެސް ގަބޫލު ކުރި އެވެ. ނަމަވެސް ހިތްވަރުކޮށްފައި ފްރަންޓްލައިނަށް ނުކުތީ ހުރިހާ ކަމެއް މާތް ﷲ އާ ވަކީލު ކޮށްލާފަ އެވެ.

"އޮގަސްޓް 2020 ގައި އަހަރެންނަށް ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށި. ރޭގަނޑު އެއްގޮތަކަށް ހުން ވިހެނުލުމުން އަހަރެން ހޮސްޕިޓަލަށް ދިޔައިން. ޑޮކްޓަރު ބުނި ނަތީޖާ ލިބެންދެން މުޅިން އައިސޮލޭޓް ވެގެން ހުންނާށޭ. ހުމުގެ އިތުރުން ނޭވާ ލާން ދަތިވެ އަހަރެން އިމަޖެންސީއަށް ދިޔައިން. ދެ ދުވަސް ފަހުން އަހަރެންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށި. ފިރިމީހާ އަކީ މެޑިކަލް ޓެކްނޮލޮޖިސްޓެއް. ދެ ވަނަ ދުވަހު ފިރިމީހާ ވެސް ޕޮޒިޓިވް ވީ. ދެ މީހުންނަށް ކޮވިޑް ޖެހުނަސް މުޅިން ފަސޭހަވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް. ސަބަބަކީ އޭރު ސައޫދީ އަރަބިޔާގައި ކޮވިޑް ޖެހޭ މީހުން ފަސޭހަވާ ޕަސެންޓޭޖް 92.5 ޕަސަންޓުގައި ހުރީމަ. އަހަރެންގެ ހާލު ގޯސްވެ އޮކްސިޖަން ގުޅަން ޖެހުނުއިރު ފިރިމީހާ ރަނގަޅުވެގެން ގެއަށް ހިނގައްޖެ. ގޭގައި އޭނާ އަހަރެމެންގެ ކުޑަ ތިން ދަރިން ބެލުމުގައި އުޅުނީ. ފަހުން ތިން ކުދިންނަށް ވެސް ވައިރަސް އެރި. ނަމަވެސް ވަރަށް އަވަހަށް ރަނގަޅުވެއްޖެ،" ޑޮކްޓަރު އޭނާގެ ހަޔާތުގައި ދިމާވި މި ހިތާމަވެރި ހާދިސާ ކިޔައިދެމުން ބުންޏެވެ.

ފަހުން ޑރ. މަޔެއްލާއަށް ނޭވާ ލާން މާ ބޮޑަށް ދަތިވެ އައިސީޔޫއަށް ގެންދިޔަ އެވެ. އޭނާ އެހާ ހާލުބޮޑުވި ވާހަކަ ފިރިމީހާއަށް އަންގަން ޑރ. މަޔެއްލާ ބޭނުމެއް ނުވި އެވެ. ފިރިމީހާ އަކީ ޕްރެޝަރު މައްސަލަ ހުންނަ މީހަކަށް ވެފައި އެކަމާ މާ ބޮޑަށް ދެރަވެގެން ގޮތެއް ވެދާނެތީ އެވެ.

"އަހަރެން ފިރިމީހާ އަށް ގުޅާފަ ބުނިން އޮބްޒާވްކުރަން ވެގެން އެތަނުގައި ބާއްވާފައި އޮތިއްޔޭ. ހާލު ރަނގަޅޭ،" ޑރ. މަޔެއްލާ ބުންޏެވެ.

ނަމަވެސް އެ ފަދަ ހާލެއްގައި ޑރ. މަޔެއްލާ އޮތްއިރު އޭނާއަށް އެހީތެރިކަން ފޯރުކޮށް ނުދެވިގެން ފިރިމީހާ ދެރަވެފައި ހުރިވަރު ޑރ. މަޔެއްލާއަށް އޭރު ވެސް އިހްސާސް ކުރެވުނެވެ.

ޑރ. މަޔެއްލާ އާއި އޭނާގެ ފިރިމީހާ އެ ދުވަހު މެސެޖުގެ ޒަރިއްޔާއިން ވާހަކައިގައި ފިރިމީހާގެ މެޔަށް ވަރަށް ތަދުވާ ވާހަކަ ވެސް އޭނާ ކައިރީ ބުންޏެވެ. އަދި އެއީ ފާއިތުވީ ތިން ދުވަހުއްސުރެ ރަނގަޅަށް ނުނިދޭތީ ވާ ކަމެއް ކަމަށް ހީވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެއީ ފިރިމީހާ އާއި އޭނާއާ ދެއްކޭނެ އެންމެ ފަހުގެ ވާހަކަ ކަމެއް އޭރު ޑރ. މަޔެއްލާ ކުޑަކޮށް ވެސް ހިތަކަށް ނާރަ އެވެ.

އޮގަސްޓް 30، 2020 ގައި ވެސް ޑރ. މަޔެއްލާ އޮތީ ހޮސްޕިޓަލުގެ ބަލި އެނދުގަ ވަރަށް ހާލު ބޮޑުވެފަ އެވެ. އެ ހާލުގައި އޮވެ ވެސް ފިރިމީހާއަށް އޭނާ ކުރި މެސެޖަށް އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ ވަރަށް ކަންބޮޑުވި އެވެ. ފަހުން ފިރިމީހާއާ އެކު މަސައްކަތްކުރާ ބައެއް މީހުންނަށާއި އޭނާގެ ބޮސް އަށް ވެސް މެސެޖުކުރި އެވެ. ނަމަވެސް އޭގެން އެއްވެސް މީހަކު ވެސް ޖަވާބެއް ނުދިނެވެ. ކުއްލިއަކަށް އޭނާގެ ވަޓްސްއަޕް ނަންބަރަށް މެސެޖުތަކެއް އަންނަން ފެށި އެވެ. ތައުޒިޔާ ކިޔާފަ އެވެ.

"އަހަރެން ހިތަށް އެރި އަހަރެންގެ ބައްޕަ މަރުވީ މީގެ ހަތް މަސް ދުވަސް ކުރިންނޭ. ދެން ކީއްވެބާއޭ މި މީހުން އަހަންނަށް ތައުޒިޔާ ކިޔައި މިހާރު މި މެސެޖު ކުރަނީ. ދެން ހިތަށް އެރި އޮޅިގެންނޭ އެ މެސެޖުތައް ފޮނުވުނީ. ހަމަ އެ ދުވަހުގެ މެންދުރުފަސް ވީފަހުން އަހަރެންނާއެކު މަސައްކަތްކުރާ އަހަރެންގެ ވަރަށް ގާތް އެކުވެރި ދެ ޑޮކްޓަރަކު ހަޒްމަތު ސޫޓު ލައިގެން އަހަރެން ކައިރިއަށް އައި. އަހަރެންގެ ފިރިމީހާ މަރުވި ޚަބަރު އަހަންނަށް ދޭން. ނަމަވެސް އެމީހުންނަށް އުޅެ އުޅެ ވެސް އެ ވާޙަކަ އަހަރެން ކައިރީގައި ނުބުނެވުނު. އަހަރެން ބުނެފިން ތި ބުނަން އުޅޭ އެއްޗެއް ބުނެބަލާށޭ އަހަރެންނަކީ ވަރަށް ހިތްވަރުގަދަ މީހެކޭ. އަހަންނަށް ކެތް ކުރެވޭނޭ ކޮންމެ ވާޙަކައެއް ބުންޏަސް. ދެން އެމީހުން އަހަރެންގެ ފިރިމީހާ މަރުވި ވާހަކަ ބުނީ،" ޑރ. މަޔެއްލާ ބުންޏެވެ.

ޑރ. މަޔެއްލާގެ ފިރިމީހާ މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ. އެހިސާބުން ކުޑަ ތިން ބޭން ގޭގައި އެކަނިވީ އެވެ. އެހެންވެ ޑރ.މަޔެއްލާ ކައިރިއަށް ހޮސްޕިޓަލަށް އެކުދިން ގެނެސް ހޮސްޕިޓަލުގެ ކޮޓަރިއެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދިނެވެ.

ނަމަވެސް ފިރިމީހާގެ މަރުވެ ޚަބަރަކާއެކު ޑރ. މަޔެއްލާގެ ހާލު ބޮޑުވެ ހޮޅިތައް ގުޅައި އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. އަދި ވަރަށް ހާލުބޮޑުކޮށް މަރާ ހަނގުރާމަކުރުމުގައި އޭނާ އެތައް ދުވަހެއް ހޭދަކުރި އެވެ.

"އަހަރެން ކޯމާގައި ވެސް 18 ދުވަހު އޮތް. ހޭލެވުމުން އަހަރެންގެ ނަމަކީ ކޮބައިތޯ ނަރުސް ކުއްޖާ އެހުމުން ވެސް އަހަންނަކަށް ޖަވާބު ދޭކަށް ނޭނގުނު. އަހަންނަށް އެނގޭ އަހަރެން އޮތީ ހޮސްޕިޓަލުގައި ކަން. ނަމަވެސް އަހަރެން ހޮސްޕިޓަލުގެ ހެދުމެއްގައި އޮތީ ކީއްވެ ކަމާއި އަހަރެންގެ ދަރިން ތިބޭ ކަމެއް ވެސް ހަނދާނެއް ނެތް. ނަމަވެސް ފިރިމީހާ މަތިން އަހަރެން ހަނދާން ހުރި. އަދި އޭނަ ހޯދަން ވަރަށް އުޅުނިން،" ޑރ. މަޔެއްލާގެ ތަޖުރިބާ ހިއްސާކުރަމުން ކިޔައިދީފައި ވެއެވެ.

ކޯމާއިން ހޭ އަރައި އަލުން ހިނގާބިނގާވެ އުޅެވޭވަރު ޑރ. މަޔެއްލާއަށް ވީވެސް އެތައް މަހެއްގެ ފަރުވާއިންނެވެ.

ޑރ. މަޔެއްލާ އާއި ފިރިމީހާ ޑޭން ލޯބީގެ ގޮތުން ގުޅުނީ މެޑިކަލް ޑިގްރީއަށް ކިޔެވި ދުވަސްވަރު އެވެ. ޑޭންގެ މައިންބަފައިންނަކީ އޭރުވެސް ޖިއްދާގައި ވަޒީފާ އަދާކުރާ ބައެކެވެ. އެހެންވެ އޭނާ ތައުލީމު ފުރިހަމަކުރުމަށްފަހު ޑޭން ޖިއްދާއަށް ވަޒީފާއަށް ދިޔައީ އެވެ.
ޑރ. މަޔެއްލާ އާއި ޑޭން ކައިވެނިކުރީ 2007 ގައި ފިލިޕީންސް އަށް ޗުއްޓީއެއްގައި ގޮހެވެ. އަދި ޑރ. މަޔެއްލާ ކިޔަވާ ނިމުމުން ސައޫދީގެ ހޮސްޕިޓަލަކުން ވަޒިފާ ހޯދައިގެން ދެ މީހުން ސައޫދީގައި ދިރިއުޅެންފެށީ އެވެ.

ބަލިން ރަނގަޅުވެ ގެއަށް ދެވޭ ގޮތް ވުމުން ޑރ.މަޔެއްލާ އޭނާގެ ތިން ދަރިންނާއެކު ފިލިޕީންސަށް އެނބުރި ދާން ނިންމި އެވެ. ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން އޭނާއަށް މާ ހަދިޔާކޮށް އަލްވަދާއު ކިޔަމުންދިޔައީ އޭނާ ހޮސްޕިޓަލާއި އެ ގައުމަށްވެސް އަލްވަދާއު ކިޔައި އެނބުރި ރަށަށް ދާތީ އެވެ. ނުވަ އަހަރު ދުވަހު ރިޔާޒުގެ ހޮސްޕިޓަލުގައި ޚިދުމަތްކޮށްދިނުމަށް ފަހުގަ އެވެ.

އޭނާ އެނބުރި ދަނީ ފިރިމީހާ ނުލާ ނަމަވެސް އުމުރު ދުވަހަށް ވެސް ފިރިމީހާގެ ހަނދާންތައް އޭނާއާ އެކުގައި ވާނެ ކަމަށް ޑރ. މަޔެއްލާ ބުންޏެވެ. އަދި އެ ދެމީހުންގެ ދަރިން ހެޔޮގޮތުގައި ބޮޑުކުރުމަކީ މިހާރު އޭނާގެ ހަމައެކަނި މަގްސަދެވެ.