ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑާ ދުރުވާން ދެމަފިރިން އެކަނި ފްލައިޓެއްގައި ދަތުރުކޮށްފި

އާއްމުންނާއެކު އެކި ކަހަލަ އުޅަނދަށް ދަތުރަށް އަރަން މިހާރު ގިނަ ބަޔަކު ބިރުގަނެ އެވެ. ކޮރޯނާވައިރަސް އަރާފާނެތީ އެވެ. އެހެން މީހުންނާ ގައިދުރުކަން ބަހައްޓައިގެން ފޭސްމާކް އާއި ޝީލްޑް އަޅައިގެން އަތަށް އަންގިލައްވައި ސެނިޓައިޒާ ފުޅިއެއް އަތުން ހިފައިގެން އުޅުނަސް ބައެއް މީހުން ތިބެނީ ބަލި އަރާފާނެތީ ބިރުން ހަދާނެ ގޮތް ހުސްވެފަ އެވެ. މި ބިރުން ސަލާމަތްވާނެ ޔަގީން ގޮތެއް ނޯންނައިރު މަތިންދާ ބޯޓުން ދަތުރު ކުރުމަކީ މިފަދަ މީހުން އެންމެ ބިރުގަންނަ ކަންތަކަށް ވެއެވެ.

އިންޑޮނީޝިޔާގެ މި މީހާއަކީ ވެސް އާއްމުން ދަތުރުކުރާ އުޅަނދުތަކަށް އަރަން ބިރުގަންނަ މީހެކެވެ. އެހެންވެ އޭނާ އާއި އަންހެނުން ފްލައިޓެއްގައި ދަތުރުކުރަން ޖެހުމުން މުޅި ފްލައިޓް ވަނީ ބުކްކޮށްފަ އެވެ.

ޖަކާޓާގައި ދިރިއުޅޭ ސޯޝަލިސްޓެއް ކަމަށްވާ ރިޗަޑް މުލްޖަދީ ވަނީ އޭނާ އާއި އަންހެނުން އެކަނިމާއެކަނި ބޮޑު ފްލައިޓެއްގައި ތިއްބާ ނަގާފައިވާ ފޮޓޯ ތަކެއް ވެސް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅޭ ރިޗަޑް ބަޓިކް އެއާ ފްލައިޓެއް ބުކް ކޮށްގެން ދަތުރުކޮށްފައި ވަނީ ޖަކާޓާ އިން ބާލީ އަށެވެ.
މި ފްލައިޓް ބުކް ކުރަން އޭނާ ހަރަދުކުރި ފައިސާގެ އަދަދެއް ރިޗަޑް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ބުނީ ޕްރައިވެޓް ޕްލޭނެއް ޗާޓަރު ކުރުމަށްވުރެ މިގޮތް އަގުހެޔޮ ކަމަށެވެ.

"ގަނެވޭނެ އެންމެ ގިނައެއްކޮށް ސީޓު ގަތުމުން ވެސް ފްލައިޓެއް ޗާޓަރު ކުރުމަށް ވުރެ މާ ބޮޑުތަން އަގުހެޔޮ،" ރިޗަޑް ބުނެފައި ވެއެވެ.
ރިޗަޑް ބުނި ގޮތުގައި އޭނާގެ އަންހެނުން ޝަލްވީން ޗޭންގް އަކީ ކޮރޯނާވައިރަސް އަރާފާނެތީ އާދަޔާޚިލާފު ބިރެއް ގަންނަ މީހެކެވެ. އެހެންވެ ފްލައިޓުގެ ހުރިހާ ޓިކެޓެއް އޭނާ ގަތީ އެވެ.

"އަހަރެމެން ނޫން ބަޔަކު ފްލައިޓުން ދަތުރު ނުކުރާނެކަން އަހަރެމެން ޔަގީންކުރީ،" ރިޗަޑް ބުންޏެވެ.

ރިޗަޑް ދަތުރުކުރި ފްލައިޓުގައި ތިބީ އޭނާ އާއި އޭނާގެ އަންހެނުން އެކަނިކަން ބަޓިކް އެއާ އޮޕަރޭޓްކުރާ 'ދަ ލަޔަން އެއާ ގްރޫޕް' އިން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ރިޗަޑް އޭނާގެ ނަމުގައި އެ ފްލައިޓުން ގަނެފައިވަނީ އެންމެ ދެ ޓިކެޓް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. ފަހަރެއްގައި އޭނާ އެހެން ނަން ނަމުގައި ވަކި ވަކިން ޓިކެޓު ނުގަންނަ ކަމެއް ނޭނގޭ ކަމަށް ވެސް ކުންފުނިން ބުންޏެވެ.