ލައިފްސްޓައިލް

މެޔަށް ވަޅިއެއް ހެރިފައި އިންކަން ނޭނގި 14 މަސް

ފިލިޕީންސްގެ ޒުވާން ފިރިހެނަކަށް މީގެ އަހަރެއްހާ ދުވަސް ކުރިން ބަޔަކު ވަޅިން ހަމަލަ ދިނެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީ މުޅިން ފަސޭހަ ވެސް ވި އެވެ. ނަމަވެސް ހޮސްޕިޓަލުން ފަސޭހަވެގެން ދޫކޮށްލިއިރު ވަޅީގެ ހަތަރު އިންޗި ދިގު ތިލަ އޭނާގެ މޭގައި އިނދެދާނެ ކަމަކަށް އެ މީހާ ކުޑަކޮށް ވެސް ހިޔެއް ނުކުރެ އެވެ.

ކެންޓް ރަޔަން ޓަމާއޯ އަށް ވަޅިން ހަމަލަދިނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ފިލިޕީންސްގެ ސިޓީއެއް ކަމަށްވާ ކިޑަޕަވަން އަށް މަސައްކަތެއް ކުރަން ގޮސްފައި އައި މަގުމަތީގަ އެވެ.

ކެންޓް ބުނި ގޮތުގައި އޭނާގެ މެޔަށް ބަޔަކު ވަޅި ހަރާ ޒަޚަމް ކޮށްލުމުން ހޮސްޕިޓަލަށް ގެންގޮސް އެ ޒަޚަމް ފަހައި ތަދުކަނޑުވާ ބޭސް ދީފައި ފޮނުވާލީ އެވެ. އޭނާ ހޮސްޕިޓަލުން ގެޔަށް ދިޔައިރު ވަޅީގެ ތިލަ އޭނާގެ މޭގައި އިނދެދާނެ ކަމަކަށް ޚިޔާލަކަށް ވެސް ނާދެ އެވެ.

ވަޅީގެ ތިލަ މޭގައި އަދި ވެސް އިންކަން އޭނާއަށް އެނގުނީ ވަޒީފާ އަކަށް ވަންނަންވެގެން ހެލްތު ޗެކަޕެއް ހަދަން މިހިނގާ މާޗު މަހުގެ 23 ވަނަ ދުވަހު ހެދި ޓެސްޓް ތަކަކުންނެވެ. އޭނާ ނެގި މޭގެ އެކްސްރޭގައި ވަރަށް ރީއްޗަށް ވަޅި މޭ ކަށިތަކާ ޖެހިގެން ފުއްޕާމޭ ފޫއަޅުވާނުލާ ކިރިޔަކިރިޔާ އިންދާ ފެނެ އެވެ.

ވަޅިން އިންކަން އެނގުމުން ކެންޓް ބިރުން ހަލާކުވާވަރު ވިއެވެ. އަދި އޭނާ އަށް ފަރުވާ ދިން ހޮސްޕިޓަލަށް ގޮސް އޭނާ އޮޕަރޭޝަން ކުރި ޑޮކްޓަރުންނަށް ދައްކާ އެ ވަޅި ނަގާދޭން އޭނާ މިހާރު ވަނީ އެދިފަ އެވެ. އަދި ވަޅި އިންދާ އޭނާ އަށް އެއްވެސް ވަޒީފާ އަކަށް ނުދެވޭނެ ކަމަށް ވެސް ކެންޓް ބުނެފައި ވެއެވެ. ސަބަބަކީ ވަޅި މޭގައި އިންދާ ވަޒީ ފާއަށް ނުކުތުމަކީ ރައްކާތެރިކަމެއް ކަމަށް އޭނާ އަށް އަލަށް ވަޒީފާ ދޭ ފަރާތަށް ގަބޫލު ނުކުރެވޭތީ ކަމަށް ވެސް ކެންޓް ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ މެޔަށް ވަޅި ހެރުނު ޒަޚަމް ރަނގަޅަށް ޗެކް ނުކުރުމުގައި ޑޮކްޓަރުންގެ އިހުމާލު އެބައޮތް. އެހެންވީމަ އެ މީހުން ޖެހޭނެ މިކަން ރަނގަޅު ކޮށްދޭން،" ފިލިޕީންސް ނޫހަކަށް ދިން އިންޓަވިއު އެއްގައި ކެންޓް ބުންޏެވެ.

ކެންޓް ބުނީ ހޮސްޕިޓަލުން ކުރިހާ ވެސް ކަމަކީ އޭނާގެ މޭގައި ހުރި ޒަޚަމުން ލޭ ނާންނަގޮތް ހަދައި އެތަން ފަހައި ބޭސް އެޅުން ކަމަށެވެ. އަދި ތަދު ކަނޑުވަން ބޭސް ދީފައިވާ ގެއަށް ފޮނުވާލީ ކަމަށެވެ.

"އޭގެ ފަހުން ވެސް ކުޑަކޮށް ތަދުވޭ. ނަމަވެސް ޑޮކްޓަރަކަށް ދައްކާ ވަރެއް ނުވޭ. އެހެން ހުރެލާފައި އަމިއްލަ އަށް ރަނގަޅުވޭ. މިހާރު ތަދުވާ ސަބަބު އެނގުމުން އަހަރެންނަށް ހިތް ހަމަޖެހުން ލިބިއްޖެ،" ކެންޓް ބުންޏެވެ.

ހޮސްޕިޓަލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ކެންޓް ބޭނުމެއް ނޫނެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އިހުމާލުން ދިމާވި މައްސަލަ ހައްލުކޮށްދޭން އެ މީހުންގެ ކިބައިން އޭނާ އެދިފައި ވެ އެވެ. ސަބަބަކީ މި ފަދަ ބޮޑު އޮޕަރޭޝަނެއް އަމިއްލަ އަށް ކުރާ ވަރުގެ ފައިސާގެ ތަނަވަސްކަން އޭނާގެ ކިބައިގައި ނެތުމެވެ.