ލައިފްސްޓައިލް

ކުދިންނަށް ފޯނު ދޭން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟

ކުދިންނަށް ވަރަށް ކުޑައިރުއްސުރެ ފޯނު ދިނުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ އާދައެކެވެ. ކުދިން ބޮޑާ ނުހާކާ ރީތިކޮށް ތިބޭތީ ބޮލަށް ފަސޭހައަކަށް ވެސް ބައެއް މީހުން ފޯނާއި ޓެބްލެޓު ދީއުޅެ އެވެ. ކުޑަކުދިން މާ ގިނައިރު ސްކްރީނަށް ބެލުމުން އެކުދިންގެ ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ސިއްހީ މާހިރުން ވަރަށް ގިނައިން ކިޔައި ދެމުން ދިޔަ ނަމަވެސް ފޯނު ދިނުމަކީ މާ ބޮޑު ކަމެއް ކަމަކަށް ބައެއް ބެލެނިވެރިން ނުދެކެ އެވެ.

ކުދިންނަށް ފޯނު ދިނުމަށް ފަސް ޖެހޭ މައިންބަފައިން ވެސް ހަމަ އެހާ ގިނަ އެވެ. އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިން އަތަށް ފޯނު ދެވޭނެ އުމުރު ނޭނގޭތީ އެވެ. މިޒަމާނަކީ ޓެކްނޮލޮޖީގެ ވަކިތައް ހިއްޕާލާފައިވާ ޒަމާނެއް ކަމުން މުޅިން ފޯނު ފަދަ އެއްޗެތި ނުދީ ގެންގުޅުމަކީ ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ. އަދި ކުދިންގެ ކިޔެވުމަށް ވެސް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތީގެ ބޭނުން ޖެހޭތީ އެވެ.

ކުދިންނަށް ފޯނު ފަދަ ތަކެތި ދޭއިރު އޭގެން ލިބޭނެ ފައިދާ އާއި ގެއްލުން ވަޒަންކުރަން ޖެހެ އެވެ. އަދި ޒިންމާދާރުކަމާއެކު ފައިދާ ހުރި ގޮތުގައި އެ ތަކެތި ބޭނުންކުރާނެ ގޮތް ކިޔައިދީ ކުދިން އެކަމަށް އަހުލުވެރި ކުރުވަން ޖެހެ އެވެ.

ގިނަ ބެލެނިވެރިން ކުދިންނަށް ފޯނު ދެނީ އެކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ. މައިންބަފައިން ބިޒީކޮށް އޮފީސް ތަކުގައި މަސައްކަތްކުރާއިރު ކުދިންނަށް ވާ ނުވާ ބެލޭނެ ގޮތަކަށް އޮންނަނީ އެކުދިން އަތުގައި ފޯނު އޮތީމަ އެވެ. ބޭނުން ކޮންމެ ވަގުތެއްގައި ގުޅާލައިގެން ކުދިން އުޅޭ ނޫޅޭ ނުބެލޭނަމަ މިޒަމާނުގައި އެއްވެސް މަންމަ އަކަށް އަދި ބައްޕައަކަށް ހިތްހަމަޖެހުމެއް ނުލިބެ އެވެ.

ނަމަވެސް ހަނދާން ކުރަން ޖެހޭ ކަމަކީ ކުއްޖަކަށް ސްމާޓްފޯނެއް ދޭއިރު އެއީ އިންޓަނެޓުގެ ދުނިޔެއަށް އޭނާ ނެރެވެނީ އެވެ. އިންޓަނެޓް މެދުވެރިކޮށް ނުވެސް ދަންނަ މީހުންނާ އޭނާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އޭނާގެ ލޮކޭޝަން ޝެއާ ކޮށް ސޯޝަލް މީޑިއާގައި ބޭނުން އެއްޗެއް ޝެއާ ކުރުމުގެ ފުރުސަތު ވެސް ހުޅުވުނީ އެވެ.

ސޯޝަލް މީޑިއާ އަކީ މިހާރު ކުޑަކުދިންނަށް ވަރަށް ނުރައްކާ ތަނެކެވެ. ސައިބާ ބުލީ ކަންތައް އެހާ ބޮޑެވެ. ކުޑަކުދިންނަށް ނުރަނގަޅު ނަޒަރުން ބަލާ މީހުން ބައިވަރެވެ. އެހެންކަމުން ފޯނެއް ދޭނަމަ މިފަދަ މީހުންނަށް ކުދިން ތައާރަފް ވިޔަ ނުދޭން އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

ކުޑަ ކުއްޖަކަށް ސްމާޓްފޯނެއް ދޭން ޖެހޭނީ އޭގެން ކުރަން ޖެހޭނެ ކަންތަކާއި ނުކުރަން ޖެހޭނެ ކަންތައް އެ ކުއްޖާ އަށް ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ. އަދި ބޭނުން ކޮންމެ ތަނަކަށް އިންޓަނެޓް މެދުވެރިކޮށް ނުވަދެވޭނެ ގޮތް ހަދާފަ އެވެ. މީގެ އިތުރުން މާ ގިނައިރު ފޯނު ބޭނުން ކުރިޔަ ނުދީ އެކަން ވެސް ވަކި ހުދޫދެއްގެ ތެރޭގައި ބާއްވަން ގަވާއިދުތަކެއް ހަދާފަ އެވެ.

ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގައި މިހާރު ކުޑަކުދިންނަށް ސްމާޓްފޯނު ދޭ އެވްރެޖް އުމުރަކީ 10 އަހަރެވެ. އަދި އުމުރުން 12 އަހަރު ވާއިރު 50 ޕަސެންޓް ކުދިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހުރެ އެވެ. ފޭސްބުކް އާއި އިންސްޓަގްރާމްގައި މި ކުދިން ވަރަށް އެކްޓިވްކޮށް އުޅެ އެވެ.

ކުދިން އަތަށް ފޯނު ދިނުމަކީ ރަނގަޅު އަދި ގޯސް ކަމެއް ކަން ނިންމުމުގެ ބަދަލުގައި އެ ކުއްޖެއްގެ ހަރުދަނާ ކަން ހުރި މިންވަރަކަށް ބަލާ ފޯނު ދޭންވީ ކޮން އުމުރަކުން ފެށިގެން ކަމާއި ދުވާލަކު ކިހާ އިރަކަށް ކަން މައިންބަފައިން އަމިއްލައަށް ނިނމާށެވެ. އަދި އެމީހުން އެންމެ ހިތްހަމަޖެހޭ ދުވަސްވަރެއް އައުމުން ފޯނު ދޭށެވެ. އެއީ ގްރޭޑް އަށެއް ނިމުމުން ކަމަށް ވިޔަސް ހައި ސްކޫލް ފެށުމުން ކަމަށް ވިޔަސް މައްސަލައެއް ނެތެވެ.

ކުއްޖާއަށް ފުރިހަމައަށް އޭނާގެ ފޯނަށް ޒިންމާ ވެވިދާނެކަން ޔަގީންވުމުން ދިނުން ރަނގަޅުވާނެ އެވެ.