ކުޅިވަރު

ލިވަޕޫލުން އެއްވަނައިގައި 19 ޕޮއިންޓްގެ ލީޑެއް

ވެސްޓްހޭމް ޔުނައިޓަޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއްވަނައިގައި 19 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފި އެވެ.

ރޭ ވެސްޓްހަމްގެ މައްޗަށް ރޭ ހޯދި މޮޅާއެކު ލިވަޕޫލް ވަނީ، ލީގްގައި އެ ޓީމާ ކުރިމަތިލި ކޮންމެ ޓީމެއް ބަލި ކޮށްފަ އެވެ. އަދި ލީގްގައި ބަލި ނުވުމުގެ ލިވަޕޫލް ވަނީ 41 މެޗު ފުރިހަމަ ކޮށްފަ އެވެ. ނަވާރަ ޕޮއިންޓްގެ ބޮޑު ލީޑަކީ މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ސިޓީ އާއެކު ފުރަތަމަ ފަހަރަށް ލީގް ކާމިޔާބު ކުރިއިރު އޮތް ފަރަގެވެ. ސަތޭކަ ޕޮއިންޓް ހޯދި ސިޓީގެ ތާރީހީ އެ ސީޒަންގައި ސިޓީން ލީގް ނިންމާލީ 19 ޕޮއިންޓްގެ ލީޑަ ކާއެކު އެވެ.

ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބު ކުރީ މުހައްމަދު ސަލާހް އާއި އެލެކްސް އޮކްސްލޭޑް ޗެމްބާލިން އެވެ. މެޗުގެ 35 ވަނަ މިނެޓްގައި ސަލާހް ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. ދެ ވަނަ ލަނޑު ޗެމްބާލިން ކާމިޔާބު ކުރީ މެޗުގެ 52 ވަނަ މިނެޓްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކޮލްޕް ބުނީ، އޭނާގެ ކުދި ދަރިންތައް ޓީމުގެ ކުޅުންތެރިންނާ ހަވާލުކުރަންވެސް އޭނާ ޖެހިލުން ނުވާ ކަމަށެވެ.

"މި ކުޅުންތެރިންނާ އަހަރެންގެ ދަރިން ބަލަންވެސް ހަވާލު ކޮށްފާނަން، އެހާވަރަށް އަހަރެން މި ކުޅުންތެރިންނަށް އިތުބާރު ކުރަން." ކްލޮޕް ބުންޏެވެ.

ކްލޮޕް ފާހަގަ ކުރި އޭނާގެ ދަރިންނަކީ ލިވަޕޫލުގެ މިހާރުގެ ކުޅުންތެރިންނަށް ވުރެވެސް ދޮށީ ބައެކެވެ. އެހެންނަމަވެސް އޭނާ ފާހަގަ ކުރަނީ ކުޅުންތެރިންނާ މެދު އޭނާއަށް އޮތް އިތުބާރެވެ.