މާލޭގެ އިރުދެކުނުގައި އޮންނަ ސްވިމިން ޓްރެކް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، ސްވިމިން ޓްރެކް ބަންދު ކުރީ އެ ސަރަހައްދުގައި ހަދަމުންދާ ވިއުއިން ޕްލެޓްފޯމްގެ މަސައްކަތް ކުރިއަށްދާއިރު ކެރޭނޭއި އެސްކޭވަޓަރު ފަދަ ބާރު އުޅަނދުތައް ބޭނުންކޮށްގެން އެ ސަރަހައްދުގައި އަޅާފައިވާ ބޮޑު ހިލަތައް ނެގުމަށް މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް މޫދަށް އެރި އުޅުމާއި އެހެން ބޭނުންތަކަށް އެ ސަރަހައްދު އާންމުންނަށް ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.
އަދި އެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށް ސްވިމިން އެސޯސިއޭޝަނާއި އެ މަސައްކަތް ކުރާ މާޒިޔާ ކޮންސްޓަރަކްޝަނުންވެސް ޒިންމާ ނުނަގާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.