ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާވައިރަސް: ކުއްލި ހާލަތު އިއުލާނުކޮށްފި

ޗައިނާގައި ފެތުރެންފެށި ނުރައްކާތެރި ވަައިރަހެއް ކަމުގައިވާ ކޮރޯނާ ވައިރަސް ދުނިޔޭގެ އެތައް ގައުމަކުން ފެނި އެތައް ބަޔަކަށް ބަލި ޖެހެމުން ދިއުމާއި ގުޅިގެން ކުއްލި ހާލަތު އިއުލާނު ކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ވަނީ ސިއްްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.

ނޫސްވެރިންނާ ބައްދަލް ކުރައްވާ ވާހަކަދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ކޮރޯނާ ވައިރަސް ޗައިނާ ހިމެނޭ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 19 ގައުމަކުން ފެނިފައިވާ ކަމަށެވެ. އަދި ޗައިނާ ފިޔަވައި އެހެން ގައުމުތަކުން 98 ކޭސް މިހާތަނަށް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ.

އަދި މިހާތަނަށް މި ވަައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަަށް އަރަމުންދާކަން ކަަށަވަރުވެފައިވާއިރު އެފަދަ ކޭސްތައް އެތައް ގަައުމަކުން ފެނިފައިވާ ކަމަށެވެ.

"އަދި އެއް އިންސާނެއްގެ ގައިން އަނެެއް އިންސާނެއްގެ ގަޔަށް މި ވައިރަސް އަރާފައިވާ ކަން ހަތަރު ގައުމަކުން ވަނީ ކަަަށަވަރު ކުރެވިފައި، އެެއީ ޖަރުމަން، ޖަޕާން، ވިއެޓްނާމް އަދި އެމެެރިކާ." ޓެޑްރޯސް ވިދާޅުވިއެވެ.

މިހާތަނަށް މި ވަައިރަހުގެ އަސަރުކޮށްގެން ބަލިވި މީހުންގެ ތެރެއިން މަރުވި 170 މީހުންނަކީވެސް ޗައިނާގެ ރައްޔިތުންނެވެ. ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ވިދާޅުވީ މި ވަައިރަސް ހަލުވި މިނެއްގައި ގަައުމުތަކުގައި ފެތުރެމުންދާއިރު ސިއްހީ ރަނގަޅު ނިޒާމުތައް ނެތް ފަގީރު ގައުމުތަކުން މި ވައިރަސް ފެނިއްޖެނަމަ އެއީ ވަރަށް ބޮޑު ކާރިސާއަކަށް ވުމުގެ ބިރު އެބައޮތް ކަމަަަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވައިރަސް، ރަނގަޅު ސިއްހީ ނިޒާމެއް ނެތް ގައުމުތަކަަށް ފެތުރިގެން ހިނގައިދާނެތީ."

ނޫސްވެރިންގެ މި ބައްދަލްވުމުގައި ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ވަނީ ނުރައްކާތެރި ވައިރަސް އިން ރައްކާތެރިވުމަށް ޗަައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފައެވެ.

ޓެޑްރޯސް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކަކީ މި ވަައިރަސް މިހާރު އޮތް މިންވަރަށްވުރެ އިތުރަށް ނުފެތުރި އޮތް ސަބަބު ކަމަށެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ އެތައް ގައުމަކުން ފެނި އެތައް ބަޔަކަށް ބަލި ޖެހެމުން ދިއުމާއި ގުޅިގެން ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު ޗަައިނާއިން އައި ދިވެއްސެއްގެ ގައިގައި އެ ވައިރަސް ނެތް ކަން ކަށަވަރު ކުރުމަށް މިހާރު ވަނީ އެކަހެރި ކޮށްފައެވެ. މިއީ ރާއްޖޭގައި ކޮރޯނާ ވައިރަސް އާއި ގުޅިގެން މީހަކު އައިސޮލޭޝަން ސެންޓަރެެއްގައި އެކަހެރި ކުރި ފުރަތަމަ ފަހަރެވެ.