ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މަންކީޕޮކްސް: ޔޫރަޕުން އިޒްރޭލަށް

މަންކީޕޮކްސް އިޒްރޭލަށް އަރައިފި އެވެ. އިޒްރޭލުގެ ސިއްހީ އިދާރާތަކުން ވަނީ އެ ގައުމަށް މި ބަލި ވަދެއްޖެކަން ކަށަވަރު ކޮށްދީފަ އެވެ.

އިޒްރޭލަށް މަންކީޕޮކްސް އެރީ ޔޫރަޕުންނެވެ. ތެލްއަވީވްގެ ހޮސްޕިޓަލަކުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި ބަލި ފެނިފައި ވަނީ ޔޫރަޕުން އެ ގައުމަށް ދިޔަ 30 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ. ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.

މަންކީޕޮކްސް ޖެހުމުން ފާހަގަ ކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ. އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.

މަންކީޕޮކްސް އަކީ މީގެ ކުރިން ބައްރުތަކަށް ފެތުރިގެންފައިވާ ބައްޔެވެސް ނޫނެވެ. މި ބަލީގެ އާންމު ވެއްޓަކީ އެފްރިކާ ބައްރެވެ. އެހެން ނަމަވެސް، މިފަހަކަށް އައިސް ޔޫރަޕްގެ ގިނަ ގައުމުތަކުން މިބަލި ވަނީ ފެނިފަ އެވެ.

މަންކީޕޮކްސް ފެނިގެން އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފްރާންސް، ޖާމަން، ބެލްޖިއަމް، އިޓަލީ ޕޯޗުގަލް، ސްޕޭއިން، ކެނެޑާ، ސްވީޑަން، އޮސްޓްރޭލިއާ އަދި އެމެރިކާ ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް ފެތުރިގެންފައި ވަނީ ރާމާމަކުނުގެ ކިބައިންނެވެ. މިއީ ޖަނަވާރުންގެ މެދުގައި އާންމު ބައްޔެއް ނަމަވެސް އިންސާނުނަށް މިހާރު މިއޮތީ ފޯރާފަ އެވެ.

މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ.

ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

މަންކީޕޮކްސްއަށް ޚާއްސަ ވެކްސިނެއް، ފަރުވާއެއް އަދި ނެތެވެ. އެހެން ނަމަވެސް 2003 ގައި، މި ބަލި ފުރަތަމަ ފެތުރިގަތް ދުވަސްވަރު އެމެރިކާއިން ވަނީ ސްމޯލްޕޮކްސް -- ކަށިވިދުރި އަށް ބޭނުންކުރި ވެކްސިން، "ޖޭނެއޯސް" ބޭނުން ކުރަން ފަށާފަ އެވެ.

މަންކީޕޮކްސްއަށް ބޭނުން ކުރެވޭ ވަގުތީ ފަރުވާއެއް ގޮތުގައި ޖޭނެއޯސްއަށް، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެސް ވަނީ ހުއްދަ ދީފަ އެވެ. އަދި ސްމޯލްޕޮކްސް އާއި ކައުޕޮކްސްއަށް ފަރުވާދޭން ބޭނުންކުރި "ޓެކޯވިރީމާ" ވެސް ވަނީ މަންކީޕޮކްސްއަށް ފަރުވާދޭން ބޭނުން ކުރަން ފަށާފަ އެވެ.