ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހައިޑްރޮކްސީކްލޮރޯކްއީން ބޭނުންކުރުމުން ނަފުސާނީ ބަލިތަކަށް ހުށަހެޅޭ: އީއެމްއޭ

"ކްލޮރޯކްއީން" އަދި މި މާއްދާ އާ ގުޅުން ހުރި "ހައިޑްރޮކްސީކްލޮރޯކްއީން" ބޭނުން ކުރުމުން ނަފުސާނީ މައްސަލަތަކަށް ހުށަހެޅޭކަން ފާހަގަކުރެވިފައިވާ ކަމަށް، ޔޫރަޕިއަން ޔޫނިއަންގެ ޑްރަގް ރެގިއުލޭޓާ، ޔޫރަޕިއަން މެޑިސީންސް އޭޖެންސީ (އީއެމްއޭ) އިން ބުނެފި އެވެ.

ހައިޑްރޮކްސީކްލޮރޯކްއީން އަކީ މެލޭރިއާ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެކެވެ. ކޮވިޑް-19 އާ ގުޅިގެން މި ބޭސް މަޝްހޫރުވެފައި ވަނީ، ކޮވިޑް-19 އަށް ކަށަވަރު ފަރުވާއެއް ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ. ކޮވިޑް-19 އަށް ފަރުވާކުރުމަށް ހައިޑްރޮކްސީކްލޮރޯކްއީން އަކީ ރައްކާތެރި ބޭހެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

ސިއްހީ އިދާރާތަކުގެ މެދުގައި ހިލާފު އުފެދިފައި ހުރި ބޭސްތަކާ ބެހޭ ގޮތުން، ޔޫރަޕިއަން މެޑިސީންސް އޭޖެންސީން ބުނީ، ބޭހުގައި ހިމެނޭ ކެމިކަލްތަކުން ލިބިދާނެ ގެއްލުތައް، މި ފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް އޮޅުންފިލުވައި ދޭން ޖެހޭ ކަމަށެވެ. ބޭހާ ބެހޭ ތަފުސީލު މައުލޫމާތު ބޭސް ގަންނައިރު ލިބޭނެ ގޮތް ހެދުމަށް އީއެމްއޭ އިން ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ހާއްސަ ސަމާލުކަމެއް ދީގެން، ހައިޑްރޮކްސީކްލޮރޮކްއީން އާ ބެހޭ ގޮތުން ދިރާސާ ކުރަން ފެށީ ސްޕޭންގެ މެޑިކަލް އޭޖެންސީން ކުރި ރިޕޯޓާކާ ގުޅިގެންނެވެ. ސްޕޭނުން ކުރި ރިޕޯޓްގައި ބުނަނީ ކޮވިޑް-19 ބަލިޖެހިފައި ތިބި ބަޔަކަށް ހައިޑްރޮކްސީކްލޮރޯކްއީން ދިނުމުން އެ މީހުންގެ ކިބައިން ނަފުސާނީ މައްސަލަތައް ފެންނަން ފެށި ކަމަށެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރިގަތް ދުވަސްވަރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ހައިޑްރޮކްސީކްލޮރޯކްއީން ބޭނުންކުރުމަށް ޚާއްސަ ހުއްދައެއް ދީފަ އެވެ. އެހެން ނަމަވެސް، ލަސްތަކެއް ނުވެ އެ ހުއްދަ ވަނީ ބާތިލުކޮށްފަ އެވެ. ޔޫރަޕްގައި ކޮވިޑް-19 އަށް ފަރުވާކުރުމަށް ހައިޑްރޮކްސީކްލޮރޯކްއީން ބޭނުންނުކުރުމަށް އީއެމްއޭ އިން ތަކުރާރުކޮށް ވަނީ ގޮވާލާފަ އެވެ.